ސާފު ގޮނޑުދޮށްތަކާއި ފަހަރުވެރި ރިސޯޓުތަކަށް މަޝްހޫރު ދިވެހިރާއްޖެއަށް ފަހަކަށް އައިސް އެންމެ މުހިންމު އެއް މާކެޓު ކަމުގައިވާ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަން ދަށަށް ގޮސްފައެވެ. މި ދަށްވުން އައިސްފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގޯސްވަމުން ދިއުމާއި ގުޅިގެންނެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.
ފަތުރުވެރިންގެ އަދަދު ބޮޑުތަން ދަށަށް ދިއުން
2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ޖުލައި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދިވެހިރާއްޖެއަށް އައިސްފައިވަނީ 65,372 އިންޑިއާ ފަތުރުވެރިންނެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި އައި 113,756 ފަތުރުވެރިންނާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. ޓުއަރިޒަމް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރަކާއި އަޅާބަލާއިރު 48,384 ފަތުރުވެރިން މަދުވުމެކެވެ.
އާންމު ގޮތެއްގައި ނިމޭ އަހަރަށް ވުރެ، %8-10 ގެ އިތުރަށް ކޮންމެ އަހަރަކުވެސް އިންޑިޔާއިން އަންނަ ފަތުރުވެރިން މީގެ ކުރިން އިތުރު ވެފައިވެއެވެ. އެހެން ކަމުން މަދުވެފައިވާ އަސްލު އަދަދަކަށް ވާނީ މަދުވި 48،384 އަށް 113,756 ފަތުރުވެރިންގެ %10 ކަމުގައިވާ 11،376 ޓުއަރިސްޓުން އިތުރު ކޮށްގެންނެވެ. އެހެން ކަމުން މުއިއްޒުގެ ސަބަބުން ރާއްޖެއަށް އިންޑިޔާއަށް އައި ފަތުރުވެރިން މަދުވެފައިވާ އަސްލު އަދަދަކީ 59,760 އެވެ.
މާލީ ގޮތުން ކުރި އަސަރު
އިންޑިއާ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވެއެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން އޭޕްރިލް މަހާ ހަމައަށް ދިވެހިރާއްޖެއަށް ގާތްގަނޑަކަށް 56 މިލިއަން ޑޮލަރު ގެ އާމްދަނީ ގެއްލިފައިވާނެ ކަމަށް ސްކިފްޓުން ރިޕޯޓް ކޮށްފައި ވެއެވެ. (ސްކިފްޓް). (ސްކިފްޓަކީ މުޅި ދުނިޔޭގައި ޓުއަރިޒަމް ސިނާއަތުގެ އެންމެ އިތުބާރު ކުރެވޭ ޚަބަރުތައް ގެނެސްދޭ ޖަމާއަތެވެ.)
ޖުލައި 7 އާއި ހަމައަށް މިނިސްޓްރީއިން ހާމަ ކޮށްފައި މައުލޫމާތާއި، އިތުރުވާން ޖެހޭ %10 ހިމަނައިގެން ބަލާއިރު، ކޮންމެ ބެޑަކަށް މި ސީޒަންގެ އެވްރެޖް ރޭޓުން ތިން ރެއަށް 3100 ޑޮލަރު ލިބޭނޭ ކަމަށް ބެލިއަސް ރާއްޖެއަށް 6 މަސްދުވަސް ތެރޭ ގެއްލިގެން އެދިޔައީ 92.6 މިލިއަން ޑޮލަރުގެ އާމްދަނީއެވެ. ސީދާ މުއިއްޒުގެ ސަބަބުންނެވެ. މިއަދަދަކީ އެހެން ޤައުމުތަކުގައި އުޅޭ އިންޑިޔާއަށް ނިސްބަތްވާ މީހުން ނުހިމަނައި ހިސާބު ކޮށްފައިވާ އަދަދެކެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ ޖީޑީޕީގެ 28 އިންސައްތަ ހިއްސާކުރާ ދާއިރާއެވެ.
