ޚަބަރު

ޗާއިނާއިން ރާއްޖޭގެ ލޯނުތަކަށް ލުއި ގޮތް ހޯދައި، ލޯނެއް ނުވަތަ އެހީ އެއް ވަރުވެސް ދޭނެތަ؟

ދިޔަވަރު
ޗާއިނާއިން ރާއްޖޭގެ ލޯނުތަކަށް ލުއި ގޮތް ހޯދައި، ލޯނެއް ނުވަތަ އެހީ އެއް ވަރުވެސް ދޭނެތަ؟

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޗައިނާ ވެފައިވަނީ ދުނިޔޭގައި އެންމެ ބޮޑަށް ދަރަނި ދޫކުރާ ފަރާތަށެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޗައިނާއިން ދޫކުރާ ލޯނު ގިނަފަހަރަށް ބޭނުންކުރަނީ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ގެ ދަށުން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށެވެ. މިފަދަ ގިނަ ޕްރޮޖެކްޓްތަކަކީ އެއިން ފައިދާ ނެރެވޭ ޕްރޮޖެކްޓްތަކަކަށް ނުވާތީ، ޤައުމުތަކަށް ދަރަނި އަދާ ކުރުން ވެފައިވަނީ ދަތި ކަމަކަށެވެ.

ރާއްޖެވެސް އެންމެ ބޮޑަށް ދަރާ އޮތީ ޗައިނާ އަށެވެ. އަދި މި ސަރުކާރުން ދަނީ ޗައިނާ އާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. އެހެން ނަމަވެސް، 7 މަސް ނިމިގެން ދާއިރު، ޗައިނާއިން ރާއްޖެއަށް އެއްވެސް އެހީ އެއް، ލޯނެއް، އަދި ދަރަންޏަށް ލުޔެއްވެސް ދީފައި ނުވެއެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވީ މިދިޔަ މެއި 17، ގައި ޗައިނާ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރާއްޖެ އާއި ޗައިނާގެ ޓެކްނިކަލް ޓީމުތަކުން ލޯނުތައް ރީސްޓްރަކްޗާނުކޮށް ކުރިއަށް ދެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ސަފީރު އެ ދުވަހު ވިދާޅުވި އެވެ. އެހެން ކަމުން، ލޯނުތަކަށް ލުއި ނުދޭނެ ކަން މިވަނީ ކަށަވަރު ވެފައެވެ.

ޗައިނާއަށް ދައްކަން ޖެހޭ ދަރަނިތައް ހުއްޓައި، އަދި އެ ދަރަނި ތައް ދެއްކޭނެ ކަމާއި މެދު، ބައިނަލްއަޤްވާމީ ފަރާތްތަކުން ސުވާލު އުފައްދައި، ފިޗް އިން ރޭޓިން ދަށް ކޮށްފައި ވަނިކޮށް، ޗައިނާއިން ރާއްޖެއަށް އިތުރަށް ލޯނުތައް ދީފާނެ ތޯއެވެ؟

މިކަން ވަޒަން ކޮށްލުމަށް މިވަގުތު ޗައިނާއިން ދީފައިވާ ލޯނުތަކާއި މެދު އެ ޤައުމުން އެހެން ޤައުމުތަކާއި މެދު އަމަލު ކުރާ ގޮތަށް ނަޒަރު ހިންގާލެވިދާނެއެވެ.

ކޮމަން ފްރޭމްވޯކް:

ޗައިނާއިން ދޫކުރާ ލޯނުގެ މިންވަރު އިތުރު ކަމުން، ދުނިޔޭގެ ދަރަނި ލުއިކޮށްދިނުމުގެ މަސައްކަތުގައި ޗައިނާގެ ބައިވެރިވުން ވަރަށް މުހިންމެވެ. ކޮމަން ފްރޭމްވޯކް އަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި 2020 ގެ ފަހުކޮޅު ޖީ20 ޤައުމުތަކުން ތަޢާރަފުކުރި އޮނިގަނޑެކެވެ. މިއީ މަދުން އާމްދަނީ ލިބޭ ރާއްޖެފަދަ ޤައުމުތަކުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް މަގުފަހިކުރުމަށް ހަދާފައިވާ އޮނިގަނޑެކެވެ. ޗައިނާގެ ދަރަނީގެ ދަންތުރައިން ޤައުމުތައް ސަލާމަތް ކުރުމަށް ދުނިޔެ ގުޅިގެން އުފެއްދި އޮނިގަނޑެކެވެ. މީގައި ޗައިނާގެ އިތުރުން ބޮޑެތި ދަރަނި ދޫކުރާ އެހެން ޤައުމުތައްވެސް (ޕެރިސް ކްލަބް) ބައިވެރި ވެއެވެ. ނަމަވެސް، ޗައިނާއިން ވަނީ ވަކި ހަމަ އެއްގެ ތެރެއިން ދަރަނި ނުދެއްކޭ ޤައުމުތަކަށް ލުއި ގޮތްތައް ހަދައި ނުދިނުމަށް ނިންމާފައެވެ. އަދި މިކަމާއި އެހެން ޤައުމުތަކާއި ޗައިނާ އާއި ވަނީ ޚިޔާލު ތަފާތުވެ މައްސަލަ ހޫނުވެއެވެ.

