ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލަށް ޖަލު ބަލަހައްޓާ އޮފިސަރުން އަނިޔާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
ޖަމީލުގެ މޫނު ފެންނަ ގޮތަށް، އޭނާ ނިޔާވެފައި އޮއްވައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު އަންނަނީ ޖަލު ބަލަހައްޓާ އޮފިސަރުން އޭނާއަށް އަނިޔާކޮށްފައި ވާކަމަށް ތުހުމަތުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ޖަމީލުގެ މޫނުގެ އެކި ތަންތަން ވަނީ ރަތްވެ ނޫފައިގެންފައެވެ. ފޮޓޯ ޝެއާ ކޮށްފައިވާ މީހަކު ވަނީ، ގައިގެ އެކި ތަންތަނުގައި ވެސް އެ ގޮތަށް ހުރި ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކަރެކްޝަންސްއިން ޖަމީލް މަރުވުމާއެކު އެކަމުގެ ޚަބަރު ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަގުތުން ދީފައިވާނެ ކަމަށް ބުނިނަމަވެސް, ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ކަރެކްޝަންއިން އޭނާގެ ހަށިގަޑު ދައްކާފައިވަނީ, ނިޔާވިތާ އެތައް ގަޑިއިރެއް ފަހުންކަމަށް, "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި, ނިޔާވި ގައިދީގެ އާއިލާގެ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ނިޔާވި ގައިދީގެ އާއިލާގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ, އޭނާގެ ހަށިގަޑު މުވައްސަސާތަކަށް ދެއްކުން ކަރެކްޝަންއިން އެތައް ގަޑިއިރެއް ލަސްކުރި ސަބަބަކީ, ހަށިގަޑުގައި އަނިޔާގެ ނިޝާންތައް ފިލައިގެން ދިއުމަށް, ނުވަތަ ނޫފައިގެންފައި ހުރި ތަންތަނާއި އަދި ތޅާ އަނިޔާކުރުމުގެ ސަބަބުން ރަތްވެފައި ހުރި ތަންތަނުން އަނިޔާގެ އަސަރު ވީހާވެސް ބޮޑަކަށް ފިލައިގެން ދިއުމަށް ވަގުތު ހޯދުން ކަމުގައެވެ.
މި ކަމާއި ގުޅޭގޮތުން ކަރެކްޝަންސްއިން ބުނެފައިވަނީ, ޖަމީލުގެ މަރަކީ ގުދުރަތީ މަރެއްކަން ނުވަތަ ނޫންކަންވެސް އެނގޭނީ މިހާރު ކުރަމުންދާ ތަހުގީގު ނިމުމުން ކަމަށް އޭނާ ވަނީ ބުނެއެފައެވެ.
ޖަމީލުގެ މަރާ ގުޅިގެން ކަރެކްޝަންސް އިން ބުނެފައިވަނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. ނަމަވެސް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމުގައެވެ.
އަދި 12:45 ހާއިރު ޖަމީލުގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް މާފުށީ ސިއްޙީ މަރުކަޒާ ހަވާލާދީ ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.
ޖަމީލުއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާ އަކީ ނަފުސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.
މިސަރުކާރު ވެރިކަމަށް އައުމަށްފަހު, ތޫނު ހަތިޔާރުގެ ބޭނުން ކޮށްގެން ބޮޑެތި މާރާމާރީ ހިންގުން އިންތިހާއަށް އިތުރުވެފައިވާއިރު, ގޭންގުތަކުގެ އިސްވެރިން ވަނީ ސިޔާސީ އިސް މަގާމްތަކަށް އައްޔަން ކޮށްފައެވެ. އަދި ތުހުމަތުތަކުގައި ޖަލަށް ލާ މީހުންނަށްވެސް ޖަލުގައި ލާއިންސާނީ އަނިޔާ ކުރުން ވަނީ އާންމު ވެގެން ގޮސްފައެވެ.
އަދި މިގޮތުން ކުރެވޭ އެއްވެސް ތުހުމަތެއް މިހާތަނަށް ތަހުގީގު ކޮށްފައެއްވެސް ނުވެއެވެ.