ބޮއިންގް އާއި އެއާބަސް އިން އުފައްދާ މަތިންދާބޯޓުތަކުގައި ވަގު ލިޔެކިޔުންތަކާ އެކު ޗައިނާއިން ވިއްކާފައި ހުރި ޓައިޓޭނިއަމް އިން ހަދާފައިވާ ބައިތައް ހުރި ކަމުގެ މައްސަލަ ފެންމަތި ވެއްޖެއެވެ.
މިކަން ވަނީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުގެ ސަމާލުކަމަށް ވެސް އައިސްފައެވެ.
މިކަންކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައި ވަނީ ބޮއިންގް އަށް މަސައްކަތް ކޮށްދޭ ސްޕިރިޓް ކިޔާ ކުންފުންޏަކުންނެވެ.
ޓައިޓޭނިއަމްގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ޗައިނާއިން ދީފައިވަނީ ފޭކް ލިޔުންތަކެކެވެ. އެފަދަ އިން ފޭކް ލިޔެކިޔުންތަކެއް ޗައިނާއިން ހުށައެޅުމުގެ މާނައަކީ ވައިގެ ދަތުރުފަތުރަށް މަތިންދާ ބޯޓުގައި ބޭނުން ކުރަން، އެކަށީގެން ނުވާ ވަރުގެ ތަކެތި ފޯރުކޮށް ދީފައިވާ ކަމެވެ. ނޫނީ އެ ސްޓޭންޑަޑަށް ފެތޭތޯ ބެލުމަށް ކުރަން ޖެހޭ ޓެސްޓު ނުވަތަ ތަހުލީލުތައް ނުކޮށް ވާކަމެވެ.
މިއީ ޗައިނާއިން އެތައް ލައްކަ ބައެއްގެ ފުރާނަ ނުރައްކަލަކަށް ވެއްޓޭހެން ކޮށްފައިވާ ކަމެކެވެ. އަދި މިއީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ދިމާވި މިފަދަ އެންމެ ބޮޑު އެއް މައްސަލައެވެ.
އެމެރިކާގެ މި ސިނާއަތުގެ މިފަދަ މައްސަލަތައް ބަލާ، އެފްއޭއޭ އިން ހާމަ ކުރި ގޮތުގައި، އެ މައްސަލައިގެ ކުޑަ ބޮޑު މިނާއި، މި ތަކެތި ބޭނުން ކޮށްގެން އުފައްދާފައިވާ ފްލައިޓްތަކުގެ ސަލާމަތަށް ނުރައްކާ ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ފެންމަތިވީ، ބޮއިންގް އަށް މަތިންދާ ބޯޓުގެ ތަކެތި ފޯރުކޮށްދޭ ފަރާތަކަށް، ފްލައިޓްތަކުގައި ބޭނުން ކުރާ ޓައިޓޭނިއަމްގައި ހުންނަން ނުޖެހޭ، ކުދި ބާތަކެއް ފެނި ގެންނެވެ.
މި ބައިތައް ބޭނުންކޮށްފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އުފައްދާފައިވާ މަތިންދާބޯޓުތަކުގައި ކަމަށާއި އޭގެ ތެރޭގައި ބޮއިން 737 މެކްސް އާއި 787 ޑްރީމްލައިނާ އާއި އެއާބަސް އޭ220 ހިމެނެ އެވެ.
ބޮއިންގ އިން ވަނީ އެމީހުންގެ މަތިންދާ ބޯޓުތައް ދިފާޢު ކޮށް، އެތައް ޓެސްޓެއް ކޮށްފައި ނޫނީ އެއްވެސް ފްލައިޓެއް އުދުހުމަށް ނުނެރޭ ކަމަށް ބުނެފައެވެ.
މިހާތަނުން ހޯދި ހޯދުންތަކުން ހާމަ ވާ ގޮތުގައި މި ޓައިޓޭނިއަކް ފޯރު ކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކުންނެވެ.
މި ޓައިޓޭނިއަމް ބޭނުން ކޮށްގެން ހަދާފައިވާ ފްލައިޓްގެ ދޮރެއް މި ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު 16،000 ފޫޓުގެ މަތިން އުދުހެމުން ދަނިކޮށް ފުނޑުފުނޑުވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައި ނުވެއެވެ.