އެނގުން މުހިންމު ނުކުތާއަކީ ޗައިނާ އޮތީ ޗައިނާ އޮތީ ޖުމްލަ އޮނިގަނޑެއްްގެ ތެރެއިން ދަރަނި ލުއިކޮށް ދެއްކުމުގެ އުސޫލެއް އުފެއްދުމާއި ދެކޮޅަށެވެ. ބަދަލުގައި، ޗައިނާ ބޭނުންވަނީ ދަރަނިވެރިވެފައިވާ ޤައުމާއި ވަކިން މަޝްވަރާ ކުރުމަށެވެ. މިއީ އެ ޤައުމަށް ސިޔާސީ ނުފޫޒު ފޯރުވުމަށާއި، ދަރަނި ހައްލު ކުރުމުގައި ފަސޭހަ މަގެއް ފަހިކޮށް ނުދީ، ލަންކާގެ ބަނދަރު ނެގިހެން، އެމީހުންގެ ޤައުމުގެ ބަޔަކަށް އެހެން ޤައުމުތަކުގައި އެމީހުން ހަދާފައިވާ ސަރަހައްދުތައް ހެދުމެވެ. ޗައިނާއިން ތަކުރާރު ކޮށް ބުނެފައި ވަނީ ދަރަނި ލުއިކޮށްދިނުމުގައި "ވަކިވަކި ކޭސްތަކަށް" ބަލައިގެން ނޫނީ ކުރިއަށް ނުގެންދާނެ ކަމަށެވެ. އަދި ދަރަނި ލުއި ކޮށްދޭނެ މައިގަނޑު އުސޫލެއް ނުވަތަ އާންމު އުސޫލުތަކެއް މުޅި ދުނިޔެ އެދިގެންވެސް ޗައިނާއިން އެކުލަވާ ނުލިއެވެ.

މިފަދަ އުސޫލެއް ހެދުމުގެ ބަދަލުގައި، ޗައިނާއިން ގޮވާލީ (އައިއެމްއެފް، ވޯލްޑް ބޭންކް) ޗައިނާއިން ދޫކޮށްފައިވާ ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ޗައިނާ އަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް ދިނުމަށެވެ.

މި ބަޔާން ކުރެވުނު ކަންކަމަށް ނަޒަރު ހިނގާލާ އިރު ޗައިނާއިން، ރާއްޖެއަށް ލޯނު ދިނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ރައީސް މުއިއްޒު ވެރިކަމަށް އައީ މިފަދަ އެއްވެސް އިލްމީ ދިރާސާއެއް ނުކޮށެވެ.

ވަކިވަކި ޤައުމުތަކުގެ ކޭސްތައް:

ޒެމްބިއާ ވަނީ ޗައިނާއަށް 6 ބިލިއަން ޑޮލަރުގެ ދަރަނި އަދާނުކުރެވި 3 އަހަރު ވެފައެވެ. 3 އަހަރު ވީ ފަހުން، ދުނިޔޭގެ ބޮޑެތި ޤައުމުތައް ޗައިނާ އަށް ޕްރެޝަރ ކޮށްގެން އަދި އައިއެމްއެފް އޭގެ ތެރެއަށް ވަދެ، ޗައިނާ އަށް އިތުރު ގޮތެއް ނެތުމުން، އެ ޤައުމުން ވަނީ ލޯނު އަދާ ކުރުމުގެ މުއްދަތު އިތުރު ކޮށްފައެވެ. ނަމަވެސް ލޯނުގެ އެއްވެސް ބައެއް މާފު ކޮށްފައެއް ނުވެއެވެ.

ގާނާއިން ޗައިނާ އަށް ދަރާފައި ވަނީ ކުޑަ އަދަދެއް ކަމަށާއި، ގާނާގެ ދަރަނި ހަމަޖައްސަ ދޭންވީ، ބައިނަލްއަޤުވާމީ ފައިނޭންޝިއަލް ޖަމާއަތްތަކުން ކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މައޯ، މާރިޗު މަހު ބޭޖިންގގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނާއިން ޗައިނާއަށް ދައްކަންޖެހޭ 1.9 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޗައިނާ އެއްބަސްވާނެތޯ ނޫސްވެރިއަކު އެހުމުން ޖަވާބުގައި ބުނެފައިވެއެވެ.

