ޚަބަރު

400 ސިޔާސީ މުވައްޒަފުން ކުންފުނިތަކަށް ބަދަލު ކޮށްލަނީ! ސަރުކާރުގެ އުއްމީދަކީ ކުޑަ މުސާރައެއް ލިބެން ފެށުމުން, ކުންފުނިތަކަށް ބަދަލުކުރާ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާ ދޫކޮށް ދިއުން!

ދިޔަވަރު
400 ސިޔާސީ މުވައްޒަފުން ކުންފުނިތަކަށް ބަދަލު ކޮށްލަނީ! ސަރުކާރުގެ އުއްމީދަކީ ކުޑަ މުސާރައެއް ލިބެން ފެށުމުން, ކުންފުނިތަކަށް ބަދަލުކުރާ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާ ދޫކޮށް ދިއުން!

ސިޔާސީ މަގާމްތައް މަދު ކުރުމަށް ރައީސް މުއިއްޒު މިހާރު އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން, މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ވަޒީފާ ދިން އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންގެ ތެރެއިން 400 ސިޔާސީ މުވައްޒަފުން ސަރުކާރުގެ އެކި ކުންފުނިތަކަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މިބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވަނީ, ކުންފުނިތަކަށް މުވައްޒަފުން ބަދަލު ކުރުމުން, ކުޑަ މުސާރައެއް ލިބެން ފެށުމާއެކު, އޭގެ ތެރެއިންވެސް ގިނަ އަދަދެއްގެ މުވައްޒަފުން އަމިއްލައަށް ވަޒީފާ ދޫކޮށް ހިގައިދާނެކަމަށް ސަރުކާރަށް ގަބޫލު ކުރެވިގެން ކަމުގައެވެ.

"ދިޔަވަރު އޮނަލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ކުންފުނިތަކަށް ބަދަލުކުރާ މުވައްޒަފުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުކަމުގައި ތިބި ބައެއް ފަރާތްތަކާއި ބައެއް ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން, ބޭރުގެ ބައެއް އެމްބަސީތަކުގައި, ކުރީ ސަރުކާރުން ވަޒީދީފައި ތިބި, މިސަރުކާރުން ވަކި ނުކޮށްތިބި ބައެއް ފަރާތްތައްވެސް ހިމެނެއެވެ. އަދި މިސަރުކާރުން ސީޑީއޭގެ މަގާމް ދީފައިވާ ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ސިޔާސީ މަގާމްތަކުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުނިތަކަށް ބަދަލު ކުރުމުން އެމުވައްޒަފުންނަށް ލިބޭ މުސާރަ ވަރަށް ބޮޑުތަކުން ދަށްވެގެން ދާނެއެވެ. ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް މިހާރު 35,000 ރުފިޔާގެ މުސާރައެއް ލިބެއެވެ. އަދި ސްޓޭޓް މިނިސްޓަރަކަށް 48,000 ރުފިޔާގެ މުސާރައެއް ލިބެއެވެ.

އެހެންނަމަވެސް މި ފަރާތްތައްވެސް ކުންފުނިތަކަށް ބަދަލު ކުރުމުން އެ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމުގެ ބަދަލުގައި ޚަރަދު ކުރަމުންދާނީ ކުންފުނިތަކުގެ ބަޖެޓުންނެވެ. އަދި މުސާރަ ކުޑަވުމުން, މި މުވައްޒަފުންނަށް މިހާރު ކުރަމުންދާ ހޭދަ ވަރަށް ބޮޑުތަނުން ދަށްވެގެން ދާނެއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު, ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެކަމަށް މުއިއްޒު ވައުދުވެފައިވި ނަމަވެސް, ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރުވަނީ 2,500 އާއި ގާތް ކޮށްފައެވެ. ހަމައެކަނި މުސާރާއިގެ ގޮތުގައިވެސް އެ މުވައްޒަފުންނަށް ކޮންމެ މަހަކުވެސް ދައުލަތުގެ ބަޖެޓުން ދަނީ އެތައް ސަތޭކަ މިލިއަން ރުފިޔާ ޚަރަދު ކުރަމުންނެވެ.