ޚަބަރު

އެމްއެމްއޭގެ ރިޕޯޓްތަކުން ދައްކާ ގޮތުން ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް %53 ދަށަށް ގޮސް، ބާކީ ހުރީ އެންމެ 73 މިލިއަނަށް ޑޮލަރު. ޤައުމު މިދަނީ އިޤްތިޞާދީ ކާރިސާއަކަށް.

ދިޔަވަރު
އެމްއެމްއޭގެ ރިޕޯޓްތަކުން ދައްކާ ގޮތުން ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް %53 ދަށަށް ގޮސް، ބާކީ ހުރީ އެންމެ 73 މިލިއަނަށް ޑޮލަރު. ޤައުމު މިދަނީ އިޤްތިޞާދީ ކާރިސާއަކަށް.

އެމްއެމްއޭގެ ރިޕޯޓްތަކުން ދައްކާ ގޮތުން ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް %53 ދަށަށް ގޮސް، މިދިޔަ މޭއި މަހުގެ ނިޔަލަށް ބާކީ ހުރީ އެންމެ 73 މިލިއަނަށް ޑޮލަރެވެ. މިދިޔަ އަހަރު ޖޫން މަހުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ހުރީ 168.1 މިލިއަން ގައެވެ. އެހެން ކަމުން މިއީ %53 ޕަސެންޓުގެ ދަށް ވުމެކެވެ. މުއިއްޒު ވެރިކަމަށް އައި އިރު، އެމްއެމްއޭގެ ރިޕޯޓްތަކުން ދައްކާ ގޮތުން ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ގާތްގަޑަކަށް 100 މިލިއަން ޑޮލަރަށް އަރައެވެ. ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސްފައި ވަނީ ސަރުކާރުން ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެއްވެސް އެދެވޭ މަސައްކަތެއް ކޮށްފައި ނުވާތީއެވެ.

އެވްރެޖް ގޮތެއްގައި 2022 ވަނަ އަހަރު ރާއްޖެއަށް ކޮންމެ މަހަކު 293 މިލިއަން ޑޮލަރުގެ މުދާ އެތެރެ ކޮށްފައި ވެއެވެ. 2023 ގެ އެސްޓިއޯގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން 73.3 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ކޮންމެ މަހަކު އެސްޓީއޯއިން އެވްރެޖް ގޮތެއްގައި ރާއްޖެ އެތެރެ ކުރެއެވެ. އެހެން ކަމުން، މި އަދަދުގެ މައްޗަށް ބަލާއިރު، ސަރުކާރުގެ ރިޒާރވްގައި ހުރި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް 73 މިލިއަން ޑޮލަރުގައި ހުރުމަކީ ރާއްޖެއަށް ކާބޯތަކެއްޗާއި ތޮޔޮ ގަތުމުގައި އެސްޓީއޯ އަށް ޑޮލަރު ހޯދުމަށް ބޮޑެތި ދަތިތަކެއް ފޯރާނެ ކަމަށް ބެލެވޭ ވަރުގެ އަދަދެކެވެ.

ނޮވެމްބަރު 2023 އިން ފެށިގެން މި 7 މަސް ތެރޭގައި، ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް ރާއްޖޭގެ ހުރި ގޮތަށް ބަލާއިރު، ޑިސެމްބަރު 2024 ގައި ރާއްޖޭގެ ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް 50 މިލިއަން ޑޮލަރަށް ވެއްޓޭނެ ކަމަށް ބެލެވެއެވެ.

ސަރުކާރުން މިކަމާއި މެދު ކުއްލި ފިޔަވަޅު ތަކެއް ނާޅައިފި ނަމަ، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭ ރާއްޖެއަށް ބޭރުން މުދާ އެތެރެ ކުރެވެނެ ގޮތެއް ނޯންނާނެއެވެ.

އަދި ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ޑޮލަރު ފޮނުވޭނެ ގޮތް ނެތި، ރާއްޖެ އަނބުރާ އަންނަން ޖެހުމަކީވެސް އެކަށީގެން ވާ ކަމެކެވެ.

