ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އާދަމް ރަމީޒް މިއަދު ރައީސް އޮފީހުން ސަސްޕެންޑް ކުރުމުގެ ކުރިން އޭނާ ރާއްޖެ ދޫކޮށް ފިއްލަވާފައިވާކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒް ރާއްޖެ ދޫކޮށް ވަޑައިގެންފައިވަނީ މެލޭޝިއާއަށެވެ. އަދި އޭނާ މިއަދު ވަޑައިގެންފައިވާއިރު އޭނާގެ އެކައުންޓުތަކުގައި 143 މިލިއަން ޑޮލަރު ހުރިކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރަމީޒް ރާއްޖެ ދޫކޮށް މެލޭޝިއާއަށް ވަޑައިގެންފައިވަނީ, އޭނާގެ ކުރީގެ އަނބިކަނބަލުން, އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް، ރައީސް މުއިއްޒުއާއި އަނބިކަބަލުން ސާޖިދާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނިކޮށެވެ.
ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ސިހުރު ހެދިކަމުގެ ތުހުމަތުގައިކަމަށް ފުލުހުންވެސް މިރޭ ވަނީ ޔަގީން ކޮށްދީފައެވެ. އަދި އޭނާވަނީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ވަކިވެސް ކޮށްފައެވެ.
މައުލޫމާތު އެނގިހުރި ފަރާތަކުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި, ރަމީޒް ފިއްލަވާ ރާއްޖެ ދޫކޮށް ވަޑައިގެންނެވިއިރު, އޭނާގެ އެކައުންޓުތަކަށް ރައީސް މުއިއްޒުގެ ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އޭގެ ތެރޭގައި ރަމީޒްގެ ނަމުގައި ސިންގަޕޯރގައި ހުޅުވާފައިވާ ބައެއް އެކައުންޓުތަކުގައިވެސް ރައީސް މުއިއްޒުގެ އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައި ވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.
ރަމީޒްއަކީ ރައީސް މުއިއްޒުއަށް ރިޝްވަތުގެ ފައިސާ އުފުލާ ދިނުމުގައި އެންމެ އިސްކޮށް އަދި އެންމެ ގާތްކޮށް އުޅުއްވި އެއް ފަރާތެވެ.
އާދަމް ރަމީޒްއަކީ މާލޭ ސިޓީކައުންސިލްގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރުވެސް, ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުއިއްޒުގެ އެންމެ އަރިސް ފަރާތެވެ. އަދި މުއިއްޒު ޕީޕީއެމްގެ ކެނޑިޑަސީ ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި އޭނާ މުއިއްޒަށް ތާއީދު ކުރާތީ ޕީޕީއެމްއިން އޭރު އޭނާ ވަކިކޮށްފައިވެސް ވެއެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލްގައިވެސް, އޭރު މުއިއްޒުގެ ކޮރަޕްޝަންގެ ޑީލްތައް އަމަލީގޮތުން ތަންފީޒު ކުރެއްވުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީވެސް ރަމީޒްއެވެ.