ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު އިންސައްތައެއް، އެމްބަސީ ތަކަށް އައްޔަން ކުރި ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށް ބޭނުން ޖެހިއްޖެ ކަމަށާއި، ލޯނު ދެއްކުމަށްފަހު، ދައުލަތުން އެންމެ ބޮޑު ޚަރަދައެއް ކުރަން ޖެހިފައިވަނީ އެމްބަސީ ތަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ އިސްފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
ފޮރިންގ މިނިސްޓްރީއަށް ހަމަ ޖައްސާފައިވާ ބަޖެޓް ފަހަނަ އަޅާ ގޮސްފައި ވާ ކަމަށާއި، އެމްބަސީ ތަކުން 3 ގުނަ ބައެއް އެމްބަސީ ތަކުން 4 ގުނަ ސިޔާސީ ވަޒީފާތައް އިތުރު ކޮށްފައި ވެއެވެ. މިއިން ކޮންމެ މަގާމަކަށް 310،000ރ އާއި 400،000ރ އާއި ދެމެދު ކޮންމެ މީހަކަށް މަހަކަށް ސަރުކާރުން ދަނީ ޚަރަދު ކުރަމުންނެވެ. މީގެ އިތުރުން އެމްބަސީތަކުގެ ކުލި ހިމެނޭހެން ހުންނަ ޚަރަދު ތަކަކީ އިންތިހާއަށް ބޮޑެތި ޚަރަދު ތަކެއްކަމަށް އޭނާ ހާމަ ކުރިއެވެ.

މި ގޮތުން ކުރިން 5 މީހުން ތިބި އެމްބަސީ ތަކުގައި މިހާރު 15 މީހުން ތިބި ކަމަށާއި، ބައެއް އެމްބަސީތައް ކުޑަވެގެން އެހެން ތަންތަނަށް މީހުން އިތުރުވެގެން ބަދަލު ކޮށްފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
މިސާލަކަށް ޖެނީވާ އެމްބަސީ! އިބޫ ސަރުކާރުގައި އެތާ ތިބީ 3 މީހުން. މިހާރު އެތާގައިވެސް 8 މީހުން އެބަތިބި. 3 މީހުން އިން ހިންގޭ ތަނަކަށް 8 މީހުން ލުމަކީ ދައުލަތަށް އޮތް ބޮޑު މާލީ ބުރައެއް!
އޭނާ ދިޔަވަރު ނޫހަށް މިސާލެއް ދައްކަމުން ކިޔައި ދިނެވެ.
މި މީހުންނަށް މުސާރަ ދިނުމަށް ދައުލަތުން ގިނަ އަދަދެއްގެ ޑޮލަރު ކަރަދު ކުރަން ޖެހުމުގެ ސަބަބުން، ވިޔަފާރިތަކަށާއި، ކިޔަވާ ކުދިންނަށް ސްޓައިޕެންޑް ދިނުމަށް ޑޮލަރު ނުލިބި، ހާލު ގައި ޖެހުމުން ދާ ކަމަށް އޭނާ ކިޔައިދިނެވެ.
ސަރުކާރުގައި ތިބި ސިޔާސީ މުއައްޒަފުން ނޫން އެހެން ހުރިހާ ފަރާތްތައް ތިބީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މާޔޫސް ވެފައެވެ.