ވެރިކަމަށް ވަޑައިގަތީ ތިމަންނާގެ ޕޮލިސީ އަކީ "ޕްރޯ މޯލްޑިވްސް" ކަމަށް ބުނެއެވެ. ޚާރިޖީ ސިޔާސަތު އެއް ހަމަ އެއްގައި ހިފަހައްޓާނެ ކަމަށާއި، އަދި ވަކި ޤައުމެއްގެ ފަސްބައިގައި ނޯންނާނެ ކަމަށް ބުނެ އަވަށްޓެރި އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އެތައް ޤަރުނެއް ވަންދެން އޮތް ގާތް ގުޅުމަަށް ދިޔައީ މައްލަވަ ކުރަމުންނެވެ.
ޕްރޯ މޯލްޑިވްސް ގެ ސިޔާސަތު ޚާރިޖީ ސިޔާސަތަކަށް ހެދުމަށް ވެރިކަމަށް އައުމަށް ފަހު، ޗައިނާއަށް ވަޑައިގެން ސެލިއުޓު ކުރެއްވީ ޗައިނާގެ ދިދައަށެވެ. އެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް، ޗައިނާ ދިދައަށް ނުކުރި ކުރުނީސް އެއް، މުއިއްޒު ކުރިތަން ފެނިގެން ދިޔުމަކީ ދިވެހިން ލަދުގަތް ކަމެކެވެ.

ރާއްޖޭގެ ފަސްގަނޑުގައި ޖެހުމާއި އެކު އެމަނިކުފާނުގެ އަނގައިން ނުކުތީ ޗައިނާއިން މުއިއްޒުގެ އަނގައަށް ކޮފެންދެން އަޅައިދިން ދެތިން ބަހެވެ. "We might be small but don't bully us" އެވެ. މިއީ ރާއްޖޭގެ ރައީސް، ޚާރިޖީ ސިޔާސަތު ގެންގޮސް ވައްޓާލި ވަޅުގަނޑެވެ.
ވެރިކަން ލިބުމަށް ފަހު، އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި، އެ ވިދާޅުވި އެތައް ހާސް އިންޑިޔާ ސިފައިންނެއްވެސް ނުފެނުނެވެ. އަދި ދެކުނުން އެންމެ ކައިރީގައި އޮތް، މޮރިޝަސް އަށް ވިއްކާލި ކަމަށް ބުނި ކަނޑުވެސް ހޯދަ ހޯދާ ހަމަ ނުފެނުނެވެ. ދެކުނުން މޮރިޝަސް އާއި ޖެހިގަނެ، އުތުރުން އިންޑިޔާއާއި ޖެހުގަނެގެން ވެރިކަމަށް އައުމަށް ފަހު، ހިފެހެއްޓީ އެ ބޯހަރު ގޮތްދޫނުކުރާ ސިޔާސަތެވެ. ހުރިހާ ދެރައަކާއި ގެއްލުމެއް ލިބުނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށެވެ.