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް މުއިއްޒުގެ ސަރުކާރުގައި ހުސްވަމުން ދާއިރު، މިއީ ޑޮލަރުގެ ދަތިކަން ރަނގަޅު ކުރާނެ ކަމަށް ބުނެ ރައްޔިތުން ހައްދައިގެން ވެރިކަމަށް އައި ބައެކެވެ. ވެރިކަމަށް 7 މަސް ވެގެން ދިޔައިރު، ޑޮލަރުގެ މައްސަލަ ހައްލު ކުރަން އަޅާފައިވާ އެއްވެސް ފިޔަވަޅެއް ނެތްތާގައި ސަރުކާރުގެ އަމަލުތަކުން ޑޮލަރު ޤައުމަށް ލިބުން ދަތިވެ، މަދުވެފައިވާ މިންވަރު އެމްއެމްއޭގެ ހިސާބު ތަކުން އެހެރީ ފެންނާށެވެ.

ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ރާއްޖޭގައި ދަށްވެ، އިޤްތިޞާދީ ކާރިސާއަކަށް ރާއްޖެ މިދާ ސަބަބަކީ މުއިއްޒުގެ ސަރުކާރަށް ދައުލަތުގެ ފައިސާ މެނޭޖް ކުރަން ނޭނގުމާއި، ސިޔާސީ ފަރާތްތަކަށް ކުރާ ޚަރަދު ބޮޑުވުމާއި، ސަރުކާރުގެ ދަތުރު ތަކާއި އިސްރާފު އިންތިހާއަށް އިތުރުވުމާއި، ޚާރިޖީ ސިޔާސަތުގެ ސަބަބުން ބަޖެޓް ސަޕޯޓް ނުލިބި، ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަށް ކޮށްފައިވާ އަސަރުގެ ބޮޑު ވުމުންނެވެ.

ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑަށް ބޭރު ފައިސާ ވަންނަ ސިނާއަތަށް ވެފައި އެ ސިނާއަތުގެ މިނިސްޓްރީ ހިންގުމަށް ހަމަ ޖައްސާފައިވަނީ ތައުލީމެއް ނެތް، ސިނާއަތުގެ ހާލަތު ނުދަންނަ މީހަކަށް ވެފައި، އެމްއެމްޕީއާރުސީ ހިންގުމާއި ހަވާލު ކުރި ދެ ފަރާތަކީވެސް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު މާކެޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ ބަޔަކަށް ނުވާތީއެވެ. އަދި އިންޑަސްޓްރީގެ ފުރިހަމަ ތާޢީދާއި އެކު، ވެރިކަމަށް މުއިއްޒު އައިސްފައިވާއިރު، ސިނާއަތަށް ދިމާވެފައިވާ އެއްވެސް ކަންބޮޑު ވުމެއް، ހާއްސަކޮށް ބޭންކިންގ ސެކްޓަރ އާއި ގުޅިގެން ފަތުރުވެރިކަމަށް އޮތް ގޮންޖެހުން ރަނގަޅު ކުރެވިފައި ނުވާ ކަމީ އޭގެ އެއް ސަބަބެވެ.

މިހާލަތުގައި އޮތް އޮރު، ދިވެހިރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ ޗައިނާ އަށެވެ. ޗައިނާ އަށް އަދާ ކުރަންޖެހޭ ދަރަނި އަދާ ކުރުމުގައި ލުއި ގޮތެއް ޗައިނާއިން ހެދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ޗައިނާ ސަފީރު ވަނީ އެފަދަ އެހީ އެއް ދެވެން ނެތް ކަމަށް ޕީއެސްއެމް އަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެފައެވެ.

އިންޑިޔާއަށް ދަރާފައިވާ ދަރަނި ދެއްކުމުގައި ހެޔޮ ގޮތެއް ހޯދުމުގެ ފުރުޞަތު މުއިއްޒު އަމިއްލަ އަށް ވަނީ ގެއްލުވާލާފައެވެ. މި ހުރިހާ ކަމެއްގެ ގެއްލުމެއް ފަހު ވަގުތު ލިބިގެން ދަނީ އާންމު ރައްޔިތުންނަށެވެ. މުއިއްޒު އާއި، ދިމްޔާތު ދެމި އޮންނާނެއެވެ.

