ޚަބަރު

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ނުކުރާނެކަމަށް ވައުދުވި މުއިއްޒު އެންމެ ފަހުން ޖީއެސްޓީ ބޮޑުކުރަން ނިންމައިފި! ސިޔާސީ މަގާމްތަކަށާއި ވެރީންގެ ދަތުރުފަތުރަށް ކުރާ ހޭދަ ދެން ފޫބައްދާނީ ރައްޔިތު މީހާގެ ޖީބުގައި ހުރި ފައިސާކޮޅުން ހޭދަކޮށްގެން!

ދިޔަވަރު
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ނުކުރާނެކަމަށް ވައުދުވި މުއިއްޒު އެންމެ ފަހުން ޖީއެސްޓީ ބޮޑުކުރަން ނިންމައިފި! ސިޔާސީ މަގާމްތަކަށާއި ވެރީންގެ ދަތުރުފަތުރަށް ކުރާ ހޭދަ ދެން ފޫބައްދާނީ ރައްޔިތު މީހާގެ ޖީބުގައި ހުރި ފައިސާކޮޅުން ހޭދަކޮށްގެން!

ފާއިތުވި ރިޔާސީ އިންތިޚާބުގައި, ރައްޔިތުން އަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެކަމަށް ވައުދު ވުމަށްފަހު, އާންމު ރައްޔިތުން ދައުލަތަށް ދައްކާ ޖީއެސްޓީ ބޮޑު ކުރުމަށް މި ސަރުކާރުން ނިންމައިފިއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ޖީއެސްޓީ %8 އަށް ބޮޑު ކުރުމުން އެ ސަރުކާރުގެ އެ ނިންމުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުއިއްޒުއެވެ. އެގޮތުން ރައީސް މުއިއްޒު ފާއިތުވި ރިޔާސީ އިންތިޚާބުގައި ވައުދުވެފައިވަނީ, ރައްޔިތުން އަތުން ނަގަމުން އަންނަ އެއްވެސް ޓެކުހެއް ބޮޑު ނުކުރައްވާނެ ކަމުގައެވެ.

އެހެންނަަމަވެސް އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދު ބޮޑުކުރަން ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ސަރުކާރުން އެކަން ހާމަކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ފާސްކޮށް މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓްގަ އެވެ. 

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އާމްދަނީ އިތުރުކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން އަޅާނޭ ފިޔަވަޅުތަކަކީ:

  • އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ފީތަކާއި ޓެކްސްތައް ބޮޑުކުރުން؛ އެނގިފައިވާ ގޮތުގައި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ޑަބަލް ކުރަން ރާވާފައިވޭ
  • ދެން އަޅާނޭ ފިޔަވަޅަކީ މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ނަގަން ފެށުން 

އާމްދަނީ އިތުރުކުރަން އެންމެ ގިނަ ފިޔަވަޅުތައް ތަންފީޒު ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން އެ ރިޕޯޓްގައިވާ ގޮތުގައި އަންނަ އަހަރު ތެރޭ އަޅާނޭ ފިޔަވަޅުތަކަކީ:

  • ގްރީން ޓެކްސް ބޮޑުކުރުން
  • ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
  • އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން 
  • ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
  • ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން
  • ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން

އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ ފިޔަވަޅުތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަޅަން ފަށާނެ އެވެ.