ޚަބަރު

ރިޕޯޓު: އެއްވެސް ގައުމަކުން އެހީ ނުވެއްޖެނަމަ 3 މަސްތެރޭ ރާއްޖެ ބަނގުރޫޓު ވާނެ! !

ދިޔަވަރު
ރިޕޯޓު: އެއްވެސް ގައުމަކުން އެހީ ނުވެއްޖެނަމަ 3 މަސްތެރޭ ރާއްޖެ ބަނގުރޫޓު ވާނެ! !

ދުނިޔޭގެ އެއްވެސް ގައުމަކުން ރާއްޖެއަށް ބަޖެޓްރީ ސަޕޯޓު ފޯރުކޮށް ނުދީފިނަމަ, ކުރިޔަށް އޮތް ދެތިންމަސްތެރޭ ރާއްޖެ ބަނގުރޫޓުވާނެކަމުގެ އިންޒާރު މާލީ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރު ބަނގުރޫޓް ވެދާނެކަމުގެ އިންޒާރު އިގްތިސާދީ މާހުން ދެއްވަމުން ގެންދަވާއިރު, ސަރުކާރުގެ މުވައްޒަފުންނަށް ފާއިތުވި ޖޫންމަހުގެ މުސާރަ ނުދެވިގެން, ސަރުކާރުން މިހާރުވަނީ ދައުލަތުގެ ކުންފުނިތަކުން 700 މިލިއަން ރުފިޔާ ބޮރޯ ކުރުމަށް (ލޭން ދޭނަށް ނެގުމަށް) ނިންމާފައެވެ. އަދި ފާއިތުވެދިޔަ މަސްތަކުގައި ސަރުކާރުން ދައުލަތުގެ މުވައްޒަފުންނަށް މުސާ ދިނުމަށްޓަކާ އެމްއެމްއިންވެސް ފައިސާ ލޭންދޭނަށް ނަގާފައި ވެއެވެ.

ބައެ މާލީ ތަޖުރިބާކާރަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދީފައިވާ ގޮތުގައި ކުންފުނިތަކުން ބޮރޯ ކޮށްގެން މުސާރަދޭން ފިނޭންސް މިނިސްޓްރީއަށް މަޖުބޫރުވީ އާ ސަރުކާރުން ކެމްޕޭންގެ ތެރޭގައި ވައުދުވީ ގޮތަށް, ސަރުކާރުގެ ބޭކާރު ޚަރަދުތައް ކޮންޓްރޯލް ނުކުރެވި، ބަޖެޓު ޑެފިސިޓް އިންތިހާއަށް ބޮޑުވުމާއެކު, ސަރުކާރުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ޒިންމާދާރު ގޮތެއްގައި ނުބެލެހެއްޓިގެން ކަމުގައެވެ.

ހަމަ އެއާއެކު, ފައިސާ ޗާޕްކުރުމަށް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތްތަކައް އެމްއެމްއޭއިން ފުރުސަތު ދޭން ބޭނުން ނުވުމާއެކު, ފައިސާ ޗާޕްކޮށްގެން އިގްތިސާދަށް ވަގުތީ ހައްލެއް ހޯދުމަށް މިސަރުކާރުން ކުރިމަސައްކަތްތައް އަދި މިހާތަނަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ދައުލަތުގެ މާލިއްޔަތު ބަނގުރޫޓުވުމާއި ދިމާލަށް ދަތުރު ކުރަމުންދާއިރު, މުއިއްޒު މިހާރުވަނީ, ކެމްޕޭންތެރޭގައި އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ޚިލާފްވެ, ނިކަމެތި ރައްޔިތުން އަތުން ދައުލަތަށް ނަގަމުންދާ ޓެކްސްތައް ބޮޑު ކުރުމަށް ނިންމާފައެވެ. އެގޮތުން ޖީއެސްޓީ %8 އިން %12 އަށް ބޮޑުކޮށް, އަދި ޓީޖީއެސްޓީ %24 އަށް ބޮޑުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ޓެކްސްއަށް ގެންނަ މި ބޮޑު ބަދަލާއެކު ތަކެތީގެ އަގު އިންތިހާއަށް އުފުލި, ރައްޔިތުންނަށް މާލީގޮތުން ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރު މާލީ ތަޖުރިބާކާރުން ގެންދަވަނީ ދެއްވަމުންނެވެ.

އޭގެ އިތުތަށްވެސް, އެއަރޕޯޓުން ނަގާ ފީތައް ބޮޑުކުރުމާއެކު އެއަރލައިން ޓިކެޓްތަކުގެ އިންތިހާއަށް ބޮޑުވެ, އަދި ރާއްޖޭގެ ދެ ޓެލެކޮމް އޮޕަރޭޓަރުން ކަމަށްވާ, އުރީދޫއާއި ދިރާގުން ދައުލަތަށް ދައްކާ ފީތައްވެސް ސަރުކާރުން ބޮޑު ކުރުމާއެކު ރައްޔިތުންގެ ފޯން ބިލްތައްވެސް އަތް ނުފޯރާފަށަށް އަރައިގެންދާނެއެވެ.

އޭގެވެސް އިތުރުން އައްޑުއާއި ކުޅުދުއްފުށީ ބަދަރަށް ދީފައިވާ ޑީއުޓީގެ ލުއިތައް ކަނޑާލާ, ރާއްޖެއަށް އެތެރެކުރާ އެތައް މުދަލަކުން ނަގާ ޑީއުޓީ ބޮޑު ކުުރުމަށްވެސް މިސަރުކާރުން ވަނީ ނިންމާފައެވެ.

ރައްޔިތުން ނިކަމެތިވެގެންދާނެ އިގްތިސާދީ މި ބަދަލުތައް ގެނައުމަށް މިސަރުކާރުން ނިންމާފައިވާއިރު, ދައުލަތަށް އާމްދަނީ އިތުރުވާނެ އެއްވެސް ޕްލޭނެއް އަދި މިހާތަނަށް ސަރުކަރުން ކޮށްފައެއް ނުވެއެވެ. އަދި މުއިއްޒު އަދިވެސް ގެންދަވަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ.

އެގޮތުން މި ސަރުކާރަށް 7 މަސް ވެގެން ދާއިރު, ރައީސް ސާލިހުގެ 5 އަހަރުގެ އައްޔަން ކޮށްފައިވާ މަގާމްތަކަށްވުރެ މި ސަރުކާރުން އައްޔަން ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އަދަދު މިޙާރު ވަނީ މަތިވެފައެވެ.

އެހެންކަމުން އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ އަވައްޓެރި ސްރީލަންކާއަށް ކުރިމަތިލާންޖެހުނު އިގްތިސާދީ ކާރިސާއަކާއި ރާއްޖެއަށް ކުރިމަތިލާންޖެހުން މިހާރު އޮތީ ވަރަށްވެސް ކައިރީގައި ކަމުގައެވެ. އަދި އެފަދަ ހާލަތާކާއި ކުރިމަތިލާން ރައްޔިތުން ބޭނުން ނުވާނަމަ މިހާރު އޮތް ހަމައެކަނި ހައްލަކީ ހަތަރު އުދަރެއް ފެނުޖެހުމުގެ ކުރިން, މި ސަރުކާރު ޤާނޫނީ އިމުގެ ތެރެއިން ބަދަލު ކޮށްލުމެވެ.

ގައުމު ބަގުރޫޓު ވެގެންދިޔަ ނަމަވެސް, އަވައްޓެރި ސްރީލަންކާއިން ހޯދި ދާއިމީ ހައްލަކީ އެއީއެވެ.