ސިޔާސީ

ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތީ، ރާއްޖެއަށް ފައިދާ ނުވާ ގެއްލުން ބޮޑު ގުޅުމެއް! 7 މަސް ވީ އިރު އެއްވެސް އެހީ އެއް ނުލިބުނު!

ދިޔަވަރު
ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތީ، ރާއްޖެއަށް ފައިދާ ނުވާ ގެއްލުން ބޮޑު ގުޅުމެއް! 7 މަސް ވީ އިރު އެއްވެސް އެހީ އެއް ނުލިބުނު!

ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތީ، ރާއްޖެއަށް ފައިދާ ނުވާ ގެއްލުން ބޮޑު ގުޅުމެކެވެ. 7 މަސް ވީ އިރު، ރާއްޖެއަށް އެއްވެސް އެހީ އެއް ޗައިނާގެ ފަރާތުން ނުލިބުނެވެ. މުއިއްޒުގެ ވެރިކަމާއި އެކު، ރާއްޖޭގެ އިޤްތިޞާދު ދަނީ އަޑިއަށެވެ. ޤާބިލުކަން ނެތް މީހުން އިސް މަގާމުތަކަށް ލުމުގެ ސަބަބުން، ދައުލަތަށް ވަންނަ ފައިސާ މެނޭޖް ކުރެވޭނެ ގޮތެއް ނެތި މަތި ބަރު ސަރުކާރަކަށް މި ސަރުކާރު ވެއްޖެއެވެ.

ރާއްޖެއަށް ޗައިނާގެ ފަރާތުން އެއްވެސް ފައިދާ އެއް ނުވިއަސް، ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް އިޤްތިޞާދީ އަދި މިލިޓަރީ ފައިދާތައް ދަނީ ކުރަމުންނެވެ. ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތް ގުޅުން އެއް ފަރާތަކަށް ބަރުވެ، ޗައިނާ އަށް ފައިސާ ވައްދާ ދުރުގައި ބޭރުގައި އޮތް ޗައިނާގެ އިޤްތިޞާދީ ކުޑަ ހަބަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޗްޑީސީއިން ވަނީ ޗައިނާގެ ސަރުކާރާއި އެކު، 99 އަހަރުގެ ބޮޑެތި ޕްރޮޖެކްޓްތަކުގައި ސޮއެ ކޮށްފައެވެ. އެމްޕީއެލް އިން ވަނީ، ލ އަތޮޅުން 3 ރަށާއި، އެތާގައި އަޅާ ބަންކަރިން ނާއި، ޓްރާންޝިޕްމަންޓް ޕޯޓާއި، ޔޮޓް މެރީނާއާއި، ކްރޫޒް ޓާމިނަލް 99 އަހަރަށް ޗައިނާ އަށް ދިނުމަށް އެއްބަސް ވުމެއްގައި ސޮއެ ކޮށްފައެވެ.

މިއިން އެއްވެސް ޕްރޮޖެކްޓަކުން ރާއްޖެއަކަށް ފައިދާ ނުވެއެވެ. އެއްބަސްވުންތައް ނޭނގޭތީ މިއިން ޕްރޮޖެކްޓަކުން ލިބޭ ފައިދާއިން ބީޕީޓި ނަގާ ކަމެއްވެސް ސާފު ނުވެއެވެ. އެމްޕީއެލް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ސަރުކާރުން ނިންމާފައި ވަނީ އެތަނުން ޓެކްސް ފައިސާ ވެސް ނުނަގާ ގޮތަށެވެ. އެހެންކަމުން، ޗައިނާއަށް މި ހަދިޔާ އަށް ދިން ރާއްޖޭގެ ސަރަހައްދުތަކުން އެމީހުން ހޯދާ މަންފާއިން ޓެކްސްވެސް ނަގާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. 99 އަހަރު ވަންދެން އެތަންތަނުން ލިބޭ ހުރިހާ ފައިދާއެއް ޗައިނާ އަށް ލިބޭ އިރު، ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ. ހަމަ އެކަނި މުއިއްޒުގެ އަމިއްލަ ޖީބު އާއި ދިމްޔާތަށް ލިބޭ މަންފާއެއް ފިޔަވައި އިތުރު މަންފާއެއް ނުލިބެއެވެ.

