މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހު, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު މިސަރުކާރުން އަނެއްކާވެސް މަސްވެރިންނަށް ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްކޮށްގެން ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ގެންދަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި, ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައްކޮށް, ދުނިޔޭގެ އެތަންމިތަނަށް އުދުހެމުންނެވެ.
އެގޮތުން މިހަފްތާގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެމެރިކާއަށް ވަޑައިގެންފައިވާއިރު, ޓްރާންސްޕޯޓު މިނިސްޓަރ އަމީން ވީ ޔޫއޭއީއަށް ވަޑައިގެންފައެވެ. އޭގެ އިތުރުން ފިނިފެންމާ ސައީދުއާއި, ދަތްދޮޅި ޝަރީފްއާއި ޑރ. ޝަހީމްގެ އިތުރުން ހެލްތު މިނިސްޓަރ ޑރ. ޚަލީލު އުޅުއްވަނީ ޗައިނާއަށް ވަޑައިގެންނެވެ. އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމް ޔޫސުފް މާނިއުވަނީ ބެލްޖިއަމްއަށް ވަޑައިގެންފައެވެ.
ދިވެހި މަސްވެރިންގެ ހާލާމެދު މިބޭފުޅުން ޚިޔާލެއް ފިކުރެއް ކޮށްލުމެއް ނެތެވެ.
މިސަރުކާރުގެ ވަޒީރުން ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން, ފަސްޓު ކުލާހުގައި ދުނިޔޭގެ އެތަން މިތަނަށް އުދުހެމުންދާއިރު, މަސްވެރިންނަށް ހައްގުވާ 80 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އަދިވެސް ސަރުކާރުން ވަނީ ހިފަހައްޓާފައެވެ.
ފާއިތުވެދިޔަ ފެބްރުއަރީމަހު މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ނުދީ އެތައްމަހެއް ވަންދެން ހިފެހެއްޓުމަށްފަހު އޭރު ފިޝަރީޒް މިނިސްޓަރ ޝިޔާމު ވިދާޅުވެފައިވަނީ އެއަށްފަހު މަސްވެރިންނަށް ގިނަވެގެން މަސްކިރާތާ ހަފްތާއެއްތެރޭ ފައިސާ ދޭނެ ކަމުގައެވެ.
އެހެންނަމަވެސް އީދުގެ ކުރިން މަސައްވެރިންނަށް 120 މިލިއަން ރުފިޔާ ދޭން ޖެހިފައި ހުރިއިރު, އީދުގެ ކުރިން މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާގެ ތެރެއިން މިހާތަނަށް ދީފައިހުރީ 40 މިލިއަން ރުފިޔާއެވެ. ބާކީ އަދިވެސް ނުދީ 80 މިލިއަން ރުފިޔާ އެބަހުއްޓެވެ.
މިހާރު ޔަގީންވެފައިވާ ގޮތުގައި މަސްވެރިންނަށް އޭރު ސަރުކާރުން ފައިސާ ދޫކޮށްފައިވަނީ މަޖިލިސް އިންތިޚާބު ކުރިޔަށް އޮތީމައެެވެ. އެގޮތުން މަޖިލިސް އިންތިޚާބު ނިމި, ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު, ސަރުކާރުން އަނެއްކާވެސް މިވަނީ މަސްވެރިންގެ ހަލާލު ފައިސާ ހިފަހައްޓާފައެވެ.
އަދި މަސްވެރިން ހާލުގައި ޖެއްސުމަށްފަހު, ސަރުކާރުގެ ވަޒީރުންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ ދުނިޔޭގެ އެތައްމިތަނަށް ދަތުރު ކުރައްވަމުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. މިއީ މަސްވެރިން ހަލާލު މަސައްކަތުން ހޯދާ ރިޒުގުން މިސަރުކާރުންކުރާ ބޮޑު ވައްކަމެއްކަމުގައި މެނުވީ ނުވާނެއެވެ.