ޚަބަރު

ސަރުކާރު ބަނގުރޫޓު ވަމުން ދާތީ، ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ އަދި ގްރީޓް ޓެކްސް ބޮޑުކޮށް، ބްރިޖުން ދަތުރު ކުރާ އާންމުން އަތުން ފީ ނަގަން ނިންމައިފި

ދިޔަވަރު
ސަރުކާރު ބަނގުރޫޓު ވަމުން ދާތީ، ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ އަދި ގްރީޓް ޓެކްސް ބޮޑުކޮށް، ބްރިޖުން ދަތުރު ކުރާ އާންމުން އަތުން ފީ ނަގަން ނިންމައިފި

އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދު ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން އެކަން ހާމަކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ފާސްކޮށް މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓްގަ އެވެ. ރިޕޯޓް: (އެމްއެމްޓީއާރުއެސް)

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އާމްދަނީ އިތުރުކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން އަޅާނޭ ފިޔަވަޅުތަކަކީ:

އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ފީތަކާއި ޓެކްސްތައް ބޮޑުކުރުން؛ އެނގިފައިވާ ގޮތުގައި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ޑަބަލް ކުރަން ރާވާފައިވެއެވެ. މީގެ ސަބަބުން ފަތުރުވިކަމަށް އިތުރު ހީނަރު ކަމެއް އަންނާނެއެވެ.

ދެން އަޅާނޭ ފިޔަވަޅަކީ މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ނަގަން ފެށުމެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު އިތުރަށް ބޮޑުވެގެން ދާނެއެވެ.

އާމްދަނީ އިތުރުކުރަން އެންމެ ގިނަ ފިޔަވަޅުތައް ތަންފީޒު ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން އެ ރިޕޯޓްގައިވާ ގޮތުގައި އަންނަ އަހަރު ތެރޭ އަޅާނޭ ފިޔަވަޅުތަކަކީ:

ގްރީން ޓެކްސް ބޮޑުކުރުން، ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން، އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން، ފަތުރުވެރިކަން އަނެއްކާވެސް ހީނަރުވެ، ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އަރާނެއެވެ.

ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން މީގެ ތެރޭގައި ހިމެނޭ އިރު، އެ ޚަރަދު އަންނާނީ އިންޓަރނެޓް އަދި ފޯނު ބިލްތަކަށެވެ.
ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރާނެ ކަމަށް ބުނެފައިވާއިރު، ބައެއް ބޮޑެތި ރިސޯޓުތަކަށް ފައިދާ ނުވާތީ މި ލޯ ސީޒަން ގައި އެ ރިސޯޓުތައް ވަނީ ބަންދު ކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް އިންވެސްޓް ކުރާ މީހުން މަދުވެ، ބައެއް ރިސޯޓްތަކުގެ ޚަރަދު ބޮޑުވެ ރިސޯޓުތައް ހުއްޓެނެ ކަމަށް މި ދާޢިރާގެ ތަޖުރިބާ ކާރުން ބުނެއެވެ.

ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން
އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ ފިޔަވަޅުތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަޅަން ފަށާނެ އެވެ.

މީގެ އިތުރުން 2026، 2027 އަދި 2028 ގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުން. ނަ،މަވެސް މިއީ މިކަމަށް ސަރުކާރުން ތައްޔާރު ވެފައިވާ ކަމެއް ކަމަށް ނުވާތީ އެއީ ހާސިލް ކުރެވޭނެ ކަމެއް ނޫނެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުން
އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުން
ބްރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން
ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން
ފާހަގަކޮށްލެވޭ - މެދު ރާސްތާގެ އާމްދަނީގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަނީ ދައުލަތުގެ ހަރަދުތަައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާވުން ކުޑަކުރުމަށެވެ.

މީގެ އިތުރަށް:

އެ ރިޕޯޓްގައި އަދި ބުނީ މެދު ރާސްތާގެ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ %35.5 އިތުރުވާނޭ ކަމަށެވެ. މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން %32.5 އެވެ.

މިހާ ހިސާބަށް ޤައުމުގެ ހާލަތު ދާން ޖެހުނީ މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅި ކަމުންނާއި، ޚަރަދު ބޮޑުވުމާއި، ސަރުކާރުގެ ޚަރަދު ތައް މެނޭޖް ކުރުމުގެ ގާބިލްކަން ނެތުމުގެ ސަބަބުންނެވެ.