ޚަބަރު

މިމަހު ވެސް ޕީއެންސީ މަޖިލީހުގެ މެމްބަރުންނަށް މުއިއްޒު ރިޝްވަތުގެ ހަރާމް ފައިސާ ދިން އިރު، ބައެއް މެމްބަރުންނަށް އެއްލައްކަ ރުފިޔާ ދީފައިވޭ! ލާރިއަށް ދަހިވެތި ވެފައިވާ ވަރުން މައްސަލަ ޖައްސާކަށް ކެރޭ މެމްބަރަކު ނެތް!

ދިޔަވަރު
މިމަހު ވެސް ޕީއެންސީ މަޖިލީހުގެ މެމްބަރުންނަށް މުއިއްޒު ރިޝްވަތުގެ ހަރާމް ފައިސާ ދިން އިރު، ބައެއް މެމްބަރުންނަށް އެއްލައްކަ ރުފިޔާ ދީފައިވޭ! ލާރިއަށް ދަހިވެތި ވެފައިވާ ވަރުން މައްސަލަ ޖައްސާކަށް ކެރޭ މެމްބަރަކު ނެތް!

ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ހިންގާ ޕީއެންސީ ތަމްސީލު ކުރާ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވާ ބައިލައްކަ ރުފިޔާ މިމަހު ވެސް ނަގުދު ފައިސާއިން ދީފި އެވެ.

މިކަން ދިޔަވަރު ނޫހަށް ވަނީ މަޖިލީސް މެމްބަރުންތަކެއް ކަށަވަރު ކޮށްދީފައެވެ. ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު ބައެއް މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭއިރު، ބައެއް މެމްބަރުންނަށް އެއް ލައްކަ ރުފިޔާ މުއިއްޒު ދަނީ ދެމުންނެވެ. ގާތްގަނޑަކަށް މަޖިލީހުގެ މެމްބަރުންނަށް މުއިއްޒުގެ ފަރާތުން 5.7 މިލިއަން ރުފިޔާ ދަނީ ޚަރަދު ކުރަމުންނެވެ.

މަޖިލީސް މެމްބަރުން ރިޝްވަތުގެ ފައިސާ ރައީސް މުއިއްޒު އަތުން ނަގަމުން ދަނީ، މުއިއްޒުގެ ދިފާޢުގައި މަޖިލީހުގައި ވާހަކަ ދެއްކުމަށާއި، އަނިޔާވެރި ޚުދުމުހުތާރު ވެރިކަމެއް ގެނައުމަށް މުއިއްޒު އެތައް ސަތޭކަ ބިލެއް ފާސް ކުރަން ބޭނުން ވާތީ އެކަމަށް ބޭނުންވާ ސަޕޯޓް ހޯދުމަށެވެ.

މަޖިލިސް މެންބަރަކަށް މިހާރުވެސް، ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބެ އެވެ. މީގެ އިތުރުން މުއިއްޒު ކޮންމެ މަހަކު 5.7 މިލިއަން ރުފިޔާ މި ދެނީ ހަރާމް ގޮތުގައި ހޯދާފައިވާ ފައިސާއިންނެވެ. ރައްޔިތުންގެ ޙާއްޤާއި މުދާ ވިއްކައިގެން ނަހަލާލު ގޮތުގައި ހޯދަމުންދާ ހަރާމް ފައިސާ އިންނެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މުލިއާގޭގައި މެއި 22، ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާއި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

"ރައީސްގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު 50،000ރ. ދެއްވާނެ ކަމަށް އެދުވަހު ރައީސް ވިދާޅުވުމުން، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ އެގޮތަށް އެކަން ނުކުރުމަށް ބައެއް މެންބަރުން އެދުވަހު ރައީސްގެ އަރިހުން އެދުނު ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް "އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށް ރައީސް މުއިއްޒު އެދުވަހު ވިދާޅުވެ އެކަން އެމަގުން ކުރައްވަމުން ގެންދަވަނީ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ޕީއެންސީގެ މެންބަރުންނަށް "މުލިއާގެއިން މަހަކު 50،000ރ. ދޭ" ވާހަކަ ދޮގު ކޮށްފަ އެވެ. ނަމަވެސް" މި ނޫހަށް އެނގިފައި ވާގޮތުގައި ހުސްވި މަހު ވެސް ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް "ރައީސްގެ ފަރާތުން" ބައިލައްކަ ރުފިޔާ ދީފައިވެ އެވެ.

އެ ފައިސާގެ އިތުރުން ޕީއެންސީގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންނަށާއި ޕީއެންސީ ހިންގުމަށް ވެސް "ރައީސްގެ ފަރާތުން" ހަ މިލިއަން ރުފިޔާ ކޮންމެ މަހަކު ހޭދަ ކުރެއެވެ.