ޗައިނާ ނޫން ރައްޓެއްސެއް ނެތް
ދިވެހިރާއްޖެ އަނެއްކާވެސް ބައިނަލްއަޤްވާމީ ދުނިޔޭގައި މިވަނީ ބާކީވެފައެވެ. މިއަދު ޗައިނާ ނޫން ރައްޓެއްސެއް ދިވެހި ސަރުކާރުގައި ނެތެވެ. ތުރުކީއަށް ކުރި ދަތުރުން، ދިވެހި ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވެ، 37 މިލިއަން ޑޮލަރު ލިބުނީ ތުރުކީއަށެވެ. ޑްރޯންގެ ޑީލެއްގެ އަޅުވައި ކުޑަ ކުޑަ މި ފަގީރު ރާއްޖެއަށް އެހެން އެއްވެސް ބަޔަކަށް ނުވިއްކާ ބޮޑު އަގުގައި ޑްރޯން ވިއްކާލައި 37 މިލިއަން ޑޮލަރު އުރުދުޣާން އެ ޤައުމަށް ހޯދީ އޭނާ މޮޅު ކަމުންނެވެ. މުއިއްޒުގެ ދަތުރުން 37 މިލިއަން ޑޮލަރު ދިވެހިރާއްޖެއަށް ގެއްލިގެން ދިޔައިރު ކުޑަމިނުން ހަނޑޫ ފުކެއް ހާ ހިސާބުވެސް ތުރުކީއިން މުއިއްޒަކަށް ނުލިބުނެވެ. އެއާއި ޚިލާފަށް ރައީސް ސޯލިހްގެ ފުރަތަމަ ފުރަމާނަ ދަތުރު ވެގެން ދިޔައީ ޤައުމަށް އާރޯކަމާއި، އިޤްތިޞާދަށް ފުރިހަމަ ކަމާއި، ރައްޔިތުންގެ މުހުތާދުތައް ފުއްދޭނެ މަގު ހޯދައިގެން ވަޑައިގެންނެވި ދަތުރަކަށެވެ.
ރާއްޖެއަށް ދެން އެހީތެރިކަން ދޭ ޤައުމުތަކަށް ބަލާލާއިރު، ކުވައިތު ފަންޑުން ރާއްޖެއަށް ހަމަ ޖެހިފައި ހުރި ޕްރޮޖެކްޓްތައްވެސް މުއިއްޒުގެ ސަރުކާރު އައުމުން، ފަންޑު ކުރަން ދެކޮޅު ހަދައި އެގައުމުން ހުއްޓާލިއެވެ. ސައުދީއަށް ވަޑައިގެން އެތައް ދުވަހަކު އެ ޤައުމުގައި ހުންނަވާފައި ވަޑައިގެންނެވި އިރުވެސް، ސައުދީ ރަސްގެފާނެއް މުއިއްޒު އާއި ބައްދަލު ނުކުރެއްވިއެވެ. ސައުދީގެ ބާރުވެރި އެއްވެސް ވެރިއަކު މުއިއްޒު އާއި ބައްދަލު ކޮށްލަން ބޭނުން ނުވިއެވެ. ޔޫއޭއީ އަށް ފުރަމާނަ ދަތުރެއް ކުރުމަށް ބޭނުންފުޅުވެގެން އެކަމަށް އެގައުގައި ދިވެހި ސަރުކާރުން އެދިގެން އުޅޭތާ މިހާރު 6 މަސް ދުވަސް ވީއެވެ. ސަރުކާރުގެ 6 ދުވަހުގެ މަސައްކަތުން މިއިން އެއްވެސް ޤައުމަކުން ބަޖެޓް ސަޕޯޓަށް ލޯލާރިވެސް ނުލިބުނެވެ.
އެންމެ ކައިރީގައި އޮތް އިންޑިޔާ އަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިކަމުގެ އަތް ފޯރުކޯށްދޭ ޤައުމެވެ. އެޤައުމާއި ދެކޮޅުވެ ޒަމާންވީ ރަހުމަތްތެރިކަން ގެއްލުވާލީ މުއިއްޒެވެ.
އެމެރިކާގެ އެމެރިކަން އެއިޑް އިން، ރާއްޖޭގެ މިލިޓަރީއަށް ވަމުންދާ އެހީތަކަކީ ކުރީ ސަރުކާރުން ހަމަޖައްސާފައިވާ އެހީ ތަކެކެވެ. އެ އެހީތައް އާވެގެން ދާ މަންޒަރަކީ ވަރަށް ނާދިރު މަންޒަރެކެވެ. އެމެރިކާގައި މިވަގުތު ޒަމީރު ހުންނެވީވެސް، ގުޅުންތައް ގޯސްވެގެންނެވެ. އޭގެ އަސަރު ރާއްޖެއަށް ފޯރައި ރާއްޖެ އިތުރަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ބާކީ ވެގެން ދާނެއެވެ.