މައިގަނޑު ސަބަބު: ޑިޕްލޮމެޓިކް ގުޅުން ގޯސްވުން
މި ދަށްވުމުގެ މައިގަނޑު ސަބަބަކީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ތަކެއް، (ޝިއުނާ، މަލްޝާ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެކޮޅަށް ޓުވީޓާގައި ބޭނުން ކޮށްފައިވާ އަދަބު އަޚުލާގު ދަށް ބަސްތަކުން އިންޑިއާގައި ރުޅިވެރިކަން އުފެދުމުންނެވެ. މިކަމާއި ގުޅިގެން އިންޑިޔާގެ ސޯޝަލް މީޑިއާގައި ރާއްޖެއާއި ދެކޮޅު ކެމްޕޭނެއް ފެށި، ގިނަ އިންޑިއާ މީހުން ދިވެހިރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ކެންސަލްކުރިއެވެ. އީޒްމައިޓްރިޕް ފަދަ އިންޑިއާގެ ބޮޑެތި ދަތުރުފަތުރުގެ ޕްލެޓްފޯމްތަކުން ވެސް މި ބޮއިކޮޓާ އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ ބުކިންގ ހުއްޓާލިއެވެ (ސްކިފްޓް) (އިންޑިއާ ޓުޑޭ).
އިޤްތިޞާދަށް ކުރި ފުޅާ އަސަރު
ދިވެހިރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވަނީ ބޮޑަށް ފަތުރުވެރިކަމަށެވެ. އަދި އިންޑިއާ ފަތުރުވެރިން މުހިންމު ދައުރެއް އަދާކުރެއެވެ. ޚާއްޞަކޮށް ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވާ އޮފް-ޕީކް މޫސުމުގައެވެ. އެހެންކަމުން އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވުމުން އެކަމުގެ ނޭދެވޭ އަސަރު ވަނީ މި ދާއިރާއަށް ބޮޑަށް ކޮށްފައެވެ. އިންޑިއާ ފަތުރުވެރިންގެ މައްޗަށް ބަރޯސާވެފައިވާ ދަތުރުފަތުރުގެ އޭޖެންސީތަކާއި އޮޕަރޭޓަރުންގެ އާމްދަނީ 80 އިންސައްތައަށް ދަށްވެފައި ވާނެ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ސަރުކާރާއި އިންޑަސްޓްރީގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތައް
ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ވަނީ އިންޑިއާ ފަތުރުވެރިންނަށް އާންމުކޮށް ގޮވާލައި، ދެ ޤައުމުގެ ދެމެދުގައިވާ ތާރީޚީ އަދި ޘަޤާފީ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. ނަމަވެސް، މިވާހަކަ ދެއްކި އިރު، ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކަން ނޭނގި، މީގެ ސަބަބުން ރާއްޖޭގެ ރީތި ނަން ކިލަބުވެ، އެ އިންޓަވިއު މުޅި ދުނިޔޭގައި ވެގެން ދިޔައީ ބޮޑު ޖޯކަކަށެވެ. އެހެންކަމުން އޭގެ ސަބަބުން އަންނާނެ ފަތުރުވެރިއަކު ހުރި ކަމަށް ނުބެލެއެވެ.
އޭގެ ފަހުން، ޕްރައިމް މިނިސްޓަރ މޯދީ 3 ވަނަ ދައުރަކަށް، ހުވާ ކުރުމުގެ ރަސްމިއްޔާތަށް މުއިއްޒު ވަޑައިގަތެވެ. އެ ދަތުރު ފުޅުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް މުއިއްޒު މަސައްކަތްކުރަން ބޭނުންވިހެން ހީވިއަސް، އެ ޤައުމުގެ މެހެމާން ދާރީގައި ހުންނަވައިގެން، މަޖިލީހުގެ 241 ކޮމިޓީއިން، އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ހަދާފައިވާ އެއްބަސްވުންތައް އިންވެސްޓިގޭޓް ކުރުމަށް، އަޒާން އާއި ރެޑްވޭވް ސަލީމް އިސްކޮށް ތިބިގެން ނިންމިއެވެ. މިކަން އިންޑިޔާގެ މީޑިޔާ ތަކުން ރިޕޯޓް ކޮށްފައި ވަނީ، އެޤައުމުގެ މެހެމާންދާރީގައި އެގައުމުގައި ހުންނަވައިގެން ވެސް، އިންޑިޔާއާއި މެދު ނަފްރަތު އުފައްދަން މުއިއްޒު އުޅޭ ކަމަށެވެ. މުއިއްޒުގެ މި އިޚްތިރާމް ކުޑަ އަމަލުގެ ސަބަބުން އިތުރަށް އިންޑިޔާއިން ރާއްޖެއަށް މީހުން އައުން މަދުވިއެވެ.
