ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައި ތިބޭ މީހުންނާއި އެ ނޫން ވެސް އެހެން ޝަރީއަތްތައް ކުރިއަށް ނުގޮސް ބަންދުގެ މުއްދަތު ދިގުލައިގެން ދަނީ ހަމައެކަނި ޝަރީއަތްތައް ހިންގުމަށް ބޭނުންވާ އިމާރާތްތަކާއި އެކަށީގެންވާ ވަސީލްތައް ނެތުމުން ނޫން ކަމަށާއި "ވާނުވާ" ބަންދުގައި އެތައް ދުވަހެއް މީހުން ހޭދަ ކުރަންޖެހޭ އެތައް ސަބަބެއް އެބަހުރި ކަމަށް ބުނެ، މައްސަލައިގެ އަސްލު އޮޅުވާލައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު މަޖިލީހުގެ ކޮމިޓީގައި ވާހަކަ ފުޅު ދައްކަވައިފިއެވެ.
ޖުޑިޝަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ހުސްނުއްސުއޫދު ވިދާޅުވީ މައްސަލަ ލަސްވުމުގެ ހުރިހާ މައްސަލައަކީ ޖާގައިގެ ދަތިކަމެއް ނޫން ކަމަށާއި އެއީ މައްސަލަ ލަސްވުމުގެ 50 ޕަސެންޓު ކަމަށެވެ. އަނެއް 50 ޕަސެންޓް ފަނޑިޔާރުން ހިތްވަރެއް ލާފި ނަމަ ހައެއްކަ މަސްތެރޭ ނިންމާލެވޭނެ މައްސަލަތައް ކަމަށެވެ. މިހާ ރަނގަޅަށް މިކަމުގެ ހަޤީގަތް ވިދާޅުވުމަށްފަހު، ދެން. ދެއްކެވީ މުޅިން އުޒުރެވެ.
ސަރުކާރާއި، ފަނޑިޔާރުންގެ ޒިންމާ އަދާ ނުކޮށް އެތައް ބައެއް އަނިޔާގައި
ހުސްނުއްސުއޫދު އަމިއަލް އަށް އެ ވިދާޅުވަނީ %50 މައްސަލަ ނުނިމެނީ ފަނޑިޔާރުންގެ އެ ހިތްވަރު ނެތުމުގެ ސަބަބުން ކަމަށެވެ. ބާކީ %50 ނުނިމެނީ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ. މިއީ މިކަމުގެ ހަޤީގަތް އޮތް ގޮތެވެ.
ޖާގައިގެ ދަތިކަން ހައްލުކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ކޯޓުތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން، މައްސަލަތައް ލަސްވުމުގެ %50 ހައްލުކުރުމުގެ ޒިންމާ އޮތީ ސަރުކާރުގެ އަތްމަތީގައެވެ. މި ޒިންމާ އަދާ ކުރުމުގެ އެއްވެސް ޝައުގެއް ސަރުކާރުގައި ނެތެވެ. އެހެން ކަމުން "ވާނުވާ" ނިންމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެ ކެމްޕެއިން ތެރޭގައި މުއިއްޒު ދައްކާފައިވާ ވާހަކަ ތަކަކީ ހެޔޮނިޔަތުގައި ދައްކާފައިވާ ވާހަކަތައް ކަމަށް ވާނަމަ، މިކަމުގައި ސަރުކާރުން ކުރާނެ ކަމެއް އޭރުވެސް ހާމަ ކުރާނެއެވެ. ނަމަވެސް ކޯޓުތަކަށް ބޭނުންވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކުރާނެ އެއްވެސް މަސައްކަތެއް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައި ނުވެއެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި، ސަރުކާރުން "ވާނުވާ" ހުއްޓުވުމަށް ނަގަން ޖެހޭ ޒިންމާ ނަގައި، ޖާގައިގެ ދަތިކަން ހައްލު ކުރާނެ ކަމަކަށް ނުބެލެވެއެވެ.