މިއީ ޗައިނާއިން އެފަދަ އެހީތެރިކަމެއް ވާން ޤައުމުތަކަށް ބޭނުން ނުވާ މިންވަރު ދައްކައިދޭ ކަމެކެވެ.

އިތިއޯޕިއާގެ ދަރަނި އިންތިހާއަށް އޮތް އިރު، އެއިން އިންޓްރެސްޓް ފްރީ ލޯނުގެ ގޮތުގައި ދީފައިވާ ބައި މަޢާފު ކޮށްދޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ޗައިނާއިން އިންޓްރެސްޓް ފްރީ ލޯންތައް ބައެއް ޤައުމުތަކަށް މާފު ކުރަނީ، އިންޓްރެސްޓް-ފްރީ ލޯނުތަކުން ޗައިނާ އަށް ލިބޭ މާލީ ގެއްލުން ކުޑަވެފައި، އިންޓްރެސްޓް-ފްރީ ލޯނަކީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ފޯރުކޮށްދޭ ލޯނު ތަކެއް ކަމަށް ވާތީއެވެ. އެއީ ޗައިނާއިން ދުނިޔޭގެ ޤައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އަދަދުގެ އެންމެ %5 އެވެ. ރާއްޖެއަށް އިންޓްރެސްޓް ފްރީ ލޯނެއް ޗައިނާއިން ދީފައި ނުވެއެވެ،

ޗައިނާއިން ދޫކުރާ ލޯނުތަކުގެ ބާވަތްތައް:

އިންޓަރެސްޓް ނުހިމެނޭ ލޯނު: މަޢާފުކޮށްދިނުމަށް ފަސޭހަ، އެހެންނަމަވެސް މިފަދަ ލޯނުތައް ޗައިނާ އިން ދޫކޮށްފައިވަނީ ޖުމްލަ ލޯނުގެ 5 އިންސައްތައެވެ.
ވިޔަފާރި ލޯނު: ޗައިނާއިން ދޫކުރާ ލޯނުގެ ބޮޑުބައި، ރީސްޓްރަކްޗަރ ކުރަން ޗައިނާއަށް އުނދަގުލެވެ.
ޕޮލިސީ ބޭންކް ލޯނު: ގިނަފަހަރަށް ބޭނުންކުރަނީ ބޮޑެތި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް، މިއީ ޝަރުތުތައް އުނދަގޫ ކޮށްފައިވާ ލޯނުތަކެއް ކަމުން މިފަދަ ލޯނުތައް ދެއްކުމުގައި ޗައިނާއިން އެހީތެރި ނުވެއެވެ.

ޗައިނާއިން، ރާއްޖެއަށް ދީފައިވަނީ ކޮމާރޝިއަލް އަދި ޕޮލިސީ ބޭންކް ތަކުގެ ލޯނެވެ. އިންޓަރެސްޓް ފްރީ ލޯނުތަކެއް ދީފައި ނުވުމުން، ރާއްޖޭގެ އެއްވެސް ލޯނެއް ޗައިނާއިން މާފުކުރުމުގެ ފުރުޞަތެއް ނެތެވެ.

އައިއެމްގެ ލަފައަށް ޗައިނާއިން އެހުން

ޗައިނާއިން ވަނީ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ މިންވަރާ ގުޅޭ މަޢުލޫމާތު ޗައިނާ އާއި ހިއްސާކުރުމަށް އައިއެމްއެފްގައި އެދިފައެވެ. އެހެން ކަމުން، ކުރިއަށް އޮތްތާގައި ރާއްޖެ ފަދަ ދަރަނި ދައްކަން ޖެހިފައިވާ ޤައުމުތަކަށް އިތުރަށް ދަރަނި ދިނުމުގައި އައިއެމްއެފްގެ ލަފާ ޗައިނާއިން ހޯދާނެ ކަމަށް ބެލެވެއެވެ. މި ގޮތަށް ލަފާ ހޯދުމަށް ޗައިނާ އިން ބޭނުންވަނީ ރާއްޖެ ފަދަ ޤައުމަކަށް ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި އައިއެމްއެފް އިން އެފައިސާ ލިބޭނެ ގޮތެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ފަސޭހަ ކުރުމަށްޓަކައެވެ. ނަމަވެސް، މުއިއްޒުގެ ސަރުކާރުގައި ޚަރަދު ކުރުމުގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން ފިޗް އިން ރޭޓިން ދައްކޮށްފައި ވާއިރު، އަދި އައިއެމްއެފްގެ އެދުމާއި އެއްގޮތަށް ފާއިތުވި 7 މަސް ދުވަހު ޚަރަދު ކުޑަކުރުމުގެ އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައި ނުވުމުން، އައިއެމްއެފް އިން ރާއްޖެއަށް އިތުރު ލޯނެއް ދިނުމަށް ޗައިނާއަކަށް ރިކޮމެންޑޭޝަން އެއް ނުދޭނެއެވެ.

