ޚަބަރު

އެމްބަސީތަކުގެ ސިޔާސީ ފަރާތްތައް ގިނަވެ، މިލިއަނުން ޑޮލަރު ޚަރަދު ކުރަން ޖެހިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުން ހާލުގައި ޖެހިއްޖެ! ސަރުކާރުން ބުނަނީ ކުދިންނަށް ފޮނުވާ ވަރަށް ޑޮލަރެއް ނެތްކަމަށް!

ދިޔަވަރު
އެމްބަސީތަކުގެ ސިޔާސީ ފަރާތްތައް ގިނަވެ، މިލިއަނުން ޑޮލަރު ޚަރަދު ކުރަން ޖެހިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުން ހާލުގައި ޖެހިއްޖެ! ސަރުކާރުން ބުނަނީ ކުދިންނަށް ފޮނުވާ ވަރަށް ޑޮލަރެއް ނެތްކަމަށް!

ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވާތީ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން ހާލުގައި ޖެހިއްޖެ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ހަޔާ އެޑިއުކޭޝަނުން ބައެއް ދަރިވަރުންނަށް ފައިސާ ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ. މި ގޮތުން މިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވުން ސަރުކާރުން ހުއްޓާލާފައި ވާއިރި، އެމްބަސީ ތަކުގައި ތިބި ސިޔާސީ ފަރާތްތަކަށް، ކޮންމެ ފަރާތަކަށް ކޮންމެ މަހަކަށް ޑޮލަރުން ދަނީ މުސާރަ ދެމުންނެވެ. މި ގޮތުން ކޮންމެ މީހަކަށް 300،000ރ އަށް ވާވަރަށް މަހެއްގެ މައްޗަށް ޚަރަދު ކުރާކަމަށް ވެއެވެ.

ސަރުކާރުން ކިޔަވާ ކުދިންނަށް ދޭން ޖެހޭ ފައިސާ ޖަމާނުވާތީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ، ކޯސްފީ އާއި ގޭގެ ކުލި އަދި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ވެސް ނުކުރެވޭކަން ވަނީ އެނގިފަ އެވެ.

"ފައިސާއަށް އެޕްލައި ކުރިތާ މިހާރު ތިން ހަފްތާވަރު ވެއްޖެ. މިނިސްޓްރީން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވޭ. ރެންޓާއި އެއްޗެހި ދެއްކޭނެ ގޮތެއް ނެތް. ސެމް ފީ ނުދައްކައިފިނަމަ އެ ސެމްއެއް ޑިފާ ކުރަންޖެހޭނީ. އޭރަށް އަނެއްކާވެސް ދުވަސްތަކެއް ގެއްލިގެންދާނީ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޮސްޓްރޭލިއާގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނަށް ވެސް ސަރުކާރުން ފައިސާ ޖަމާ ނުކޮށްދެ އެވެ.

"ފައިސާ ނުލިބިގެން ކޮންމެވެސް މީހެއް އަތުން މި ޖެހެނީ ފައިސާ ނަގަން. އެބަ އުޅޭ ބައެއް ކުދިން ރެންޓު ނުދެއްކިގެން ގެއިން ނިކުންނަން ޖެހޭ ހިސާބުގައި ވެސް. އަލުން ތަނެއް ހޯދަން ވެސް ވަރަށް އުނދަގޫވާނެ،" ރައީސްގެ ސްކޮލާޝިޕެއްގައި ކިޔަވާ ކުއްޖަކު ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރާއްޖޭގެ އެންމެ މަޝްހޫރު ނޫސް ކަމުގައިވާ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޑޮލަރުގެ ތާށިކަމާހެދި ކުދިންނަށް ފައިސާ ޖަމާ ކުރުމުގައި ލަސްތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް ވީ އެންމެ އަވަހަށް ފައިސާ ޖަމާ ކުރުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ދޫކުރަން ފައިސާ ހަމަ އެންމެ އިސްކަން ދީގެން މިވަގުތުން މިވަގުތަށް ބޭނުންވާ ކުދިންނަށް. އަޅުގަނޑުމެން ވެސް ބޭނުމެއް ނުވާނެ އެ ކުދިން ހާލުގައި ބައިތިއްބާކަށް ދެއްތޯ. އަޅުގަނޑުމެންނަށް ވެސް އެނގޭ އެ ކުދިންނަށް ފައިސާ ވަގުތުން ބޭނުންވާނެކަން. މި ލަސްވެގެން މިދަނީ ޑޮލަރުގެ ތާށިކަމާ ހެދި،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ދިވެހި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ސްޓޭޑެންޓު ލޯނުގައި އަދި ސްކޮލާޝިޕްގައި އަންނަނީ ތައުލީމު ހާސިލު ކުރަމުންނެވެ.