ރާއްޖެ ޕްރޮމޯޓް ކުރުމަށް، އިންޑިޔާގެ ކްރިކެޓް ޓީމު ރާއްޖެ އައުމަށް ސަރުކާރުން ދައުވަތު ދިނުމަށް ފަހު، މަޖިލީހުގައި މުއިއްޒުގެ މެމްބަރުން ލައްވައި އިންޑިޔާގެ މަސައްކަތު މީހުންނަށް މަލާމާތް ކޮށް އެއްޗެހި ގޮވައިފިއެވެ. ރާއްޖެ ޕްރޮމޯޓް ކުރުމަށް، އިންޑިޔާ ކްރިކެޓް ޓީމް އައުމަށް އިންޑިޔާއަށް ދައުވަތު ދީފައި ވަނީ އެމްއެމްޕީއާރުސީ އިންނެވެ.
އިންޑިޔާގެ މަސައްކަތު މީހުންނަށް މަލާމާތް ކޮށް އެއްޗެހި ގޮވާފައި ވަނީ މަޖިލީހުގައި މިހާރު އެންމެ ގަދައަށް ސަރުކާރުގެ ސިޔާސަތު ފެތުރުމަށް މަޖިލީހުގައި ވާހަކަ ދައްކާ މުއިއްޒު އާއި ގާތް ގުޅުމެއް އޮންނަ އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް އެވެ. އެމްޑީއޭ މަސައްކަތް ކުރަމުން ދަނީ ސަރުކާރަށް ވާގިދޭ ޕާޓީއެއް ގޮތުގައެވެ.
މުހައްމަދު އައްބާސް އިންޑިޔާ މީހުންނަށް މަލާމާތް ކޮށް ވާހަކަ ދައްކަމުން ބުނެފައި ވަނީ އިންޑިޔާ ލޭބަރުން އެއީ ވެޖިޓޭރިއަނުންނޭ ނޫނީ ރާއްޖެ މާ ހޫނޭ ބުނެ، މިއީ އަހަރަމެންނަށް ޖެހިފައިވާ މޮޑު މުސީބާތެއް ކަމަށް އޭނާ ބުނެފައި ވެއެވެ.
ރާއްޖެއިން ބޭރުން ލޭބަރުން ގެންނަނީ އިންޓަވިއު ކޮށްގެންނެވެ. އަދި އަންނަ ލޭބަރުންނަށް ކެވޭނެ ކާބޯތަކެތި ފޯރު ކޮށް ދިނުމަކީ ދީނީ ގޮތުން އަދި އިންސާނީ ހައްޤުތަކުގެ ނަޒަރުން ބެލި ކަމުގައި ވިއަސް އެ ގެންނަ ފަރާތުގެ މައްޗަށް ލާޒިމް ވެފައިވާ ކަމެކެވެ. އެކަމާއި ގުޅިގެން ނަސްލީ ތަފާތު ކުރުމެއް މިފަދައިން ގެންގުޅެ، އިންޑިޔާއިން އަންނަ މަސައްކަތު މީހުންނަށް ރާއްޖެ ނުގެނެވޭ ހެން ކަންކަން ރާވަން ސަރުކާރުގެ އިސް ވެރިން ތަކެއް އަޑީގައި ތިބެގެން މުހައްމަދު އައްބާސް ލައްވާ ދެއްލި ވާހަކަ އަކީ ޒިންމާދާރުކަން ކުޑަ، ރޭސިސްޓް ވާހަކައެވެ. އަދި އެއީ މިހާރު ހީނަރުވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ހޫނުވެގެން ދާނެ ކަމެކެވެ.
މުއިއްޒުގެ ސަބަބުން، އިންޑިޔާގެ ފަތުރުވެރިން އައުން މަދުވެ، ރާއްޖޭގެ ޓުއަރިޒިމަށް ވަނީ އިންތިހާއަށް އަސަރު ކޮށްފައެވެ. އެންމެ ބޮޑު އެއް އަސަރެއް ކޮށްފައި ވަނީ، ސަން-ޝިޔާމްގެ ރިސޯޓްތަކަށެވެ. ޝިޔާމުގެ އަރިހުގައި ހުންނަވައިގެން ޝިޔާމުގެ ވިޔަފާރިއަށް ގެއްލުން ލިބޭހެން، މުއިއްޒުގެ ސިޔާސީ ޕްރޮޕަގަންޑާގައި ޖެހިގެން އަވަށްޓެރި ޤައުމަކާއި ރާއްޖެއާޢި އޮތް ގުޅުމަށް ހީނަރުކަން އަންނަ ހެން އައްބާސް ވާހަކަ ދެއްކުމަކީ ވަރަށް ހުތުރު ކަމެކެވެ. އެމްޑީއޭގެ ނައިބް ރައީސްގެ ގޮތުގައި ހުރި މީހަކު، މަޖިލީހުގައި މި މޭރުމުން ވާހަކަ ދެއްކުމަކީ ޝިޔާމުގެ އަގުވެސް އަވަށްޓެރި ޤައުމުތަކުގައި ވެއްޓިގެންދާނެ ކަމެކެވެ.
ހެދުނު ފިރުމާފައި، މެންދުރަށް އަޅާލީމާ، ދުޝްމަނުކަން ނެރެ، މަލާމާތާއި، ފުރައްސާރަ ކުރާ ޚާރިޖީ ސިޔާސަތެއް މުއިއްޒު ގެންގުޅެގެން ރާއްޖެއަށް ލިބޭނެ ފައިދާއެއް ނެތެވެ. އިންޑިޔާއާޢި، އިންޑިޔާގެ ރައްޔިތުންނާއި މެދު ނަފްރަތު އުފެދޭ ވާހަކަ މަޖިލީހުގައި ދައްކައިގެން މުއިއްޒަށް ލިބޭނެ މޮޅެއް ނޯންނާނެއެވެ. އަދި އެއްވެސް ޤައުމަކާއި މެދު އެފަދައިން އަމަލު ކޮށްގެން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.
އެމްއެމްޕީއާރުސީއިން ރާއްޖެ ޕްރޮމޯޓް ކުރުމަށް އެ ޤައުމުގެ ކްރިކެޓް ޓީމަށް ރާއްޖެ އައުމަށް ދައުވަތު ދިނުމަށް ފަހު، މުއިއްޒުގެ މެމްބަރުން ލައްވައި މި ކުރުވީ ހާދަހާ ހުތުރު ކަމެކެވެ. އިންޑިޔާގެ ރައްޔިތުންނާއި މެދު ނަފްރަތު އުފެދޭހެން މަޖިލީހުގައި ސަރުކާރު މެމްބަރުން ވާހަކަ ދައްކާއިރު، އިންޑިޔާގެ ކްރިކެޓް ޓީމް އައިސް، ރާއްޖެ ޕްރޮމޯޓް ކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.