ދިޔަވަރު ނޫހުން މިއަދު އަލަށް ނެރުނު ކައްޒާބު ޕޯޓަލް، ހަސަން ކުރުސީ އިފްތިތާހް ކޮށް ދެއްވައިފިއެވެ. ދިޔަވަރު ނޫހުން ނެރެފައިވާ "ކައްޒާބު ޕޯޓަލް" އަކީ، މުއިއްޒުއާއި އޭނާގެ ސަރުކާރުން ރައްޔިތުންނަށް ހަދަމުންދާ ދޮގުތައް އެއްތަނަކުން ފެންނަ ހެން ތައްޔާރު ކޮށްފައިވާ ޕޯޓަލް އެކެވެ. މި ޕޯޓަލްގެ ލިންކަކީ https://kaz.dhiyavaru.com އެވެ، ކަޒް އަކީ ޖެންޒީ ކުދިން މުއިއްޒަށް ކައްޒާބު ކިޔުމުގެ ގޮތުން މިހާރު ކިޔާ އުޅޭ ނަމެކެވެ.
މި ޕޯޓަލް އާއި ގުޅޭ ގޮތުން ދިޔަވަރު ނޫހަށް، އެ ނޫހުގެ މެނޭޖްމެންޓުން މައުލޫމާތު ދެއްވި ގޮތުގައި، ސަރުކާރާރުން ކުރަމުންދާ ވައްކަމާއި، ކޮރަޕްޝަނާއި، އިސްރާފާއި، ވެރިކަން ކުރުމުގައި ހުރި ނާގާބިލް ކަމުގެ ވާހަކަތައް ގެނެސްދޭ ނޫސްތަކަކީ ދޮގު މައުލޫމާތު ފަތުރާ ބައެއް ކަމަށް ބްރޭންޑް ކުރުމުގެ މަސައްކަތް މުއިއްޒު ކުރަމުންދާ ކަމަށާއި، މި ޕޯޓަލްގެ އެއް މަޤުޞަދަކީ ރައްޔިތުންނަށް ދޮގު ހަދަމުން ދަނީ މިފަދަ މީޑިޔާ ތަކުން ނޫން ކަމާއި، ސީދާ ޑރ. މުއިއްޒު އާއި، ސަރުކާރުންކަން ހާމަ ކުރުން ކަމަށެވެ. އަދި ސަރުކާރުގެެ ތެދު ޚަބަރުތައް ގެނެސްދޭ މީޑިޔާތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ސްޕޮންސަރ ތައް ކަނޑާލައި، ބިރުދެއްކަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ހަދާފައިވާ ޕޯޓަލް އެއް ކަމަށް ހާމަ ކޮށްފައި ވެއެވެ.
މި ޕޯޓަލް ހުޅުވުމުގެ ރަސްމިއްޔާތު، ޝަރުފްވެރި ކޮށްދެވި ހަސަން ކުރުސީ ވިދާޅުވެފައިވަނީ ދިޔަވަރު ނޫހުން މިވުޖޫދުކުރި ޕޯޓަލްއަކީ ރަގަޅަށް މައުލޫމާތު ލިބިފައިވާ ރައްޔިތުންތަކެއް އުފެއްދުމަށާއި، ހަގީގަތާއި ނަޒާހަތްތެރިކަމުގެ ސަގާފަތެއް ރާއްޖޭގައި ކުރިއަރުވާ އާލާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް މުއިއްޒުގެ ދޮގު ވާހަކަތައް ލިޔެކިޔުމަށް ހާއްސަކޮށްގެން ދިޔަވަރު ނޫހުން މިވުޖޫދުކުރި ޕޯޓަލްއަކީ ރަގަޅަށް މައުލޫމާތު ލިބިފައިވާ ރައްޔިތުންތަކެއް އުފެއްދުމަށާއި، ހަގީގަތާއި ނަޒާހަތްތެރިކަމުގެ ސަގާފަތެއް ރާއްޖޭގައި ކުރިއަރުވާ، އާލާކުރުމަށް ވަރަށް މުހިންމު ކަމެއް. މި އިސްނެގުމަކީ ދިވެހި ސިޔާސީ މައިދާން ތެދުވެރިކަމާއި ނަޒާހަތްތެރިކަމާ ދިމާއަށް ބަދަލުވުމަށް ހިތްވަރުދޭ ކަމެއް. މިއީ ސިޔާސީ ކަންކަން ހިގާ ގޮތް ބަދަލުކޮށް، ހަގީގަތްތައް ޗެކްކޮށް، ލީޑަރުން އެމީހުންގެ ބަހާއި އަމަލުތަކަށް ޖަވާބުދާރީވުމުގެ ސަގާފަތެއް އެސްޓެބްލިޝްކުރުމަށް މުހިއްމު ޕޯޓަލްއެއް. ޕޯޓަލް މި ފަށަނީ މުއިއްޒުގެ ދޮގު ވާހަކަތައް ބޭޒާރުކުރުމުން ކަމަށް ވިޔަސް، ކުރިއަށް އޮތްތާގައި ދެންވެސް ރާއްޖޭގައި އުޅޭ ސިޔާސީ އެހެން މީހުންގެ ދޮގުތައް މިގޮތަށް ފެންނަ ގޮތަށް ޕޯޓަލްއަށް އެމީހުން އިތުރުވުމަކީވެސް އަޅުގަޑުމެން ކުރާ ބޮޑު އުއްމީދެއް. މިއީ ދިޔަވަރު ނޫހުން ނެގި "ފިނޯމިނަލް" ސްޓެޕެއް. ފެންނަ ފެނުމަށް ރާއްޖޭގެ އެހެން ނޫސްތަކުންވެސް މިކަން ދާދިއަވަހަށް ކޮޕީކުރަން ފަށާނެ. މަރުހަބާ ދިޔަވަރު. މަރުހަބާ ރައްޔިތުން.
ހަސަން ކުރުސީ މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.
ދިޔަވަރު ނޫހުން ވަނީ ހަސަން ކުރުސީ ސިޔާސީ މައިދާނުގައި ރައްޔިތުންނަށް ސަރުކާރުގެ ތެދު މައުލޫމާތާއި ފަތިފުށް ހާމަ ކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ.
ދިޔަވަރު ނޫހުން ކުރިއަށް އޮތްތަނުގައި މި ޕޯޓަލް އަށް އިތުރު ފުރިހަމަ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވެއެވެ. މިގޮތުން އާންމުންނަށް، މުއިއްޒުގެ ދޮގުތައް ރިޕޯޓް ކުރެވޭ ގޮތް ހެދުމާއި، ދޮގުތައް ސޯޝަލް މީޑިޔާގައި ބޭނުން ކުރާ ކަހަލަ ކާޑުތަކަކަށް ބަދަލު ކޮށް މީސް މީޑިޔާގައި ފަސޭހައިން ޝެއަރ ކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ. މި ޕޯޓަލް ވަނީ މިހާރު ދިޔަވަރު ނޫހުގެ މެނޫގައި ހިމަނާފައެވެ.