ރައީސް އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އޮފީހުގެ މިނިސްޓަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް މީހުންގެ ތެރޭގައި ހިމެނޭ އާދަމް ރަޒީމު މިނިސްޓަރުކަމުން ސަސްޕެންޑްކޮށްފި އެވެ.
ދިޔަވަރު ނޫހުން ވަނީ މިއަދު ހެނދުނު ގެނެސްދިން ލިޔުމުގައި، ސިހުރު ހެދަމުންދާކަށް ރަމީޒަށް ސިއްރުވެފައި ނޯންނާނެ ކަމަށާއި، އެކަމުގެ ވަށައިގެން ތިބި މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެއްވެސް މީހަކަށް ސިހުރު ހެދުމަކީ ދިޔަވަރު ނޫހުން ގަބޫލު ކުރާ ކަމެއް ނޫނެވެ.
އޭނާ ސަސްޕެންޑްކުރި ކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކަށަވަރުކޮށްދެއްވި ނަމަވެސް ބަލަމުންދާ މައްސަލަ ހާމަ ނުކުރައްވަ އެވެ.
އެހެން ނަމަވެސް، ރަމީޒު ސަސްޕެންޑްކޮށްފައި މިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް، ރައީސް މުއިއްޒާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެ އެވެ.
މި މައްސަލައާ ގުޅޭ މާ ބައިވަރު ތަފުސީލެއް ރަސްމީ އިދާރާތަކުން ހާމަނުކުރި ނަމަވެސް ޝަމްނާޒާއި އިތުރު ދެ މީހަކު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.