ފަނޑިޔާރުން މައްސަލަ ބަލާ ގޮތްތައް ބަދަލުކޮށް، އިތުރު ހިތްވަރެއް ކޮށްލައްވައިފިނަމަ އަނެއް 50% ހައްލުވާނެ ކަމަށް ވިދާޅުވުމުން، ފަނޑިޔާރުންގެ ޒިންމާ، އެފަރާތްތަކުން އަދާ ނުކުރާކަން އެބަ ސާފުވެއެވެ. "އިތުރު ހިތްވަރެއް ކޮށްލައްވައިފިނަމަ" މިހެން ވިދާޅުވުމުން ދޭހަވަނީ މިހާރު ފަނޑިޔާރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރައްވާ ކަމަށެވެ. މިއީ ސީރިއަސް މައްސަލައެކެވެ. އެކަން ދިމާވަނީ، މައްސަލަ އަވަސް ކުރުމަށް ރިޝްވަތު ނެގުން ފަދަ ކަންކަން ފަނޑިޔާރުން ކުރާތީ ތޯ ސުވާލު އުފެދެއެވެ.
މައްސަލަތައް ނިންމުމުގައި ގިނަ ދުވަސް ވާ ފަނޑިޔާރުން ފާހަގަ ކޮށް ޖުޑިޝަލް ސާރވިސް ކޮމިޝަނުން އެ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅުމާއި، ފަނޑިޔާރުން މައްސަލަ ނިންމާ މިންވަރު އާންކޮށް އެނގޭހެން ކޮންމެ މަހަކު ކޯޓުތަކުން އާންމު ކުރުން މުހިންމެވެ. އަދި ފަނޑިޔާރުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާތޯ ބެލުމަށް، ފުލުހުންގެ ހާއްސަ ޔުނިޓެއް އެކުލަވާލުން ވެސް މުހިންމެވެ. މައްސަލަތައް އަވަސް ކުރެވެން އޮތީ ފަނޑިޔާރުން ޒިންމާދާރު ކުރެވިގެންނެވެ.
މަޖިލީހުން ބޭނުން ވަނީ ކުޑަ އެއްބާރު ލުމެއް! އެ ބާރުވެސް އޮތީ ހަމަ މުއިއްޒު އަތުގައި!
ވިދާޅުވީ، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ހޯދައި ދޭން ޖެހޭނެ ކަމުގެ ވާހަކައެވެ. މީގެ އިތުރުން ވިދާޅުވީ ކަފާލާތުގެ ވާހަކަ އެވެ. އަދި ނަސޭހަތް ދިނުމަށްފަހު ޝަރުއީ ސިސްޓަމުގެ ތެރެއަށް ބައެއް މައްސަލަތައް ނުވެއްދުމަށް ސުއޫދު ވަނީ ޤާނޫނަށް އިސްލާހް ގެނައުމަށް އެދިފައެވެ. މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން މިކަން މަޖިލީހަށް ހައްލު ކޮށްލެވޭނެއެވެ. މިއީ "ވާނުވާ' މައްސަލައިގެ އަސްލު ސަބަބު ތަކެއް ނޫނެވެ. ނަމަވެސް މިއީ މައްސަލަތައް އަވަސް ކުރުމަށް ފަނޑިޔާރުންނަށް ލިބޭ ކޮންމެވެސް ވަރެއްގެ ހިތްވަރެކެވެ.
ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ފަނޑިޔާރު ސުއޫދު ފަހުން ދެއްކެވި ވާހަކަ ފުޅުގައި މިއީ މުޅި މައްސަލައިގެ ހައްލު ކަމަށް ދޭހަވާހެން ވާހަކަ ދައްކާފައި ވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
މިހާރު ވެސް ސިވިލް ޕްރޮސީޖާ [މަދަނީ އިޖުރާއަތުގެ] ގާނޫނު އިސްލާހު ކުރެވިގެން މީޑިއޭޝަންގެ [މައްސަލަ ހައްލު ކުރުމަށް މީޑިއޭޓަރަކު ބަހައްޓައިގެން ކުރާ މަޝްވަރާ] ބައި، މައްސަލަ ފެށުމުގެ ކުރިއަށް ގެނެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ މިހާރު ހުރި މައްސަލަތަކުގެ 60 ޕަސެންޓު އަޅުގަނޑުމެންނަށް ހައްލު ކުރެވޭނޭ ދުވަހުން ދުވަހަށް، އެ ބެކްލޮގު އަޅުގަނޑުމެންނަށް ނައްތާލެވޭނެޔޭ ހައެއްގެ މަސްދުވަސް ތެރޭ،"
ހުސްނުއްސުއޫދު ވިދާޅުވި އެވެ.