މިއަދު ރާއްޖެއަށް އެހީވާ ހަމަ އެންމެ ޤައުމެއްވެސް ނެތެވެ. ފުރުޞަތުގެ ބޭނުން ހިފައި، ޗައިނާއިން ދަނީ އުރުދުޣާން އަށް ވުރެ، މޮޅަށް ކަން ރާވަމުންނެވެ. ރާއްޖޭގެ ވަސީލަތްތައް ޗައިނާގެ މިލްކިއްޔާތަށް ހަދަމުންނެވެ.
ޗައިނާއިން ރާއްޖެއަށް ކުރަނީ މަލާމާތް
ޗައިނާއިން ރާއްޖެއަށް ދަނީ މަލާމާތް ކުރަމުންނެވެ. 40 ޓަނު ފިޔާ ބެހުމާއި، ހައެއްކަ އެމްބިއުލާންސް (ވަސީލަތް ފުރިހަމަ ނުވާ، ބަގީ) ތަކެއް ދިނުމާއި، މާފުށީ ސްކޫލަށް ބޭނުންވާ ހައެއްކަ ވައިޓް ބޯޑާއި، ބެޑްމިންޓަން ރެކެޓާއި، ދެތިން ބޯޅަ ދީ، ދިވެހިން ފެނަށް ޖެހިފައިވާ ކަމަށް ބަލައި، މިސްކިތްތައް ބަންދުކޮށް، ފެންކޭސްތަކެއް ޖެހުން ފިޔަވާ އެއްވެސް އެހީތެރިކަމެއް ޗައިނާއިން ވެދީފައި ނެތެވެ. މިއިން ކޮންމެ އެއްޗަކީ ޑޮނޭޝަން އެކެވެ. "އެހީތެރި" ކަމޭ ބުނުމުގެ ބަދަލުގައި ޗައިނާއިން ބުނަނީ އެއީ ޑޮނޭޝަން ކަމަށެވެ. ޗައިނާއިން ރާއްޖެ ދެކެނީ އެފްރިކާ ބައްރުގެ ނިކަމެތި ޤައުމެއް ގޮތުގައެވެ. އެކުވެރި، އެއްވަރެއްގެ ޕާރޓްނަރުން ގޮތުގައި ގަބޫލު ކުރާ ބަޔަކު، ފިޔައާއި ފެނާއި، ފޮނުވައި ދިވެހިން ކިޔު ޖައްސައި ނިކަމެތި ކޮށް ނުލާނެއެވެ. ޗައިނާއިން މިކަންކަން ކުރަނީ އާންމުންނަށް ޗައިނާ އަކީ ދިވެހިންގެ ތަރައްޤީ އަށް ކަންކަން ކުރާ ބައެއް ކަން އެއްވެސް ކަމެއް ނުކޮށް، މަންޒަރު ދެއްކުމަށެވެ. ނަމަވެސް އެފްރިކާ ރައްޔިތުންހާ ފަސޭހައިން ދިވެހިން ގުނބޯ ނުހެއްދޭނެއެވެ.
ފަތުރުވެރިކަމަށް ޗައިނާއިން އެހީ ލިބޭނެ ކަމަށް ބެލެވުނަސް، ރާއްޖޭގެ ފަތުރުވެރިކަން ދަނީ ދަށަށެވެ. މި މޫސުމުގައި ރިސޯޓްތަކެއް ބަންދު ކުރަން ޖެހިފައި ވަނީ އެެހެންވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ދައްކަނީ ބަނަކޮށެވެ. މިއަހަރު އެކަނި 3.9 ބިލިއަން ޑޮލަރުގެ ގެއްލުމެއް ފަތުރުވެރި ކަމުގެ ސިނާއަތަށް މުއިއްޒުގެ ފެއިލްވެފައިވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ލިބޭނެ ކަމަށް އަންދާޒާ ކުރެއެވެ. މިއީ ހަމަހަމަ ކަމެއް ނެތް ޚާރިޖީ ސިޔާސަތުގެ ނަތީޖާއެވެ.
