ޚަބަރު

ސިފައިންނާއި ފުލުހުންނަށް އަދިވެސް މުސާރަ ޖަމާއެއް ނުކުރޭ! އިގްތިސާދީ ހާލަތު ދަށްވެ, މުސާރަ ދިނުމަށް މިމަހުވެސް 700 މިލިއަން ރުފިޔާ ކުންފުނިތަކުން ލޭންދޭނަށް ނެގުމަށް ވަނީ މަޖުބޫރުވަފަ!

ދިޔަވަރު
ސިފައިންނާއި ފުލުހުންނަށް އަދިވެސް މުސާރަ ޖަމާއެއް ނުކުރޭ! އިގްތިސާދީ ހާލަތު ދަށްވެ, މުސާރަ ދިނުމަށް މިމަހުވެސް 700 މިލިއަން ރުފިޔާ ކުންފުނިތަކުން ލޭންދޭނަށް ނެގުމަށް ވަނީ މަޖުބޫރުވަފަ!

ދައުލަތުގެ މާލީ ހާލަތު ދަށްވެސް, ޖޫންމަސް ނިމިގެން ދިޔައިރުވެސް ސިފައިންނާ ފުލުހުންނަށް ސަރުކާރުން މުސާރަ ޖަމާކޮށްފައި ނުވަކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ސިފައިންނާއި ފުލުހުންގެ މުސާރަ ޖަމާކޮށްފައި ނުވަނީ, ދައުލަތުގެ ދަރަނި ބޮޑުވެ, ކުރާހޭދަ އިންތިހާއަށް މަތިވެ, ފިނޭންސް މިނިސްޓްރީއަށް ކޭޝްފްލޯ މެނޭޖު ނުކުރެވިގެންނެވެ.

ސިފައިންނާ ފުލުހުންނަށް އާންމުކޮށް ކޮންމެ މަހެއްގެވެސް 27 ވަނަ ދުވަހުގެ ނިޔަލަށް މުސާރަތަށް ހުރިހާ މަހެއްގައިވެސް އަންނަނީ ޖަމާކުރަމުންނެވެ.

އެގޮތުން, ރާއްޖޭގެ މާލީ ހާލަތު ދަށްވެ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެން, ދައުލަތުގެ މުވައްޒަފުނަށް ޖޫންމަހުގެ މުސާރަދޭން ފިނޭންސް މިނިސްޓްރީން ދައުލަތުގެ ކުންފުނިތަކުން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްފައިވާކަމަށް (ލޭންދޭނަށް ނަގާފައިކަމަށް)ވެސް ”ދިޔަވަރު އޮންލައިން“ އަށްވަނީ ކަށަވަރު ކުރެވިފައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސަރުކާރު އިންތިޚާބު ވުމަށްފަހުވެސް ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ނުކުރެވި, ރިޒާވުންވެސް މިހާތަނަށްވަނީ ބޮރޯވިން ހަދާފައެވެ. އޭގެ މައިގަޑު އެއް ސަބަބަކީ ފައިސާ ޗާޕު ކުރެވޭނެ ގޮތެއް ނެތިގެންނެވެ. އެއީ ފައިސާ ޗާޕްކުރުމަށް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތްތައް އެމްއެމްއޭއިން ފުރުސަތު ދޭން ބޭނުން ނުވެގެންކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެ, ސިފައިންނާ ފުލުހުންނަށް މުސާރަ ދެވޭގޮތް ނުވެފައިވާއިރު, ފިނޭންސް މިނިސްޓްރީންވެސް މިކަމާގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ފާއިތުވި ޖޫންމަހުގެ މުސާރަދޭން 700 މިލިއަން ރުފިޔާ ދައުލަތުގެ ކުންފުނިތަކުން ނަގާފައިވާއިރު, ދައުލަތުގެ ގިނަ ކުންފުނިތައް މިހާރުވަނީ ބަނގުރޫޓް ވުމުގެ މަގުމަތީގައެވެ.

އެގޮތުން މަސްވެރިންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެން, މަސްކުންފުނި މިފްކޯއާއި ދެކޮޅަށް މަސްވެރިން މިޙާރުވެސް މުޒާހިރާކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

މާލީ ތަޖުރިބާކާރަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތި ދީފައިވާ ގޮތުގައި ކުންފުނިތަކުން ބޮރޯ ކޮށްގެން މުސާރަދޭން ފިނޭންސް މިނިސްޓްރީއަށް މަޖުބޫރުވީ އާ ސަރުކާރުން ކެމްޕޭންގެ ތެރޭގައި ވައުދުވީ ގޮތަށް, ސަރުކާރުގެ ބޭކާރު ޚަރަދުތައް ކޮންޓްރޯލް ނުކުރެވި، ބަޖެޓު ޑެފިސިޓް އިންތިހާއަށް ބޮޑުވުމާއެކު, ސަރުކާރުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ޒިންމާދާރު ގޮތެއްގައި ނުބެލެހެއްޓިގެން ކަމުގައެވެ.

ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ދައުލަތުގެ ކުންފުނިތަކުން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްފައިވާއިރު, ރައީސް މުއިއްޒު އަދިވެސް ގެންދަވަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ.

އެގޮތުން މި ސަރުކާރަށް 7 މަސް ވެގެން ދާއިރު, ރައީސް ސާލިހުގެ 5 އަހަރުގެ އައްޔަން ކޮށްފައިވާ މަގާމްތަކަށްވުރެ މި ސަރުކާރުން އައްޔަން ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އަދަދު މިޙާރު ވަނީ މަތިވެފައެވެ.