ސިޔާސީ

ސަރުކާރުގެ ވިސްނުން ކައުންސިލްތައް އުވާލުމާއި ދިމާލަށް! ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ ކޮންމެ ޑިކްޓޭޓަރަކަށް ވެސް ލިބޭ އެންމެ ބޮޑު އުފާ!

ދިޔަވަރު
ސަރުކާރުގެ ވިސްނުން ކައުންސިލްތައް އުވާލުމާއި ދިމާލަށް! ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ ކޮންމެ ޑިކްޓޭޓަރަކަށް ވެސް ލިބޭ އެންމެ ބޮޑު އުފާ!

ސަރުކާރުގެ ވިސްނުން ހުރީ ކައުންސިލްތައް އުވާލުމާއި ދިމާލަށެވެ. ފާއިތުވި ހަފްތާ ތެރޭގައި މުއިއްޒުގެ އެންގުމަށް ކައުންސިލްތަކަކީ ދައުލަތަށް ހުރި ބުރައެއް ކަމަށް ވިސްނުވައި ދިނުމަށް ސަރުކާރާއި މަޖިލީހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޯހެއް ފުރިހަމަ ކޮށްގެން ނޫނީ ކައުންސިލަރަކަށް ނުވެވުން

ކައުންސިލްތައް ހިންގަނީ ގާބިލު ބައެއް ނޫން ކަން ރައްޔިތުންނަށް ދެއްކުމަށް ޓަކައި، އެލްޖީއޭއާއި ހަވާލު ކޮށްފައިވާ ޒުލްފާ ވަނީ ކައުންސިލްތަކަށް ރައްޔިތުން ހޮވާ ފަރާތްތަކަށް އެ މަގާމުތަކަށް އާދެވޭނީ، އިތުރު ކޯހެއް ފުރިހަމަ ކޮށްގެން ކަމަށެވެ. މިއިން ސަރުކާރުން ހާސިލް ކުރަން ބޭނުން ވަނީ ޖުމްލަ ދެކަމެކެވެ. ފުރަތަމަ ކަމަކީ، ކައުންސިލްތަކަށް ސަރުކާރަށް ތާޢީދު ނުކުރާ އެއްވެސް ބަޔަކު ނެގެނައުމެވެ. ދެވަނަ ކަމަކީ ކައުންސިލްތަކަކީ ޤާބިލު ބައެއް ނޫންކަން ހާމަ ކޮށްދީ، ކުރިއަށް އޮތް ތަނުގައި ކައުންސިލްތައް އުވާލުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދީ، އާންމުންގެ ރުހުން އެކަމަށް ހޯދުމެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އެކްރެޑިޓް ކޯހެއް ފުރިހަމަ ކޮށްފައި ނޫނީ ކައުންސިލަރުން ހުވާ ކުރުމުގެެ މަރުހަލާ ކަޑައްތު ނުކުރެވޭނެ ގޮތަށް ހަމަޖައްސާނެ ކަމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެފައި ވަނީ، ރައްޔިރުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެންމެ ކައުންސިލަކުން ކުރި ކަމެއްގައި ހުރިހާ ކައުންސިލްތައް ބަދުނާމު ކޮށްލުން

އޭގެ ފަހުން، މަޖިލީހުގައި، މަޖިލީހުގެ ނާއިބް ރައީސް ނާޒިމް ވަނީ ކައުންސިލްތަކުގެ ޚަރަދު ބޮޑު ކަމަށާއި، ބޭކާރު ޚަރަދު ކުރާ ކަމަށް ބުނެ ފާޑު ކިޔާފައެވެ. އެންމެ ކައުންސިލަކުން ކުރި ކަމެއްގެ ހުތުރު ނަން ހުރިހާ ކައުންސިލް ތަކަކަށް އަމާޒު ވާހެން، ހުރިހާ ކައުންސިލަކުން ބޭކާރު ޚަރަދު ކުރާކަމަށް ދޭހަ ވާހެން ނާޒިމް ވަނީ މަޖިލީހުގައި ވާހަކަ ދައްކާފައެވެ.

"ލޯކަލް ކައުންސިލްތަކުގެ ގާނޫނުން ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި،"

ނާޒިމް މަޖިލީހުގައި ވިދާޅުވިއެވެ.

މި ޚަބަރު ރާއްޖޭގެ ހުރިހާ މީޑިޔާތަކުން ކަވަރު ކޮށް، ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ހޮވާފަިއވާ ކައުންސިލް ތަކުގެ އަގު ވަރަށް ބޮޑަށް ސަރުކާރުން ވަނީ ރާވައިގެން ވައްޓާލާފައެވެ.