ކުރު މުއްދަތެއްގައި މުއިއްޒުގެ ސަރުކާރަށް، ދިވެހިރާއްޖެ މިދާ އިޤްތިޞާދީ ކާރިސާއިން ސަލާމަތް ކޮށް ދެވޭނެ އެއްވެސް ގޮތެއް އަދި ފެންނާކަށް ނެތެވެ. ފަތުރުވެރިކަން އެދަނީ ދުވަހަކަށް ފަހު ދުވަހަކު ދަށަށެވެ. އެހެން ކަމުން، އެމްޕީއެލް ފަދަ ސަރުކާރު ކުންފުނިތައް ބޭރަށް ވިއްކާލައި އެއިން ލިބޭ ކުޑަ ކޮންސަޝަން ފީގައި ދުވަސް ކޮޅަކަށް ހިންދެމިލަން މުއިއްޒު ވިސްނާއިރު، ގައުމުގެ ކުންފުނިތައް ވިއްކާލުމުން، ދިގު މުއްދަތުގައި ޤައުމަށް އެލިބެނީ ފޫ ނުބެދޭ ވަރުގެ ގެއްލުމެކެވެ.

ސަރުކާރުން އިއްޔެ އަޅަން ނިންމި ފިޔަވަޅު ތަކުގެ ތެރޭގައިވެސް، ޖީއެސްޓީ އާއި، ގްރީން ޓެކްސް އިތުރު ކުރުމުގެ އިތުރުން ޑޮލަރުގެ ރިޒާރވް އަށް ސީދާ އަސަރު ކުރާނެ އެއްވެސް ފިޔަވަޅެއް ނެތް ކަމީ، ސަރުކާރުން މި އަންނަ އިގްތިޞާދީ ކާރިސާއަށް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނެތްކަން އަންގައިދޭ ކަމެކެވެ.

ޖީއެސްޓީ އާއި، ގްރީން ޓެކްސް ބޮޑު ކުރުމުން، ވާދަވެރި މާކެޓްތަކުގެ އަގުތަކާއި، ރާއްޖޭގެ ރިސޯޓް ރޫމްތަކުގެ އަގުތަކާއި އޮތް ތަފާތު ބޮޑުވެ، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރަށް މަދުވެގެން ދާނެއެވެ. އަދި އެއަރޕޯޓް ފީ ބޮޑު ކުރަން ނިންމާފައިވާއިރު، މިކަމުގެ ސަބަބުންވެސް ޓިކެޓްގެ އަގު ބޮޑުވެ، ފަތުރުވެރިން ދަތުރު ކުރަން ބޭނުންވާ މަންޒިލް ތަކުން ރާއްޖެ އުނިވެގެން ދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާސާބަށް ގެނައުމުގައި އެއްވެސް ސަރުކާރެއްގެ މާ ބޮޑު ދައުރެއް ނެތް އިރު، މުއިއްޒުގެ ސަރުކާރުގެ ފޫނުބެދޭ ޚާރިޖީ އަދި އިޤްތިޞާދީ ސިޔާސަތުގެ ސަބަބުންނާއި، ރަނގަޅު ފިސްކަލް ޕޮލިސީއެއް ނެތުމުގެ ސަބަބުން ސަރުކާރު ކޮޅަން ހުރުމަށާއި، ސިޔާސީ ފަރާތްތައް މުއްސަނދިވުމަށް، ބޭނުންހާއިރަކު ފައިސާ ނަގާ ހުސްނުވާ ދަބަހަކަށް ފަތުރުވެރިކަމުގެ ސިނާއަތް ވުމުން، މި ސިނާއަތް ރާއްޖޭގައި ނެތިގެން ދާނީއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އޮތީ އެންމެ ހައްލެކެވެ. އެއީ ނާގާބިލް މި ވެރިކަމުން މުއިއްޒު އިސްތިއުފާ ދިނުމެވެ. މިއަދު ރާއްޖެ މިއޮތް ހާލަތުގައި މުއިއްޒަށް ކޮށްދެވޭނެ ހަމައެކަނި ކަމަކީ އިސްތުއުފާދީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަން ޖެހޭ ފަދަ މީހަކަށް ވެރިކަން ހަވާލު ކުރުމެވެ.

https://database.mma.gov.mv/query

ހިސާބުތަކުގެ ތަފްސީލް އެމްއެމް އޭގެ ވެބްސައިޓުން ބައްލަވާލައްވާށެވެ.