މިލިޔުން ލިޔެފައި މިވަނީ މާލެ ތެރޭގައި، މިކަމާއި ގުޅިގެން ދެކެވެމުންދާ ވާހަކަ ތަކުން އެންމެ މުއުތަބަރު ކޮށް ލިބިފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާ ކޮށެވެ. އަދި މިލިޔުމުގައި މިވަނީ ސިއްރު ނުވަތަ އާ މައުލޫމާތެއް ނޫނެވެ.
ރައީސް މުޢިއްޒުއާއި ގާތްވުމަށް ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒުގެ (އޭރުގެ) އަނބިމީހާ ޝަމްނާޒު ސިހުރު ފަންޑިތަ ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވާއިރު، މި މިސިހުރު ފަންޑިތައިގެ ކަންކަމުން މިނިސްޓަރު ރަމީޒަށް ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ، ޝަމްނާޒު ވަރިކުރުން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވި ވާކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ރަމީޒު ވަނީ ޝަމްނާޒު ވަރިކޮށް އެކަން ރައީސް މުޢިއްޒު އަށް އަންގާފައި ކަމުގައި ވެއެވެ.
މި މުޅި މައްސަލާގައި އަޑިނޭނގޭ އެތައްކަމެއް އެކުލެވިގެންވެއެވެ. މި ސިހުރު ކުޅިގަނޑުގެ ތެރޭގައި، ސަރުކާރު ތެރޭ ތިބި އެތައް ބަޔަކާއި މެދު މުއިއްޒު ވަނީ ނުރުހި، އަދި ބައެއް މީހުން ވަނީ ސަލާމަތް ނުވެވޭ މިންވަރަށް ބެދި ތާށި ވެފައެވެ.
މިކަމުގައި އިތުރަށް ހެރިންސް އައްލޯ އާއި އޭނާގެ އަންހެނުންވެސް ބައިވެރިވިކަމަށް ލަފާކޮށް، މައްސަލާގައި އެމީހުންނާއި ސުވާލު ކުރި ކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލާގެ ތަހުޤީޤަށް ހާޒިރުކުރުމުން ހެރިންސް އައްލޯ ވަނީ ހުރިހާ އެއްޗެއް ސާފުކޮށް ކިޔައިދީ، އެކަމުގައި އޭނާގެ ދައުރެއް ނެތް ކަން ސާފު ކޮށް، ރައީސް މުޢިއްޒު ގެ އަރިހުން މަޢާފަށް އެދިފައެވެ. މުޢިއްޒު ވަނީ ހެރިންސް އައްލޯއަށް އިތުރު ފުރުޞަތެއް ދީފައި ކަމަށް ވާހަކަ ދެކެވެއެވެ.
ރައީސް މުޢިއްޒު ގެ މޭޔަރުކަމުގެ ޒަމާނުގައި ނިކަން ވަރުގަދައަށް އުޅުއްވި ނާސިހާއެއްގެ ވާހަކަ އަޑުއެއްސެވީމުތޯއެވެ؟ ތައުލީމީ ގޮތުން މާބޮޑު އެއްޗެއް ނޭނގުނަސް، ރައީސް މުޢިއްޒު ގެ މޭޔަރު ޒަމާނުގައި ނާސީހާ ގެންގުޅުއްވީ ސިޓީ ކައުންސިލް ގެ 'ކޮންސަލްޓަންޓަކަށެވެ.' އެއީ ޝަމްނާޒު ގެ 'ބެސްޓް ފްރެންޑް' އެވެ! ނާސީހާ އަށް ވަޒީފާ ދެއްވީ ސީދާ ރައީސް އޮފީހުންނެވެ. ރައީސް މުޢިއްޒު ގެ ކޮޓަރިކޮޅުގެ ކަންކަން ބެލެހެއްޓުމުގެ ޚާދިމާއަކީ ނާސިހާއެވެ. ޝަމްނާޒުގެ ކުޅިގަނޑު ފަޅާ އަރައިގެން ނާސިހާވެސް ވަނީ ރައީސް އޮފީހުން ބޭރުކޮށްލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ނާސިހާވެސް ވަނީ ސިހުރު ކުޅިގަނޑު ބައިވެރިވެ، ޝަމްނާޒު ދެއްވާ ފެންފުޅިތަކާއި ކުރުނބާ ފެންފޮދު ފަދަ ބުއިންތައް ރައީސްގެ ކޮޓަރިކޮޅަށް ވައްދާފައި ކަމުގައި މާލެ ތެރޭގައި ވާހަކަ ދެކެވެއެވެ.
މިއީ ޝަމްނާޒު ހައްޔަރުކޮށްގެން ނިމެން އޮތް މައްސަލައެއްނޫނެވެ. ދިޔަވަރު ނޫހުން މެޑަމް ސާޖިދާއަށް ގޮވާލަނީ މިމުޅި މައްސަލާގައި ޝާމިލުވާ އެންމެންނާއި މެދު އެކަށީގެންވާވަރުގެ ފިޔަވަޅު އަޅައި އިންސާފު ޤާއިމު ކޮށްދިނުމަށެވެ. މައްސަލަ މުލުން ލުހެ ނުލަންޏާ ފަޅާނީ ހަމަ އާރޯ ކުރިއެވެ. މިކަމުގައި ބައިވެރިވި މީހުންނާއި، އެހީވި މީހުންނާއި، މިކަން ހިނގާކަން އެނގި ސިއްރު ކުރި ބަޔަކު ތިބިކަން މުޅި ރާއްޖެއަށް އެނގޭ އިރު، އެކަމާއި ގުޅިގެން އެމީހުން ހައްޔަރު ނުކޮށް ފަސްޖެހުމުން ފެންނަނީ މުއިއްޒުގެ ވެރިކަމުގެ ބަލިކަށި ކަމެވެ. އާދަމް ރަމީޒުއަށް މިކަމުގެ މައުލޫމާތު ނޭނގެޔޭ ބުންޏަސް މިކަން ޤަބޫލުކުރާނީ ކާކުތޯއެވެ. ކޮންމެ މީހަކު ޤައުމުގެ ވަލިއްޔުލްއަމްރު ކަމުގައި ހުއްޓަސް، ސިހުރު ހެދުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. މިވަރުގެ ނުރައްކާތެރި 'ހަމަލާ' އެއް ދިނުމަށް ރޭވި ހުރިހާ މީހުންނާއި އަދި އެކަމުގެ މައުލޫމާތު އެނގިތިބެ، މުއިއްޒަށް ސިއްރު ކޮށްފައި ތިބި ބަޔަކު ވަޒީގައި ތިބެގެން މުއިއްޒުގެ ވެރިކަމަށް އެދޭނެ ހެވެއް ނޯންނާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އެމީހުނާއި މެދު ފިޔަވަޅު އެޅުމެވެ.