އެކޮނޮމިކް މިނިސްޓްރަ މުހައްމަދު ސައިދަށް ގުޅުއްވައި، ވަރަށް އާޖެންޓް ކަމެއްގައި ރައީސް އޮފީހަށް ވަޑައިގަތުމަށް މުއިއްޒު އެދި ވަޑައިގެންނެވިއެވެ. ހުރިހާ ކަމެއް ހުއްޓާލާފައި ސައީދު ރައީސް އޮފީހަށް ވަޑައިގަތެވެ. މުއިއްޒު ސައީދު އެތަނުގައި ހައްޔަރުކޮށް ބަހައްޓައި، ސައީދު ހިފަހައްޓައިގެން މުއިއްޒު އިންނެވިއެވެ.
މާލޭގެ ވިޔަފާރި ބަނދަރުގެ (އެމްޕީއެލް)ގެ އެއްވެސް ވާހަކަ އެއް މުއިއްޒު ނުދައްކާ ތާގައި، އެއްވެސް "އާރޖެންޓް" ވާހަކަ އެއްވެސް ނުދައްކައެވެ. ސައީދު އެތައް ގަޑިއިރެއް ވަންދެން ރައީސް އޮފީހުގައި މިހެން ހިފަހައްޓާފައި މުއިއްޒު ބޭންދި ކަމަށް ސައީދުގެ އަރިސް ފަރާތަކުން ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.
ސައީދު ހިފަހައްޓާފައި ހުރި އިރު، މުއިއްޒު ދިޔައީ ރައީސް އޮފީހުގައި އުޅޭ މުއިއްޒުގެ ކޮރަޕްޝަން ޕާޓްނަ ޝާހިދު ލައްވައި، އެކޮނޮމިކް ކައުންސިލްގެ މީޓިންގ ބާއްވައި އެކޮނޮމިކް ކައުންސިލުން މުއިއްޒު ބޭނުންވާ ގޮތަށް ފިލިޕީންސް ކުންފުންޏަށް އެމްޕީއެލް ވިއްކާލުމަށް ބޭނުންވާ ހުއްދަތައް ހޯދަމުންނެވެ.
އެކޮނޮމިކް ކައުންސިލުން މުއިއްޒު ބޭނުންވާ ގޮތަށް ހުރިހާކަމެއް ނިމުމުން، ދެން ދިޔައަސް އެންމެ ރަނގަޅު ކަމަށް މުއިއްޒު ސައީދަށް ވިދާޅުވި ކަމަށް ވެއެވެ. ކަން ވީ ގޮތް ސައީދަށް ރޭކާލީ ސައީދު އެނބުރި މިނިސްޓްރީ އަށް ވަޑައިގަތުމުން ކަމަށް އޭނާ ކިޔައި ދިނެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޕީއެލް އާއި އެކު، ރާއްޖެއަށް ފައިދާ ވާ ފަދަ އެއްބަސް ވުމެއް ޑުބާއީގެ ޑީޕީ-ވޯލްޑް ކިޔާ ދުނިޔޭގައި މިކަމުގައި އެންމެ ވަރުގަދަ ކުންފުންޏާއި އެކު ސައީދު މަސައްކަތް ކުރަމުން ދިޔުމުން، ފިލިޕީންސް ކުންފުންޏަށް އުސޫލުގެ ތެރެއިން އެކޮނޮމިކް ކައުންސިލުން އެ ޕްރޮޖެކްޓް ދިނުމަށް ފާސް ނުވާނެ ކަން މުއިއްޒަށް އެނގޭތީ، ސައީދު ރައީސް އޮފީހުގައި ހައްޔަރު ކުރުމަށް ފަހު، ރައީސް އޮފީހުގެ މިނިސްޓަރ ޝާހިދު ލައްވައި ރައީސް ވިދާޅުވި ކަމަށް ބުނެ އެކަނޮމިކް ކައުންސިލުގައި ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައިގެން ވަގުތުން ވަގުތުން މިކަން ކުރީއެވެ.
މިއީ ދިވެހި ރާއްޖޭގެ އެތައް ބަޔަކު ވޯޓު ދީގެން ވެރިކަމަށް ގެނައި ރައީސުލްޖުމްހޫރިއްޔާގެ ފެންވަރެވެ. ހީލަތްތެރި ކަމާއި، ކޮރަޕްޝަނާއި އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް ހުރި މިންވަރެވެ.