ޚަބަރު

ސިޔާސީ މަގާމުތައް ހާމަ ކުރަން ލާޒިމުވާ ގޮތަށް ހުށަހެޅި ކުއްލި މައްސަލަ މުއިއްޒު އަންގައިގެން މަޖިލީހުން ބޭރުކޮށްލައިފި

ދިޔަވަރު
ސިޔާސީ މަގާމުތައް ހާމަ ކުރަން ލާޒިމުވާ ގޮތަށް ހުށަހެޅި ކުއްލި މައްސަލަ މުއިއްޒު އަންގައިގެން މަޖިލީހުން ބޭރުކޮށްލައިފި

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން ލާޒިމުވާ ގޮތަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ ގަރާރު ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 11 މެންބަރުންނެވެ. ގަރާރު ބަލައިގަތުމާ ދެކޮލަށް 56 މެންބަރަކު ވޯޓު ދިނެވެ.

އެމްޑީޕީގެ ފަރާތުން އެ ގަރާރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

"ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުގެ ދަށުން އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަ ކުރުމަށް އިންކާރު ކުރަމުންދާތީ [ހުށަހަޅާ ގަރާރެއް]،" މީކާއީލް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ 4000 އަށް ވުރެ ގިނަ ފަރާތްތަކަށް ސިޔާސީ މަގާމު ދީފައިވާ ކަމަށް ބެލެވެއެވެ. ކުރީ ސަރުކާރުން 5 ޕާޓީ ވެގެން ވެރިކަން ކުރި އިރުވެސް، ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދަކީ 700 އެވެ. ދުނިޔޭގެ އާބާދީ ބޮޑު، ބޮޑެތި ޤައުމުތަކުގައި ވެސް ސިޔާސީ މަޤާމު ނުދޭ މިންވަރަށް މުއިއްޒު ވަނީ ވަޒީފާ ބަހާފައެވެ. މިކަމުގެ ސަބަބުން ބަޖެޓަށް ބުރެވެ، ދައުލަތުގެ އިސްރާފު އިންތިހާ އަށް އިތުރުވެ، ގިނަ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ވަނީ އައިސްފައެވެ.