އެމްއެމްޕީއާރުސީއިން ދާދި ފަހުން، އިންޑިޔާގެ ކްރިކެޓް ޓީމަށް ރާއްޖެ އައުމަށް ދައުވަތު ދީ، އެ ޓީމް މެެދުވެރިކޮށް އިންޑިޔާގައި ރާއްޖޭގެ މަގުބޫލުކަން އަނެއްކާވެސް އިތުރު ކުރަން މަސައްކަތް ފެށެމަށް ތައްޔާރު ވަމުން ދަނިކޮށް، މުއިއްޒުގެ އިރުޝާދުގެ ދަށުން މުއިއްޒުގެ މަޖިލީސް މެމްބަރަކު ވަނީ މަޖިލީހުގައި އިންޑިޔާގެ މަސައްކަތު މީހުންނަކީ ޖެހިފައިވާ ބޮޑު މުސީބާތެއް ކަމަށް ބުނެ، އެއްޗެހި ކިޔާފައެވެ. އެހެން ކަމުން، އިންޑިޔާގެ ނެޝަނަލް ކްރިކެޓް ޓީމް ރާއްޖެ އައުމަށް މިހާރު ވަނީ ދަތިވެފައެވެ. މިފަދަ ހާލަތެއްގައި ރާއްޖެ އައުމުން އެ ޓީމަށް އިންޑިޔާގައި އޮތް ސަޕޯޓަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރެވެއެވެ.
މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ވަނީ އިންޑިއާގެ ހައި ކޮމިޝަނަރާ ބައްދަލުކޮށް ފަތުރުވެރިކަން އަލުން ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ (އިންޑިއާ ޓުޑޭ).
އައު ސަރުކާރާ ދެކޮޅަށް ކިޔާ ފާޑުކިޔުންތައް
- ނާގާބިލް ޑިޕްލޮމަސީ: އައު ސަރުކާރުން އިންޑިއާއާއެކު ޑިޕްލޮމެޓިކް ގުޅުންތައް ދަމަހައްޓާފައި ވަނީ ރަނގަޅަކަށް ނޫނެވެ. މީގެ ސަބަބުން ފަތުރުވެރިންގެ އަދަދު ބޮޑުތަން ދަށަށްގޮސް އާމްދަނީ ގެއްލިފައިވެއެވެ. އިންޑިޔާ އައުޓު ކިޔައިގެން ވެރިކަމަށް އައުމުން، އިހިސާބުންވެސް، އިތުރަށް އިންޑިޔާއާޢި ޖައްސާލައި، "ޑޮންޓް ބްލީ" އޭ ކިޔައި، ރައީސްއަކު ކިޔަން ނުވާ ފަދަ އެއްޗެހި ކިޔައި ގުޅުން ހީނަރު ކޮށްލީ ސީދާ މުއިއްޒެވެ.
- އިޤްތިޞާދީ ނާޤާބިލުކަން: މުހިންމު މާކެޓެއްގެ ފަތުރުވެރިންގެ އަދަދު ބޮޑުތަން ދަށަށް ދިއުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދަށް މުހިންމު ބައިނަލްއަޤްވާމީ ގުޅުންތައް ހިފެހެއްޓުމުގައި ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.
މުއިއްޒު އަށް ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކޮށް ބެލެހެއްޓުމަށް ނުކުޅެދުމުގެ ސަބަބުން އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް މިވަނީ އައިސްފައިވެއެވެ. އިންޑިއާ ފަތުރުވެރިންގެ އިތުބާރު އަލުން ހޯދައި ފަތުރުވެރިކަމުގެ ދާއިރާ ހަމައަކަށް އެޅުވުމަށް ވަގުތުން ސްޓްރެޓެޖިކް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވެއެވެ.
ދިވެހިރާއްޖެ މި ހީނަރުކަމުން އަރައިގަތުމަށް މަސައްކަތްކުރާއިރު، އެކުވެރި ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރުމާއި ހަރުދަނާ ފަތުރުވެރިކަން ކުރިއެރުވުމުގެ ސްޓްރެޓެޖީތައް ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަން ކޮށްފައިވާ ފަރާތަކީ އެއްވެސް އިލްމީ ޤާބިލު ކަމެއް ނެތް ފަރާތަކަށް ވުމުން މިކަމެއް 7 މަސް ދުވަސް ވީއިރުވެސް ނުވިއެވެ. އެހެން ކަމުން ކުރިއަށް އޮތް 4 އަހަރާއި ބައި އުޅެން ޖެހޭނީ މިހާލުގައެވެ. މިކަން ހައްލުވާން އޮތީ މުއިއްޒު އިސްތިއުފާ ދީގެންނެވެ.