ރާއްޖޭގެ މާލީ ހާލަތު ނުރައްކަލެއްގައި އޮއްވައި، ހާލަތު ބަދަލު ނުކޮށް، ހުވަފެނީ ރަށަކަށް މިލިއަނުން ޚަރަދުކުރުމުން، ރާއްޖޭގެ ހާލަތު އިތުރަށް ވާނީ ގޯހެވެ. އިޤްތިޞާދީ ގޮތުންނާއި، މާލީ ގޮތުން ޤައުމު މިހާލަށް ވެއްޓުނީ ސަރުކާރުގެ ނާގާބިލު ކަމުންނާއި، ޚާރިޖީ ސިޔާސަތު ވަކި އަތަކަށް ބުރަކޮށްގެން އެހީތެރި ވަމުން ދިޔަ ޤައުމުތަކާއި އޮތް ގުޅުން ކަނޑާލައި، ސަރުކާރުގެ ޚަރަދުތައް އެތައް ގުނައަކުން ބޮޑު ވުމުންނެވެ.
ދައުލަތުގެ ބަޖެޓުން އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދުނުކޮށް ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި "ފުށި ދިއްގަރު ފަޅު" ހިއްކުމަށް ހަވާލުކުރި ކުންފުންޏަށް ފައިސާ ނުހޯދިގެން ކޮންޓްރެކްޓު ބާތިލު ކުރުމަށް ފަހު، އެ މަޝްްރޫއުގެ ދަށުން ހިއްކާ ފުރަތަމަ 27 ހެކްޓަރުގެ ބާކީ ބައި ހިއްކުމަށް 77 މިލިއަން ރުފިޔާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ދޫކޮށްފައެވެ.
މި ފައިސާ ދޫކުރި އިރު، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ޑޮލަރު ލިބުން ބޭންކުންނާއި މާކެޓުން ދަތިވެ، ޑޮލަރު ރޭޓު 18 އަށް ވުރެ މައްޗަށް ގޮސްފައި ވަނިކޮށެވެ. އާސަންދައިން ދެމުން ދިޔަ ބައެއް ޚިދުމަތްތައް ކަނޑާލައި، ދިވެހިން އެނެމެ ގިނައިން ބޭސް ފަރުވާ ހޯދަމުންދާ އިންޑިޔާގެ ހޮސްޕިޓަލަކަށް ދޫކުރަމުން ދިޔަ އާސަންދަ ހުއްޓާލާފައި ވަނިކޮށެވެ.
ރައްޔިތުން އެތުން ނަގާ ޓެކްސް ބޮޑުކޮށް، ސަރުކާރަށް ނުއުފުކުނު މާލީ ބުރަ ރައްޔިތުންގެ ބޮލަށް ޖަހާފައި ވަނިކޮށެވެ. ހެޔޮ ވާނީ ކިހިނަކުންތޯއެވެ.
މި ފައިސާ އިން ދައުލަތުން ރާއްޖޭގެ ރައްޔިތުންނާއި ގުޅުން ހުރި، ކަންކަމަށް ޚަރަދު ކުރުން މާ އައުލާކަން ބޮޑެވެ. 77 މިލިއަން ރުފިޔާއަށް ވާ ޑޮލަރު ރާޖޫ ކިޔާ މީހަކަށް ދީ ރާއްޖެއިން ބޭރަށް އެތެރަވާ މަދު ޑޮލަރު ކޮޅު ފޮނުވާލާ ލީމާ، އިތުރަށް ދިވެހިންނަށް ވާނީ ގެއްލުމެވެ.
ފުށި ދިއްގަރު ފަޅަކީ ހުވަފެނީ ރަށެކެވެ. މިހާރު އެދާ ސްޕީޑްގައި ދާނަމަ، 5 އަހަރުގެ ދައުރެއް ނިމޭއިރުވެސް ހިއްކާ ނުނިމޭނެ ތަނެކެވެ. ފާއިތުވި ވެރިކަމުގައި ހަވާލު ކޮށްފައިވާ ގޯތި ތަކާއި، އެޕާރޓްމެންޓް ތައް ހަވާލު ކުރަން ޖެހޭ ފަރާތްތަކާއި ހަވާލު ކޮށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށް ދިނުމަށް މުއިއްޒަށް ކިތަންމެ މަސައްކަތެއްވެސް ކުރެވެން އެބަހުއްޓެވެ.
ނަމަވެސް، މިއީ ތިމަންނާގެ ޕްރޮޖެކްޓެކޭ ބުނެވޭ ވަރުގެ ޕްރޮޖެކްޓެއް އުފެއްދުމަށް، މާލޭ އާއި މާ ދުރުގައިވާ ތަނެއް ހަދައި، މާލޭ ރައްޔިތުން މާލެއިން ބޭލުމަށް ހިންގާ ހީލަތްތެރި މަޝްރޫއަކީ އޭގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް، މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ބޮޑު އިސްރާފެކެވެ.
މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް އަށް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ސީދާ މުއިއްޒު ވިދާޅުވެ ފެށްޓެވި މަޝްރޫއު ކުރިއަށް ދިޔައީ 2 މަސް ދުވަހަށެވެ. އެ ކުރި މަސައްކަތެއްވެސް އޭރު ކުރީވެސް، ނުގަވާއިދުން، ޤާނޫނުތަކާއި ޚިލާފަށް އެމްޓީސީސީ ލައްވައެވެ. ފެބްރުއަރީ މަހުން ފެށިގެން ފުށިދިއްގަރުފަޅު ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ، 77 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ރާޖޫއަށް ދިނުމުން މި ޖުލައި 1 ގަ އެވެ.
މާލޭގެ ދެކުނުން 10 ކިލޯމީޓަރު ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު 18، 2023 ގަ އެވެ.
މި މަޝްރޫއު ފެށީ ހާމަކަމެއް ނެތި ކުއްލިއަކަށެވެ. މަޖިލީސް އިންތިހާބަށް ރާޖޫ އަތުން ފައިސާ ތަކެއް ނަގައިގެންނެވެ. ރައްޔިތުންގެ ކަންބޮޑުވުން އެކަމާއި މެދު އިންތިހާއަށް އޮއްވައެވެ.
ފުށިދިއްގަރު ފަޅު ހިއްކަން ފެށީ އެތަން ހިއްކާ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ބިން ލިބޭ ގޮތަށެވެ. މިއީ ރާއްޖޭގެ ތާރިޚުގައި އާންމުން ދިރިއުޅޭ ތަނަކުން ބޭރުގެ ފަރާތަކަށް އަލަށް މިގޮތަށް ބިން ދޫކުރި ފަހަރެވެ.
ފުށިދިއްގަރުފަޅު ހިއްކަން 77 މިލިއަން ރުފިޔާ ދެއްކީ، ޤައުމުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ތިމާގެ ނަން ދެމެހެއްޓުމަށް ހިންގާ ސިޔާސީ އިސްރާފު ހުއްޓާލަން ޖެހެއެވެ. ރައްޔިތުންނަށް އަޅާލައި، އިޤްތިޞާދު ހަމަ މަގަށް އަޅުވަން ވެރިކަން ކުރާފަރާތުން މަސައްކަތް ކުރާތަން ނުފެނެއެވެ.