ރާއްޖެއިން ބޭރުގެ ހުރިހާ ޓްރެވަލް އެޖެންސީ ތަކުން ރާއްޖެ ވިއްކުން ހުއްޓާލާ ވަރަށް ދަތިކޮށް ސަރުކާރުން ބިލެއް ތައްޔާރު ކޮށްފިއެވެ. ފަރުމާ ކޮށްފައިވާ ބިލަށް ބަލާލާއިރު ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސިނާއަތު އެއްކޮށްހެން މި ބިލުގެ ސަބަބުން ނިމުމަކަށް އަންނާނެއެވެ. އަބްދުއްރަހީމުގެ ނުކިޔަވާހުރި، ދަރި ޓުއަރިޒަމް އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މިނިސްޓްރީގެ މިނިސްޓަރަކަށް ވެހުރެ، އޭނާގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިބި މި ދާއިރާ ދުވަހަކުވެސް ނުދަންނަ މީހުންނާއި އެކު، ދުނިޔޭގެ ޓްރެވެލް ސިނާއަތުގެ ވާނުވާ ނުބަލައި، ހަދާފައިވާ މި ބިލަކީ ބިރުވެރި ބިލެކެވެ. އަދި މިސިނާއަތަށް ދުވަހަކުވެސް ނުލިބޭ ވަރުގެ އަދި ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެ ބިލެކެވެ.
ރާއްޖޭގެ ޓްރަވަލް އެޖެންސީތައް މެދުވެރިކޮށް ރާއްޖެއަށް އަންނަ 90 އިންސައްތަ ގެސްޓުންނަކީ، ރާއްޖެއިން ބޭރުގެ ޓްރަވެލް އެޖެންސީތައް މެދުވެރިކޮށް އަންނަ ފަރާތްތަކެވެ. ރާއްޖޭގެ ޓްރެވެލް އެޖެންސީތަކުން ސީދާ ކަސްޓަމަރުން ހޯދައިގެން ކުރަނީ ވަރަށް ކުޑަ ވިޔަފާރިއެކެވެ. އެއީ ކޮންމެ ފަތުރުވެރިއަކުވެސް، އޭނާގެ އަމިއްލަ ޤައުމަށް ނިސްބަތްވާ ޓްރެވެލް އެޖެންސީ އަކުން އިތުބާރާއި އެކު ދަތުރު ކުރަން ބޭނުން ވާތީއެވެ.
ރާއްޖެއިން ބޭރުގައި އޮޕަރޭޓް ކުރާ ޓްރެވަލް އެޖެންސީތައް ރާއްޖޭގެ ރިސޯޓެއްގެ ރޫމު ވިއްކާތީ ރާއްޖޭގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް، މި ބިލުގައި އޮތް އޮތުމަކީ ބޮޑު ޖޯކެކެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރާ ކަމެއް ނޫނެވެ. ދުނިޔޭގައި ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ނުވެސް ހިމެނެއެވެ. މަގުބޫލު ބައެއް މަންޒިލްތަކުގެ ގޮތުގައި ބެލެވޭ ތުރުކީ އާއި، ތައިލެންޑް، އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގައި ވެސް މިފަދަ އެއްވެސް ޤާނޫނެއް، ގަވާއިދެއް ހަދާފައި ނުވެއެވެ. އެއްވެސް ޤައުމަކުން އެހެން ޤައުމެއްގެ ހުރި ހޮޓަލެއްގެ ރޫމެއް ވިއްކާކަށް އެ ޤައުމެއްގައި ރަޖިސްޓްރީ ކުރާކަށް ނުޖެހެއެވެ. އަދި އޮފީސް ހަދާކަށް ވެސް ނުޖެހެއެވެ. މިއީ ސަބަބުވެރި އިންސާނެއްގެ ބުއްދިއަށް ވެސް ޤަބޫލު ނުކުރެވޭ ވަރުގެ ކަމެކެވެ.
