ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންނާއި ރައީސް އޮފީހުގެ ފަރާތުން އެކި ކަންކަން އިއުލާނުކުރުމާއި މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދީ ހާމަކުރުމަށް ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން ކުރަންޖެހޭ ޓްވީޓްތައް ހީނާއަށް ނުކުރެވި ފެއިލްވުމުން، ރައީސް އޮފީހުގައި ޑެޕިއުޓީ އަންޑަރ ސެކެޓްރީއެއްގެ ގޮތުގައި މަސައްކަތްކުރާ ގާދިއްފުށީ އަބާން އެކަމާ ހަވާލުވެ ކޮމިއުނިކޭޝަން ކުދިން ލައްވާ ޓްވީޓް ލިޔެގެން އޭނާގެ އަމިއްލަ އެކްސް އެކައުންޓުން ކުރަން ފަށައިފި އެވެ.
މީގެ ކުރިން ހުރިހާ ވެރިކަމެއްގައިވެސް ރައީސް އޮފީހުގެ ފަރާތުންނާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހާމަކުރާ މުހިއްމު މައުލޫމާތުތައް ޓްވީޓްކޮށް ހިއްސާކުރަނީ ސްޕޯކްސްޕާސަންގެ ރަސްމީ ހޭންޑްލްއިން ނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން އޮންނަނީ އެފަދައިން ނެވެ. ނަމަވެސް ސްޕޯކްސްޕާސަންކަމާއި ހީނާ ހަވާލުވިފަހުން އެކަން ނުކުރެވި، ނުވަތަ އެކަން އެގޮތަށް ކުރަންޖެހޭކަން ހީނާއަށް ބުނެދޭނެ ނުވަތަ އެނގޭ ފަރާތެއްވެސް ރައީސް އޮފީހުގައި ނެތުމުން، ބާއްވަން އުޅޭ ޕްރެސްތަކާއި، ރައީސުލްޖުމްހޫރިއްޔާ ރަސްމީ ހައިސިއްޔަތުން ބާއްވާ ބައްދަލުވުންތަކާއި، ނިންމާ ބައެއް ނިންމުންތަކާއި ގުޅޭ ޓްވީޓްތައް ކޮމްސް ޑިޕާޓްމަންޓުން ޑްރާފްކުރުމުން އެ ޓްވީޓްތައް ކުރަނީ އެ އޮފީހުގައި މަސައްކަތްކުރާ މިސަރުކާރުގައި ސަތޭކައިން ގުނާލެވޭ ޑެޕިއުޓީ މިނިސްޓަރުންނަށްވުރެވެސް ދަށް ރޭންކެއްގައި ރައީސް އޮފީހުގައި ވަޒީފާގައި އުޅޭ ގާދިއްފުށީ އަބާން އެވެ.
މި ޕްރެކްޓިސްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގަދަރާއި ހުރުމަތް ކެނޑޭ ފަދަ، ހަރުދަނާ ވެރިކަމެއް ކުރުމުގެ އެއްވެސް ސިފައެއް ވިސްނުމެއް މުއިއްޒުގެ ކިބައިގައި ނެތްކަން ދަލީލުކޮށްދޭ ކަމެކެވެ.
ރައީސް އޮފީހުގެ ކޮމްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފަރާތްތަކުން "ދިޔަވަރު" ނޫހަށް މައުލޫމާތުދެމުން ބުނީ، ގާދިއްފުށީ އަބާނަށް އިނގިރޭސި ބަހުން ލިޔަންކިޔަން ނޭނގުމުގެ ސަބަބުން އޭނާ އިނގިރޭސިބަހުން ކުރާ އިސްވެ ފާހަގަކުރި ރަސްމީ ޓްވީޓްތައް ލިޔުއްވަނީ އެ ޑިޕާޓްމަންޓްގައި އުޅޭ ކުއްޖެއް ގާތުގައި މުއިއްޒު އެކަން އެގޮތަށް ކުރަން އަންގާފައިއޮތްކަމަށް ބުނެ ދޮގުހަދައި އެ ކުއްޖާއަށް ބިރު ދައްކައިގެން ނެވެ.