ބީއެމްއެލްގެ އެކައުންޓްތަކަށް ޖުވާގެ ފައިސާ ޖަމާކޮށްދިނުން ހުއްޓުމަކަށް ނުގެނެސް, ޖުވާ ކުޅޭ ވެބްސައިޓް ބަންދުކުރާ ކަމަށް ބުނެ ސަރުކަރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ފަށައިފިއެވެ.
ފުލުހުން މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ, އޮންލައިންކޮށް ބެޓްކުރާ ވެބްސައިޓްތައް ބްލޮކްކުރަން ދިވެހި ފުލުހުން ކޭމް އަށް ހުށަހަޅާފައި ވާކަމުގައެވެ.
އަދި ފުލުހުން ވިދާޅުވެފައިވަނީ އެފަދަ ހަތަރު ސައިޓެއް ބްލޮކްކުރުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅާފައިވާނެކަމަށެވެ.
އެހެންނަމަވެސް, ކޭމްއިން މި ވެބްސައިޓްތައް ބްލޮކް ކުރިނަމަވެސް, ވީޕީއެން ބޭނުން ކޮށްގެން, ޖުއާ ކުޅުމަށް ބޭނުންކުރާ ވެބްސައިޓްތަކަށް ވަނުމުގެ ފުރުސަތު, އެއްވެސް ހުރަހެއްނެތި ވަނީ ފަހިވެފައެވެ. އަދި ސަރުކާރުން ޖުވާ ކުޅޭ ވެބްސައިޓްތައް ބަންދު ކުރަމުންދާ ކަމަށް ބުނަމުންދަނީ, ޖުވާ ކުޅޭ އެއްވެސް ވެބްސައިޓަކަށް, އެކުޅިވަރު ކުޅެމުންދާ ފަރާތްތަކުން ވަނުމުގައި އަދިވެސް އެއްވެސް ހުރަހެއް ނެތްކަން ރަގަޅަށް އެނގިތިބެކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ހަމަ މި ބީދައިން މީގެ ކުރިން ސަރުކާރުން ވަނީ އޮރިޔާން ސައިޓްތައްވެސް ބަންދުކޮށްފައިވާކަމަށް ބުނެ, އަޑު ފަތުރާފައެވެ. އެހެންނަމެވސް މިހާރުވެސް ރާއްޖޭގައި އޮރިޔާން ސައިޓްތަކަށް ވަނުމުގައި (ވީޕިއެން ބޭނުންކޮށްގެން) އެއްވެސް ހުރަހެއް ނެތެވެ.
ރައީސް މުއިއްޒު ގެންދަވަނީ, ކަންކަމުގެ ހަގީގަތް އޮޅުވާލާ, ޖުވާ ކުޅުންފަދަ ލާދީނީ ކުޅިވަރުތައް ޒުވާނުންނަށް ހުޅުވާފައި ބޭއްވުމަށްފަހު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މަސައްކަތް ކުރަމުންނެވެ.
ޖުވާކުޅުމަކީ މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކެވެ. އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައިވަނީ ނަހީކުރައްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ [سورة المائدة]
މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބުމަށްޓަކައެވެ. (90) ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) (91) ”
ޖުވާގެ ހުރިހާ ބާވަތެއްވެސް ޙަރާމްކަމުގައި ފިޤުހުވެރިން ވަނީ އިއްތިފާޤުވެ ވަޑައިގެންފައެވެ.
މިފަދަ ކުޅިވަރުތަކުގެ ތެރޭގައި އިހުޒަމާނުގައްޔާއި މިޒަމާނުގައި އެތައް ކަމެއް ހިމެނިގެން ދެއެވެ.
އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން އާލާތްތައް ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ.
މިޒަމާނުގައިވެސް އެފަދަ ކުޅިވަރުތައް ފައިސާއަށް ކުޅެއުޅެއެވެ. އަދި އޭގެ އިތުރަށްވެސް މި ޒަމާނުގައި ޢާންމުވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި: ވާދަ ޖަހައިގެން ކުރާ ކަންތައްތަކުގައި ބެޓް ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި: Roulette އާއި Blackjack އާއި Poker އަދި މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއް ވެއެވެ.
ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ކޮފީތަކަށް އަރައި ތިބެ ފައިސާ ބަހައްޓައިގެން ވެސް ޖުވާ ކުޅެ އުޅޭކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ހަމަ ކޮންމެ މީހަކުވެސް ވަކިވަރަކަށް ފައިސާ ޖުވާކުޅޭ މޭޒުގެ މަތީގައި ބަހައްޓައެވެ. އަދި ތާސްބައި ބޭނުން ކޮށްގެން މި ގޭމް ކުޅެން ފަށައެެވެ. އެހުރިހާ ފައިސާތަކެއް ވެސް ލިބޭނީ އެ މޮޅުވާ މީހަކަށެވެ.