ޗައިނާ، ދިވެހި ޤައުމުގެ ލޭ ބޯ ވެމްޕަޔަރ؟
7 މަސް ވެގެން ދިޔައީއެވެ. ޤައުމު މިއޮތް ބަނގުރޫޓުވެ ދަނީއެވެ. ޓެކްސް ބޮޑު ކުރަން ނިންމައިފިއެވެ. ބްރިޖުން ދަތުރުކުރާ އާންމުން އަތުން ފީވެސް ނަގަން ނިންމައިފިއެވެ. ނަމަވެސް 7 މަސް ވިއިރު، ޗައިނާއިން ބަޖެޓް ސަޕޯޓަށް، ގައުމަށް ވެދިން އެހީއެއް ނެތެވެ. ކުޑަ މިނުން ދައްކަން ހުރި ލޯނުތައް ބަހާލަ ދިނުމަށްވެސް ޗައިނާ ވަނީ އިންކާރު ކޮށްފައެވެ. އެކަން ނުކުރެވޭނެ ކަމަށް ބުނީ ސީދާ ޗައިނާގެ އެމްބަސަޑަރެވެ.
ނަމަވެސް ޗައިނާގެ ޕްރައިވެޓް ކުންފުނިތަކާއި އެކު ރާއްޖެއިން ވަނީ އެއްބަސްވުން ތަކެއްގައި ސޮއެ ކޮށްފެއެވެ. މި ގޮތުން ލާމު އަތޮޅުގައި އަޅާ ބަންކަރިންނާއި، ބަނދަރާއި އެތަނުން 3 ފަޅު ރަށް ޗައިނާގެ ކުންފުންޏަކަށް ދީފައި ވަނީ 99 އަހަރަށެވެ. މިއިން އެއްވެސް ޕްރޮޖެކްޓަކުން ރާއްޖެއަށް 99 އަހަރު ވަންދެން ފައިދާ ނުވާތާގައި ފައިދާ ވަނީ ޗައިނާއަށެވެ. މިފަދަ ގޮތް ނޭނގޭ ސިއްރު އެތައް ޕްރޮޖެކްޓްތަކެއް ވަނީ އެޗްޑީސީއާއި އަދި، ކޮންސްޓްރެކްޝަން މިނިސްޓްރީއިން ވަނީ ޗައިނާ އާއި އެކު ސޮއެ ކޮށްފައެވެ. މިއީ ޗައިނާއަށް ރާއްޖޭގެ އެކި ސަރަހައްދު ތަކުން ބޮޑެތި ބިންތަކާއި، ތަންތަން ދިވެހިންނަށް އެއަށް ބާރު ނުފޯރާހެން އުމުރަށް ދިނުމެވެ. އެހެން ކަމުން އުރުދުޣާން އަށް ވުރެ ޗައިނާ މާ މަކަރު ވެރިއެވެ. ޤައުމު އެމީހުންގެ ތަރިކަ މުދަލަށް ހަދަނީއެވެ. ޗައިނާއިން ދިވެހި ޤައުމުގެ ލޭ ބޮއެ ހުސް ކުރަނީއެވެ.
މި ޕްރޮޖެކްޓްތަކުން ވަނީ އެންމެ ފައިދާއެކެވެ. އެއީ މުއިއްޒު އާއި، އޭނާގެ މިނިސްޓަރުންގެ ޖީބު ތަކަށް ވަންނަ ފައިސާއެވެ. ކޮރަޕްޝަންގެ ހުތުރު ފައިސާއެވެ. ޤައުމު ވިއްކައިގެން ލިބޭ ފައިސާއެވެ. ޤައުމުގެ ލޭ ޗައިނާއަށް ދީގެން ލިބޭ ނަހަލާލު ފައިސާއެވެ. މިހާރު ޗައިނާގައި ތިބި 4 މިނިސްޓަރުންނަކީ، އެ ފައިސާއިން މެހެމާންދާރީ ލިބެމުންދާ ކޮރަޕްޓް ފަރާތްތަކެކެވެ.

