ޚަބަރު

ޗައިނާއިން ހިންގާ އެއާޕޯޓް މަޝްރޫއަށް 8 އަހަރު. އެ ޕްރޮޖެކްޓް މިއަހަރު ނިންމާނެ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު، މި އަހަރަށް ނުނިންމޭނެ ކަމަށް އެންމެ ފަހުން މުއިއްޒު ވިދާޅުވެއްޖެ!

ދިޔަވަރު
ޗައިނާއިން ހިންގާ އެއާޕޯޓް މަޝްރޫއަށް 8 އަހަރު. އެ ޕްރޮޖެކްޓް މިއަހަރު ނިންމާނެ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު، މި އަހަރަށް ނުނިންމޭނެ ކަމަށް އެންމެ ފަހުން މުއިއްޒު ވިދާޅުވެއްޖެ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމައި އޮޕަރޭޓް ކުރެވޭނެ ކަމަށް ވިދާޅުވުމަށް ފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިން އިއުލާނުކުރި ތާރީހެވެ.

ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންނާއި ފަހުން ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކަނޑައެޅި ތާރީހަކީ މާ ލަސް ތާރީހެއް ކަމަށާއި ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށުމުގެ ކުރިން އެއާޕޯޓުގެ މަސައްކަތްތައް ނިންމާނެ ކަމަށެވެ. އަދި މުއިއްޒުގެ ސޯޝަލް މީޑިޔާ ޓީމުން "މުއިއްޒު ސްޕީޑް" ގެ ގޮތުގައި މިކަން ފާހަގަ ކުރިއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ވާހަކަ ދެއްކެވި އިރު، ޓާމިނަލްގެ މުއްދަތު 2025 ވަނަ އަހަރުގެ ޖުލައި މަހު ނިންމަން އޮތް އޮތުން ގަބޫލު ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

"ޓްރާންސިޝަން މަރުހަލާގައި ލިބުނު މައުލޫމާތުން އެނގެނީ އެއާޕޯޓުގެ މަސައްކަތް އަވަހަށް ނުނިމޭނެ ކަން. މިހާރުގެ އަންދާޒާއަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަން ނިމޭނެ ކަމަށް. އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އިގްތިސާދު މި އޮތީ މަޑުޖެހިފައި،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހާއްސަ ކޮމެޓީއެއް ހަދާނަން، އޭގެ ތެރޭގައި އިސްވެރިން ވެސް ހިމެނޭ ގޮތަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް. އަދި ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ އަޅުގަނޑު. ކޮންމެ ދުވަހަކު ވެސް ކުރިއެރުންތައް މޮނިޓާކޮށް، މުހިންމު ނިންމުންތައް ވަގުތުން ނިންމޭނެ،" ފަތުރުވެރިކަމުގެ ސިނާ އަތުގެ މީހުންގެ ވޯޓު ހޯދުމަށް މުއިއްޒު ކަނޑައެޅިގެން އޮޅުވާލައިގެން ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ މިދިޔަ މާޗް މަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ރައީސް ވިދާޅުވީ އުއްމީދަކީ އެއާޕޯޓުގެ މަސައްކަތް ނިންމައި މި އަހަރުގެ ތެރޭގައި ޓާމިނަލް ހިންގަން ފެށޭނެ ކަމަށެވެ.

"އެއާޕޯޓުގެ މަސައްކަތް ދިޔައީ ވަރަށް މަޑުމަޑުން. އެއީ ޓްރާންސިޝަން މަރުހަލާގައި އަޅުގަނޑާ ބައްދަލުވި ފުރަތަމަ އަދި ހަމައެކަނި ގުރޫޕް. އެކަމަށް ވަރަށް ބޮޑު އިސްކަމެއް އެބަދެން،" އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑާ ބެހޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވި އެވެ.

"އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން ޓާމިނަލްގެ މަސައްކަތް ނިމި އޮޕަރޭޓް ކުރެވޭނެ ކަމަށް،" އިތުރަށް މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އެތައް މަހެއް ވަންދެން ވިދާޅުވުމަށް ފަހު، ވެރިކަން ކުރާ ޕީޕީއެމްގެ ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި އަހަރުގެ ތެރޭގައި އެއާޕޯޓު ނުނިމޭނެ ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

"އަޅުގަނޑުމެންގެ އެއާޕޯޓު ހަދަމުން ދިޔައީ މަޑު ސްޕީޑެއްގައި. އެކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. އެކަމަކު މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ޓާމިނަލްގެ މަސައްކަތުގެ ދުވެލި ހަލުވިވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކުރީ ސަރުކާރުން ކަނޑައެޅި ތާރީހުގެ ކުރިން އެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން މިހާރު ބުނަމުންދާތީ އެ ވާހަކަ ދެއްކީ ކޮން އަސާސެއްގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ.

އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްގެން ވެލާނާ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މި މަޝްރޫއު ނުނިމި ލަސްވަމުން ދަނީ ޗައިނާ ކުންފުނީގެ މަސައްކަތް ތަކެވެ. ޗައިނާގެ ކުންފުންނާއި މި ސަރުކާރުގެ އިސްވެރިންނާއި ގާތް ގުޅުމެއް ބާއްވައެވެ.

ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި މަޖިލީސް އިންތިހާބަށް، މުއިއްޒު ވަނީ މި ޕްރޮޖެކްޓް ހިންގާ ޗައިނާ ކުންފުނި އަތުން ފައިސާ ނަގާފައެވެ. އެހެން ކަމުން މިހާރު އިތުރަށް އެ މަސައްކަތް އަވަސް ކުރުމަށް ބުނުމުގެ ބާރެއް މުއިއްޒަށް ލިބިގެން ނުވެއެވެ.

އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން އެއަރޕޯޓުގެ ކެޕޭސިޓީ ދެގުނައަށްވުރެ އިތުރުވެ، 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފެސިލިޓީތައް އަޕްގްރޭޑް ކުރެވިގެންދާނެ