ދެން އޮތީ މިލިޓަރީ އެހީތެރި ކަމެވެ. މި ގޮތުން ރާއްޖެއިން ޗައިނާ އަށް މިލިޓަރީ އެހީތެރިކަން ފޯރުވަނީ، ޗައިނާގެ މިލިޓަރީ ބެނުމަށް އިންޑިޔާ ކަނޑުގެ ރާއްޖޭގެ އީއީޒެޑްގެ ބުނޑު ސްކޭން ކުރުމަށް އެހީތެރިކަން ދީގެންނެވެ. މި ސްކޭން ކުރާ ކުރުމުން ހޯދާ މައުލޫމާތަކީ ހަނގުރާމަ މަތީ ސަބްމެރިން ތައް ދުއްވުމަށް ބޭނުން ކުރާ ކަނޑުގެ މަގުތައް ދެނެގަތުމެވެ. ޗައިނާއިން މި ހޯދާ މައުލޫމާތު ބޭނުން ކުރާނީ އިންޑިޔާ ފަދަ ބާރުތަކާއި ދެކޮޅަށް ހަނގުރާމަ ކުރާ ވަގުތަކުއެވެ. މުއިއްޒު އެހީތެރި މިވަނީ މިހާ ނުބައި ކަމަކަށެވެ. ނަމަވެސް މި ހުރިހާ ކަމަކަށް އެހީތެރިކަން ރާއްޖެއިން ދޭއިރު، ސުވާލަކީ ޗައިނާއިން ރާއްޖެއަށް ދެނީ ކޯއްޗެއް ތޯއެވެ؟ 40 ޓަނު ފިޔަލެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތީ ޗައިނާ އަށް ފައިދާވާ، ރާއްޖެއަށް އިންތިހާއަށް ގެއްލުންވާ ގުޅުމެކެވެ. ރާއްޖެއަށް ގެއްލުންވާ ސަބަބުތައް ބައިވަރެވެ. އިންޑިޔާ ކަނޑުގެ ބާތާން ސްކޭން ކުރުމަށް ޗައިނާ އަށް ދިނުމުން، ސަރަހައްދީ ހަމަ ޖެހުމަށް އޭގެ އަސަރު ވަނީ ކޮށްފައެވެ. ރާއްޖެއަކީ އަވަށްޓެރި ހުރިހާ ޤައުމަކަށް ހުރި ނުރައްކަލަކަށް ވަނީ ވެފައެވެ. މާ ދުރުގައި އޮތް ސަރަހައްދުން ބޭރުގެ ބޮޑު ބާރަކަށް އަޅުގަނޑުމެންގެ ސަރަހައްދުގެ ކަނޑުގެ ހަރަކާތްތައް ހުރި ގޮތް ހޯދަ ދިނުމުގައި ވާގި ވެރި ވުމަކީ އަވަށްޓެރިންނަށް ވެވޭ ގައްދާރު ކަމެކެވެ.

ރާއްޖެއަށް ވާ އަނެއް ގެއްލުމަކީ، ރާއްޖެއިން 99 އަހަރަށް ޗައިނާއިން ދިން، ތަންތަނުގައި ރާއްޖެއަށް ނޭނގި މިލިޓަރީ ތަންތަން ހެދުމުގެ ފުރުޞަތު އޮތުމެވެ. ޗައިނާ ކުންފުނި ތަކުގައި ބާރުގައި ހުރި ތަންތަނަށް ސަރުކާރުން ބޭނުން އިރަކު ގޮސް ނުވަދެވޭނެއެވެ. ޤާނޫނީ ގޮތުންވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކޯޓު އަމުރެއް ހިފައިގެން ޗައިނާ ކުންފުންޏަކުން ހިންގާ ސަރަހައްދު ތަކާއި ރަށް ތަކަށް އެރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ރާއްޖެއަށް ދެންވާނެ އެންމެ ބޮޑު ގެއްލުމަކީ ބަންކަރިންނާއި، ޔޮތްމެރީނާއެއް އަމިއްލަ އަށް އެޅުމުން ލިބޭނެ ފައިދާ ރާއްޖެއަށް ނުވަނުމެވެ. އެ ޕްރޮޖެކްޓްތަކުން އެދެވޭ ވަރުގެ ފައިދާ ނުވެއްޖެ ނަމަ، އެ ބިންތައް ޗައިނާގެ ބޭންކުތަކުގެ (ޗައިނާ ސަރުކާރުގެ) ބެލުމުގެ ދަށަށް ގެންނާނެއެވެ.

މި ހުރިހާ ކަމެއް މިގޮތަށް ދީލައިލައިގެން ޗައިނާއަށް އަޅުވެތިވެގެން ރާއްޖެ އޮންނަންވީ އެއްވެސް ސަބަބެއް ނެތެވެ. އެއްވެސް ޤައުމަކާއި އަނެއް ޤައުމަކީ އެކުވެރި ޤައުމެއް ނޫނެވެ. ކޮންމެ ޤައުމެއްގައިވެސް އޮންނާނީ އެ ޤައުމުގެ އިންޓްރެސްޓާއި މުހުތާދެވެ. އެ މުހުތާދު ތައް ފިލުވައި ދިނުމަށް އެއް ޤައުމުން، އަނެއް ޤައުމަށް ދެވޭ ފުރުޞަތަކީ އެއީ ދެ ޤައުމުގެ ގުޅުން އޮންނަންވީ ގޮތެވެ.