ޗައިނާގެ ތުންފުއްސަކަށް މުއިއްޒު ވުން
ޗައިނާ އިން ނުވާ އެހީއަށް، "ޕްރޯ މޯލްޑިވްސް" ދޫކޮށް،، ޗައިނާގެ ވިޔަފާރި ވެރިންގެ ޖީބުން ސެންޓް ފުޅި އަކަށާއި، އަތުކުރު ގަނޑި އަކަށާއި، ޗައިނާއަށް ދާ ދަތުރުތަކުގައި ވެދުމަށް އަރުވާ ޖާރިޔާ ތަކުގެ ބަދަލުގައި ޗައިނާގެ ތުންފުއްސަކަށް މުއިއްޒުގެ ސަރުކާރު ވެގެން ދިޔުމީ ދިވެހި ޤައުމަށް މުއިއްޒު ވެފައިވާ އަދާވާތްތެރި ކަމެކެވެ. ޤައުމަށް ވެފައިވާ ގައްދާރު ކަމެކެވެ. މިއަށްވުރެ ބޮޑު ފަޟީހަތެއް ޤައުމަކަށް އޮންނާނެތޯއެވެ؟
ޕީއެންސީ ސަޕޯޓަރުން އަތް ޖަހަން ތިއްބާ "ޕްރޯ-މޯލްޑިވްސް" އެމީހުންގެ ހަނދާނުން ފުހެވި ގޮސްފިއެވެ. ޗައިނާ، ޗައިނާ، ޗައިނާ ނޫން އެއްޗެއް މިއަދު ނެތެވެ. ޤައުމިއްޔަތެއް ވެސް ނެތެވެ. އޮތީ ޗައިނިއްޔަތެވެ. ޗައިނާގެ ފަރާތުން އެހީތެރިކަމެއް ނުލިބި ޤައުމު މިއޮއްގެން ބޭންކްރަޕްޓް ވަނީއެވެ. މިއަދު އަޅުގަނޑުމެން އިންޑިޔާ މަތިން މިސް ވެއެވެ. މިއަދު އިންޑިޔާ ގާތް އެކުވެރިއެއްގެ ގޮތުގައި އޮތް ނަމަ، އެހީތެރި ކަމުގެ ހިތްހެޔޮ އަތް ދިއްކޮއްލާނެއެވެ. ކޮވިޑްގައި ދިއްކޮލި ހެންނެވެ. އެކުވެރިއަކު ބަނގުރޫޓުވާން ދޫކޮށް ނުލާނެއެވެ. އެކަން އިންޑިޔާ ވަނީ ދިވެހިންނަށް ދަތިކަން ކުރިމަތިވި ކޮންމެ ވަގުތެއްގައި ސާބިތު ކޮށް ދީފައެވެ.
އައިއެމްއެފް، ޗައިނާ އިން ނުވި އެހީ ލަންކާއަށްވެ، ކޮވިޑުގައި ލަންކާ ސަލާމަތް ކޮށްދިނީ، 4 ބިލިއަން ޑޮލަރު ދީގެންނެވެ. މިތުރުންނާއި، ހަތުރުންނާއި، އަވަށްޓެރިން ނޭނގޭ މީހަކު ވެރިކަމަށް އައުމުން ގައުމަށް ވާނެ ގޮތް ވެގެން މި ދަނީއެވެ. މުއިއްޒުގެ ހަމައެއް ލަމައެއް ނެތް ޚާރިޖީ ސިޔާސަތުން މުޅި ޤައުމު ޣަރަގުވެ ދަނީއެވެ.