ސިޔާސީ މަގާމްތަކުގެ އަދަދު މަދުކުރާނެކަމަށް މިރޭ ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް, ސިޔާސީ މަގާމްތަކަށް އައްޔަން ކުރަމުންދާ މީހުން އަދަދަށް ކުޑަވެސް ބަދަލެއް ގެނައުމަށް ސަރުކާރުން ވިސްނަވާފަ ނެތްކަމުގަ މި ސަރުކާރުން އިސް ބައެއް ފަރާތްތަކުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފިއެވެ.
ރައީސް އޮފީހުގެ އިސް ބައެއް އޮފިޝަލުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި, ސިޔާސީ މަގާމްތަކުގެ އަދަދު ހާމަކުރުން ރައީސް އޮފީހުން މީގެ އެތައް ދުވަހެއްކުރިން ހުއްޓާލާފައިވަނީ ސިޔާސީ މަގާމްތަކުގެ އަސްލު އަދަދު އޮޅުވާލުމުގެ ބޭނުމުގައި ކަމުގައެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވިތާ ފުރަތަމަ ދެ މަހެއްހާ ދުވަހު ސިޔާސީ މަގާމްތަކުގެ އަދަދުތައް އައީ ރަސްމީކޮށް ހާމަކުރަމުންނެވެ. އަދި ސްޓޭޓް މިނިސްޓަރުންނަށް އޭރު ފަތްކޮޅު ހަވާލުކުރަމުން އައިނަމަވެސް, ފަހުން ވަނީ ސްޓޭޓް މިނިސްޓަރުންނަށް ފަތްކޮޅު އެރުވުންވެސް ހުއްޓާލާފައެވެ. އޭގެ އިތުރަށް, ސިޔާސީ މަގާމްތަކުގެ އަދަދުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރުންވެސް ސަރުކާރުން ވަނީ ހުއްޓާލާފައެވެ.
ރައީސް އޮފީހުގެ އޮފިޝަލް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ސިޔާސީ މަގާމްތަކުގެ އަސްލު އަދަދު އާންމު ކުރުން ސަރުކާރުން ހުއްޓާލީ, އަސްލު އަދަދު ސިއްރު ކުރުމަށްފަހު, ސިޔާސީ މަގާމްތަކުގެ އަދަދު މަދުކޮށްފިކަމަށް ބުނެ, ސައްހަ ނޫން އަދަދެއް އާންމުކޮށް, އެއީ އިސްލާހީ ފިޔަވަޅެއްކަމަށް ދައްކާ, އަދި އެއީ ޓެކްސް ބޮޑުކުރުމަށް އޮތް ހުއްޖަތަކަށް ހެދުމުގެ މަގުސަދުގައި ކަމުގައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ ގައުމު ބަގުރޫޓުވުމާއި ދިމާލަށް ދަތުރު ކުރަމުންދާއިރު, ސިޔާސީ ކަންކަމަށް ކުރާ ހޭދަ ކުޑަނުކޮށް, ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. އެގޮތުން ދައުލަތުގެ ވަޒީރުން މިހާރުވެސްދަނީ ސަރުކާރުގެ ޚަރަދުގައި, ފަސްޓު ކުލާހުގައި އެކި ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ.
އެގޮތުން މިހަފްތާގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެމެރިކާއަށް ވަޑައިގެންފައިވާއިރު, ޓްރާންސްޕޯޓު މިނިސްޓަރ އަމީން ވީ ޔޫއޭއީއަށް ވަޑައިގެންފައެވެ. އޭގެ އިތުރުން ފިނިފެންމާ ސައީދުއާއި, ދަތްދޮޅި ޝަރީފްއާއި ޑރ. ޝަހީމްގެ އިތުރުން ހެލްތު މިނިސްޓަރ ޑރ. ޚަލީލު އުޅުއްވަނީ ޗައިނާއަށް ވަޑައިގެންނެވެ. އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމް ޔޫސުފް މާނިއުވަނީ ބެލްޖިއަމްއަށް ވަޑައިގެންފައެވެ.