ނަމަވެސް މިއީ މިހާރު ގިނަ ފަނޑިޔާރުންގެ މަސައްކަތުގެ ލަސްމިން ހުރި މިންވަރަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހަކުން ހައްލު އަންނާނެ ކަންކަމެއް ނޫނެވެ. އެހެން ކަމުން އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ ފަނޑިޔާރުން ޒިންމާދާރު ކޮށްގެން ކަމަށް ޤަބޫލު ކުރެވެއެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، މަޖިލީހުގެ ސްޕަރ މެޖޯރިޓީ އޮތީ މުއިއްޒުގެ އަތުގައި ކަމެވެ. މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލު ސަރުކާރުން އެންމެ ހަފްތާއަކުންވެސް ނިންމާލެވެން އެބަ އޮތް ކަމެވެ.
ހައްލު އޮތީ ސަރުކާރާއި ކޯޓުތަކުގެ ތެރޭގައި
މުޅި މައްސަލައަށް ހައްލު އޮތީ ސަރުކާރާއި ކޯޓުތަކުގެ ތެރޭގައެވެ. ސަރުކާރުގެ ޒިންމާގައި އޮތީ ޖާގައިގެ ދަތިކަން ހައްލު ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތް ލުއި ކުރުމަށް މަޖިލީހުން ފާސްކުރަން ހުރި ބިލްތައް ފާސް ކުރުމެވެ.
ބާކީ ބައި އޮތީ، ކޯޓުތަކަށެވެ. ޒިންމާ އަދާކުރުމުގެ ގޮތުން، ޝަރީޢަތްތައް ލަސްކުރުން ނިމުމަކަށް އަންނަން ޖެހެއެވެ. މައްސަލަތަކަށް އެކަށީގެންވާ ވަގުތު ނުދީ އިންސާފަށް ހުރަސް އެޅުން ނިމުމަކަށް އަންނަން ޖެހެއެވެ. އަދި ފަނޑިޔާރުން ޝަރީޢަތްތަކަށް ހާޒިރުނުވުން ފަދަ ކަންކަން އެއްކޮށް ހުއްޓެން ޖެހެއެވެ. މީގެ އިތުރުން މިހާރު ކުރާ މަސައްކަތް ދެގުނަ ކުރަން ޖެހެއެވެ. މިއީ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމެއް ނޫނެވެ. މިކަން ކަން ކުރެވޭނީ ކޯޓުތަކުގައި އިހްލާސްތެރިކަމެއް ހުރެގެންނެވެ.
މީގެ އިތުރުން ކޯޓުތެރޭގައި އޮތް ކޮރަޕްޝަން ހުއްޓުވުމާއި، ފަނޑިޔާރުންގެ ޖަވާބުދާރީވުން އިތުރުކުރުމާއި، ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރުމާއި، ފަނޑިޔާރުންނާއި ކޯޓު މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ. މިއިސްލާހްތައް ގެނެސް، ވާނުވާ ނިމުމަކަށް ގެނައުމަކީ މުޅި ޝަރުޢީ ނިޒާމުގެ އިތުބާރު އަލުން ގާއިމުކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ.
މިއީ ސަރުކާރާއި، ކޯޓުތަކުން ހައްލު ކުރަން ބޭނުން ނަމަ، އެތައް ޒަމާނެއް ކުރިން ހައްލުވެފައި އޮންނަންވީ މައްސަލަ އެކެވެ.