ޗައިނާގެ އިޤްތިޞާދީ ޚާލަތު

ޗައިނާގެ އިޤްތިޞާދީ ހާލަތަކީ އެ ޤައުމުން ދަރަނި މަޢާފުކޮށްދިނުމަށް ނުވަތަ އިތުރު ލޯނު ދޫކުރުމަށް ޖެހިލުންވާ އެއް ސަބަބެވެ. މިކަން ތަފްސީލުކޮށްލާނަމެވެ.
އެތެރޭގެ ދަރަނި: ޗައިނާގެ އެތެރޭގެ ދަރަނި އިތުރުވެފައިވާތީ، ބޭރު ޤައުމުތަކަށް ދޫކޮށްފައިވާ ދަރަނި އަނބުރާ ލިބުމުގެ މުހިންމުކަން އިތުރުވެފައިވެއެވެ. އަދި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލާއިރު، ބޭރު ޤައުމުތަކަށް ކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ އިތުރުކުރުމަށް ޗައިނާ ބޭނުންވެއެވެ. އަދި އެހެން ބޮޑެތި އިޤްތިޞާދުތަކާ ވާދަކުރުމުގައި، އިޤްތިޞާދީ ބާރު ދެމެހެއްޓުމަށް ޗައިނާ އަށް މިހާރު ވަނީ ކުރިއަށް ވުރެ މުހިންމު ވެފައެވެ.
ޕްރޮޕަގަންޑާގެ ނޭދެވޭ އަސަރު: ބޮޑެތި އަދަދުން ދަރަނި މަޢާފުކޮށްދިނުމުން ޗައިނާގެ އެތެރޭގައި ސަރުކާރާމެދު ނުރުހުން އުފެދުމުގެ ބިރު އޮވެއެވެ.

ބޭރު ޤައުމުތަކަށް ދޫކުރާ ލޯނުތަކުގެ ރިސްކް ކުޑަކުރުމަށް ޗައިނާ ބޭނުންވެއެވެ. އެރިސްކް ރާއްޖެއަށް މިހާރު ބޮޑެވެ. އެހެން ކަމުން އެފަދަ ލޯނެއް ލިބުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. އަދި ރާއްޖެއަށް ލޯނު ދޭނެ އިތުރު ފަރާތެއް ނެތުމުން، ޗައިނާއިން ކޮންމެހެން ރާއްޖެއަށް ލޯނު ދިނުމުގެ ބޭނުމެއް މިވަގުތަކު ނެތެވެ. ޗައިނާއިން ކުޑަ ފައިސާ ކޮޅެއް ދީފާނެއެވެ. 10 ވަރަށް މިލިއަން ޑޮލަރު އަހަރަކަށް ދީފާނެއެވެ. އެއީ އާންމުކޮށް ޗައިނާއިން ގިނަ ޤައުމުތަކަށް ދިނުމަށް ބަޖެޓް ކޮށްފައި އޮންނަ އަދަދެކެވެ. އެހެންކަމުން، މި ލިޔުމުގައި ހިމަނާފައިވާ ހުރިހާ ކަމަކަށް ނަޒަރު ހިންގާ އިރު، ޗައިނާއިން ރާއްޖެއަށް ލޯނު ދިނުމަކީ، އަދި ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ ވަރުގެ އެހީއެއް ވުމަކީ، އަދި ރާއްޖޭގެ ލޯނަށް ލުއި ގޮތް ހޯދައި ދިނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

އެފަދަ ފައިދާއެއް ލިބިދާނެ ކަމަށް، ދެޤައުމުގެ ގުޅުން އެއްފަރާތަށް ބަރުވެ، ޗައިނާގެ އިޤްތިޞާދަށް ރާއްޖޭއިން ފައިސާ ހޯދުމަށް އެތައް ތަނެއް ޗައިނާއަށް ދީ، ޗައިނާގެ މަނަވަރުތައް ރާއްޖޭގެ ބޯޑަރު މަތީ ބާއްވައި، ސަރަހައްދީ ހަމަ ނުޖެހުމަށް ސަރުކާރުން މިގެން ދަނީ، ވަރަށް ބޮޑަށް ކަނު އަނދިރީގައި ތިބެ، ޚާރިޖީ އިޤްތިޞާދީ އުދަރެހެއް ނުދަންނަ ބަޔަކު ރާއްޖޭގެ ހުންގާނުގައި ތިބެގެންނެވެ.