ހއ. އަތޮޅު ކައުންސިލުން ވަނީ މި މަހު 26 ގައި އަންނަ ބަންދުގައި ތައިލެންޑުގެ ބެންކޮކަށް ދަތުރެއް ރާވަފައެވެ. އަދި، މި އަހަރު ގދ. އަތޮޅު ކައުންސިލުން ވަނީ 12 ދުވަހަށް ތުރުކީއަށް އަދި ތިން ދުވަހަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއަށް ދަތުރުކޮށްފައެވެ.

ދެ އަތޮޅެއްގެ ކައުންސިލަކުން ކޮށްފައިވާ ކަންކަމުން ހުރިހާ ކައުންސިލްތަކަށް އޭގެ ހުތުރު ނަން ލިބޭހެން ވާހަކަ ފުޅު ދެއްކެވިއެވެ.

ހިތާމަ އަކީ މިފަދަ އަމަލެއް ކައުންސިލަކުން ކޮށްފި ނަމަ، އެކަމަށް އެ ކައުންސިލެއް ޖަވާބު ދާރީ ކުރުމަށް، އެލްޖީއޭއާއި، އޮޓޯލް މިނިސްޓްރީއެއް އުފައްދާފައިވާއިރު، އެއިން އެއްވެސް ތަނަކުން އެ ފަރާތްތަކުގެ ޒިންމާ އަދާކޮށް، ކައުންސިލްތަކަށް ދޭން ޖެހޭ ނަސޭހަތާއި، އިންޒާރު ދީފައި ނުވާކަމެވެ.

ކައުންސިލަރުން ގެނައި ތަރައްޤީ ނެތް ކަމަށް ބުނެ ކައުންސިލުން މަދު ކުރަން ސަރުކާރުން ގޮވާލުން

ރަށްރަށުގެ ކައުންސިލްތަކުގައި ބައިވަރު ކައުންސިލް މެންބަރުން ތިބިއިރު އެ ރަށްރަށަށް ކައުންސިލްތަކުގެ ފަރާތުން އެއްވެސް ތަރައްގީއެއް ނާންނަ ކަމަށް ވެލިދޫ ދާއިރާގެ، އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައި ވަނީ މުއިއްޒު އެގޮތަށް ވާހަކަ ދެއްކުމަށް އެދިގެންކަން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ވެފައެވެ. އެމްޑީއޭ މަސައްކަތް ކުރަމުން ދަނީ ސަރުކާރަށް ވާގިދޭ ޕާޓީއެއް ގޮތުގައެވެ.

އެހެންވީމަ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ފަހު ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިން ހިމެނޭގޮތަށް ސިޓިން ކައުންސިލެއް އެކުލަވާލެވިގެން ކުރިއަށް ދިޔުން އެއީ ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލުއިވެގެންދާނެ ކަމެއް!

އޭނާ މުއިއްޒުގެ ވިސްނުމާއި އެއްގޮތަށް ކައުންސިލްތައް އުވާލަން މަޖިލީހުގައި ގޮވާލިއެވެ.

ރާއްޖެ އެނބުރި އަތޮޅު ވެރިކަން ކުރާ ސްޓައިލަށް ސަރުކާރުން އައްޔަން ކުރާ، ކަތީބުން ނާއި، ބޮޑު ކަތީބުން ތިބޭހެން ބަޔަކު ކައުންސިލްތަކުގައި ތިބުމަށް މުއިއްޒު އެދިގެން މަޖލީހުގައި އައްބާސް ވާހަކަ ދައްކާފައިވާއިރު އެޓޯލް މިނިސްޓްރީ އިން ދަނީ އެކަމަށް ތައްޔާރު ވަމުންނެވެ.

އެޓޯލް މިނިސްޓްރީ އުފެއްދުން

އެޓޯލް މިނިސްޓްރީ އުފައްދާފައި ވާ އެއްވެސް ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ. އެލްޖޭއޭ އޮއްވާ އެޓޯލް މިނިސްޓްރީގެ ބޭނުމެއް ނެތެވެ. ނަމަވެސް ސަރުކާރުން އެޓޯލް މިނިސްޓްރީ އުފެއްދީ، ކައުންސިލާ، އެލްޖީއޭ އުވާލައި، އަތޮޅުތައް އެޓޯލް މިނިސްޓްރީއިން ހިންގުމަށް ބޭނުންވާތީއެވެ. ސަރުކާރުން ތައްޔާރު ވަމުން އެދަނީ އެ މަސައްކަތެށެވެ.

ލާމަރުކަޒީ ނިޒާމަށް މި 5 އަހަރު ތެރޭ އިރު އޮއްސޭނެއެވެ. ޑިކްޓޭޓަރޝިޕެއް ދަމަހައްޓައި 20 އަކަށް އަހަރު ވެރިކަން ކުރެވޭނީ ރައްޔިތުންގެ އަޑު ދުރާއި، ކައިރިން ކަނޑުވާލައިގެންނެވެ.