ޚަބަރު

ފިޝަރީޒް މިނިސްޓަރީގައި 39 ސިޔާސީ މުވައްޒަފުން، 5 އަހަރުގެ މުސާރައަށް 64 މިލިއަން ރުފިޔާ! ކުރީ ސަރުކާރުގައި ތިބީ އެންމެ 8 ސިޔާސީ މުއައްޒަފުން!

ދިޔަވަރު
ފިޝަރީޒް މިނިސްޓަރީގައި 39 ސިޔާސީ މުވައްޒަފުން، 5 އަހަރުގެ މުސާރައަށް 64 މިލިއަން ރުފިޔާ! ކުރީ ސަރުކާރުގައި ތިބީ އެންމެ 8 ސިޔާސީ މުއައްޒަފުން!

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށް 39 ސިޔާސީ މުވައްޒަފުން އައްޔަނު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ މަޝްހޫރު ނޫހެއް ކަމަށްވާ "އަދަދު" އިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީއަށް އައްޔަން ކުރި 39 ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު އެއް މިލިއަން ރުފިޔާ އަރަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ:
އެއް މިނިސްޓަރު - 58,500ރ.
ދެ ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
12 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 378،000ރ.
13 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 331،500ރ.
11 ޕޮލިޓިކަލް ޑިރެކްޓަރުން - 225،500ރ.
މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1،080،500ރ. (އެއް މިލިއަން އަށްޑިހަ ހާސް ފަސް ސަތޭކަ ރުފިޔާ) ހޭދަވެ އެވެ. އެއީ، އަހަރެއްގެ މައްޗަށް 12,966,000ރ. (12 މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ހަ ހާސް ރުފިޔާ) އެވެ.

އެހެންކަމުން ފިޝަރީޒް މިނިސްޓަރީގެ ސިޔާސީ މުވައްޒަފުންނަށް މަހެއްގެ މައްޗަށް ހަރަދު ކުރާ ފައިސާއިން 135 ސިވިލް ސާވަންޓުންނަށް މުސާރަ ދެވޭނެ އެވެ. ސިވިލް ސާވަންޓެއްގެ އެވަރެޖު މުސާރައަކީ މަހަކު 8000ރ. އެވެ.

ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 64 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަަދަދު މިހާރު 2,000 އާ ގާތްކުރާނެ އެވެ. އަދި ސަރުކާރު ކުންފުނިތަކަށް އިތުރު 2000 މީހުން ލާފައި ވުމުން މި އަދަދު 4000 އަރައެވެ. ކުރީ ސަރުކާރުގައި ޖުމްލަ ސިޔާސީ މީހުންގެ އަދަދު 700 އަށް ނާރައެވެ. އެއީ 5 ޕާޓީގެ ކޯލިޝަން ވެރިކަމެއް ކުރި އިރު އެވެ.

ނަމަވެސް ސަރުކާރުން ދަނީ ތަކުރާރުކޮށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުން ފަސްކޮށް އެކަމާ ދެކޮޅު ހަދަމުންނެވެ. އެކަން ކުރުމަށް ގޮވާލާ މިދިޔަ ހަފުތާ އިދިކޮޅުން މަޖިލީހަށް ވެއްދި ކުއްލި މައްސަލަ ވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.