އިދިކޮޅު އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާއެއް ފެށުމުގެ ގޮތުން ގުރުއާން ކިޔެވި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު އެ ކުންފުނިން ވަކިކޮށްފި އެވެ.
އެ މުވައްޒަފަކީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާޖިން އެވެ. އެ ކުންފުނިން އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން ކަމަށެވެ. ޗިޓު ފޮނުވާފައިވަނީ މިއަދު އެވެ.
ނަމަވެސް, އެމްޑީޕީން ބުނަނީ އޭނާ ވަކިކުރީ ޕޯޑިއަމުގައި ގުރުއާން ކިޔެވުމުން ކަމަށެވެ.
އެމްޑީޕީން ބުނެފައިވަނީ، ޝާޖިން އެ ރޭގެ ޖަލްސާގައި ގުރުއާން ކިޔެވީ ޖަލްސާގައި ކިޔަވަން ހަމަޖެއްސި މީހާ ލަސްވުމުން އެ ތަނުގައި ހުރި މީހުންގެ ތެރެއިން އޭނާ ރީތިކޮށް ގުރުއާން ކިޔަވާ ވާހަކަ ފާހަގަކުރުމުން ކަމަށެވެ.
އަދި، މިއީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޝާޖިން ގުރުއާން ކިޔެވި ފުރަތަމަ ފަހަރުކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.
އެޗްޑީސީގެ ސިޓީގައި ބުނެފައިވަނީ އެ ކުންފުނީގެ ޑިސިޕްލިނަރީ އުސޫލުގެ ތެރޭގައި އެއްޗެސް މުވައްޒަފަކު ސަބަބެއް ނެތި އަހަރެއްގެ ތެރޭގައި ތިން ދުވަހު މަސައްކަތަށް ނުނިކުމެއްޖެނަމަ ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޝާޖިންގެ އަހަރީ ޗުއްޓީއަށްފަހު އޮފީހަށް ނުކުމެފައި ނުވަނީ މި މަހުގެ 2 އަދި 3 ގައި ކަމަށާއި އޭގެ އިތުރުން މިއަދުވެސް ސައިން އިން ކުރުމަށްފަހު އޮފީހަށް ނުނިކުންނަ ކަމަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް މިކަމާ ގުޅިގެން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.