ޚަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ "މުލު ވަގުން" ކުރިމަތީ ބައިތިއްބައިގެން, ޚިޔާނާތުގެ ބައިވެރިންނަށް ހައްގު އަދަބު ދޭނަކަމަށް މުއިއްޒު ވިދާޅުވުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު!

ދިޔަވަރު
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ "މުލު ވަގުން" ކުރިމަތީ ބައިތިއްބައިގެން, ޚިޔާނާތުގެ ބައިވެރިންނަށް ހައްގު އަދަބު ދޭނަކަމަށް މުއިއްޒު ވިދާޅުވުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު!

ރާއްޖޭގަ ހިނގި އެންމެ ބޮޑު ވައްކަން ކަމަށްވާ, މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވައްކަމުގެ މުލުވަގުން ކުރިމަތީ ބައިތިއްބަވައިގެން އެވައްކަން ކުރި މީހުން ހޯދައި، ގެއްލުނު ފައިސާ ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ، ކޮރަޕްޝަންގެ ނުބައި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލައި، އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ދޭންޖެހޭ ހައްގު އަދަބުދީ، އެ އެސެޓްތައް ރިކަވާ ކުރެވެން ޖެހޭ ކަމަށެވެ.

އެގޮތަށް ޚިޔާނާތުގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދައިދެއްވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އެސެޓް ރިކަވަރީއަށް ގާނޫނެއް ހެދުމަށް ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިހާރު ހުރި ގާނޫނުތަކުން އެކަން ނުކުރެވޭ ބޭނުންވާ ގޮތަކަށް އެފިޝިއެންޓް ކޮށެއް.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިންނަށް ހައްގު އަދަބު ދެއްވާނެކަމަށް މުއިއްޒު މިރޭ ވިދާޅުވިއިރު, އެ ޚިޔާނާތުގެ މުލު ވަގުން ތިއްބެވީ މުއިއްޒުގެ ކުރިމަތީ, އެޖަލްސާގެ ކުރީބަރީގައި އިށީދެ އަތްޖައްސަވާށެވެ. އޭގެ ތެރޭގައި, އެމްއެމްޕީއާރުސީ އެންމެ ގިނަ އަދަދެއްގެ ފައިސާ އަދީބު މެދުވެރިކޮށް އަދި އެނޫން ގޮތްގޮތުންވެސް ހޯދި, މިހާރުގެ މަޖިލިސް ރައީސް އަދި މުއިއްޒުގެ ރޯލް މޮޑެލް އަބުދުއްރަހީމްއާއި, ފައިސާ ގޯނި އުފުލިކަމަށް އަމިއްލައަށް އިއުތުރާފްވި, މިހާރުގެ މެމްބަރު މުހައްމަދު އިސްމާއިލް (މާފެލޭ)އާއި, އެމްއެމްޕީއާރުސީން އެންމެ ގިނަ ފައިސާ ވަގަށް ނެގި, ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުވެސް ހިމެނެއެވެ.

އޭގެ އިތުރުންވެސް, އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަން ސާބިތުވާ ފިނިފެންމާ ސައީދުއާއި, މިހާރުގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫންއާއި, އެމްއެމްޕީއާރުގެ ފައިސާ އަދީބު މެދުވެރިކޮށް ހޯދިކަން ހާމަވެގެން ގޮސްފައިވާ އެހާރާއި މިހާރުގެ އެތައް މިނިސްޓަރުންނާއި ވަޒީރުންވެސް މި ޖަލްސާގައި ތިއްބެވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ހޯދާނެ ކަމަށް މުއިއްޒު މިރޭ ވެވަޑައިގެންނެވި ވައުދަކީ, ފާއިތުވި މަޖިލިސް އިންތިޚާބުގެ ކުރިން ރައްޔިތުން ގުނބޯ ހެއްދުމަށް ވީ ވައުދުތައް ފަދައިން, ވެވަޑައިގެންނެވި ވައުދެއްކަމުގައިވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.