ބޭރުގެ ޓްރެވަލް އެޖެންސީ ތަކަކީ، ރާއްޖޭގެ މިހިރަ ޓްރަވެލް އެޖެންސީތައް ހެން އެންމެ ޤައުމެއް ވިއްކާލަ ވިއްކާލަ ތިބޭ ބައެއް ނޫނެވެ. ޓްރަވެލް ވިޔަފާރި ކުރަން ނޭނގި ފައިދާ ނުވީމާ، ރުޅިވެރިކަން މި ބާލަނީ އިންޓަރނޭޝަނަލް ޓްރެވަލް އެޖެންސީ ތަކަށެވެ. ދުނިޔޭގެ ކަންކަން ނޭނގޭ ރާއްޖޭގައި ތިބި ހައެއްކަ ޓްރަވެލް އެޖެންސީއަށް، ދުނިޔޭގެ ޓްރެވަލް މާކެޓް ބަދަލުވަމުންދާ ގޮތާއި، ކަން ހިނގާ އުސޫލު ނޭނގި ވިޔަފާރި ނުކުރެވިދާނެއެވެ. އެފަދަ ބަޔަކު މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ، މިނިސްޓަރަކަށް ހުރި މީހާގެ ތަންދޮރު ނުދަންނަ ކަމުގެ ނާޖާއިޒް ފައިދާ މިވަނީ ނަގާފައެވެ. މިކަމުގެ ސަބަބުން ރިސޯޓްތަކަށާއި، މުޅި ސިނާއަތަށް ވާނެ ގެއްލުމެއް ކުޑަކޮށްވެސް ފަހުމް ކޮށްލާކަށް މިހާރު ހުރި މިނިސްޓަރަކަށް ނޭނގޭނެއެވެ.
ބޭރުގެ އެޖެންސީތަކުން ދެން އަމަލު ކުރާނެ ގޮތް
ރާއްޖެއިން ބޭރުގެ %99 ޓްރެވަލް އެޖެންޓުން ރާއްޖެ ވިއްކުން ހުއްޓާލާނެއެވެ. އެމީހުން ހަމަ އެކަނި ވިއްކާ މަންޒިލަކީ ރާއްޖެއެއް ނޫނެވެ. އަދި ރާއްޖެއަކީ މިހާރު އެއްވެސް ޤައުމަކުން އެންމެ ގިނައިން މީހުން ދަތުރުކުރާ މަންޒިލެއްވެސް ނޫނެވެ. މިސާކަލަށް ސައުދީ އަށް ނަޒަރު ހިންގާލާށެވެ. އެތާގެ ބޮޑެތި ޓްރެވަލް އެޖެންސީ ތަކުން ރާއްޖެއަށް އޮތް ސަމާލު ކަން އިންތިހާއަށް ކުޑައެވެ. ނަމަވެސް އެއީ އެތައް މިލިއަން ބައެއް، ކޮންމެ އަހަރަކުވެސް އެޤައުމުން ބޭރަށް ދަތުރު ކުރާ ޤައުމެކެވެ. ރިޔާދުގެ ހުރި ބައެއް އެޖެންސީ ތަކަކީ، ރާއްޖެ އެއްވެސް ގޮތަކަށް މިހާރުވެސް ވިއްކާ ތަންތަނެއްވެސް ނޫނެވެ. ޕުކެޓް، ބާލީ، ޖޯޖިއަރ، ތުރުކީގެ އެންޓަރލިއަރ، އަޒަރު ބައިޖާން، މިސްރު، އަދި ޑުބާއީ އަކީ އެ ޤައުމުގެ ޓްރެވަލް އެޖެންސީތަކުން އެންމެ ގިނައިން ވިއްކާ މަންޒިލްތަކެވެ. ރާއްޖޭގެ ނަން 10 ވަނަ އަށް ވެސް ނާދެއެވެ. ޔޫކޭ އަށް ނަޒަރު ހިންގާލާއިރު، އެ ޤައުމުން އެންމެ ގިނަ ބަޔަކު ދަތުރު ކުރަނީ އިޓަލީއަށާއި، ޔޫރަޕުގެ އެހެން ޤައުމުތަކަށެވެ. ރާއްޖެ އަންނަނީ އެޤައުމުން ބޭރަށް ދަތުރު ކުރާ މީހުންގެ ނިސްބަތުން މަދު ބަޔެކެވެ. މިއިން އެއްވެސް ޤައުމެއްގެ އެއްވެސް ޓްރަވަލް އެޖެންސީ އަކަށް ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލުމަކުން ވާނެ އެއްވެސް ގެއްލުމެއް ނެތެވެ. އެހެން ކަމުން، ދުނިޔޭގެ އެއްވެސް ތަނެއްގައި ހަދާފައި ނެތް ޤާނޫނެއް ރާއްޖޭގައި ހަދައި، ބޭރުގެ ކުންފުނިތައް ރާއްޖޭގެ ހުރި ރިސޯޓެއްގެ ރޫމެއް ވިއްކާތީ ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ބުނީމާ އެމީހުން ކައިރިއަށް އަންނާނީ ހިންޏެވެ. ރަޖިސްޓްރީއެއް ނުކުރާނެއެވެ.
ރާއްޖޭގެ ޓްރަވެލް އެޖެންސީ އެއް އޮޕަރޭޓް ކުރާ މީހެއް ކިޔާދިން ގޮތުގައި ސައުދީގެ ޖިއްދާގެ ޓްރަވަލް އެޖެންސީތަކުގެ ތެރެއިން %4 އެޖެންސީވެސް ރާއްޖެ މިހާރު ނުވިއްކައެވެ. ރާއްޖޭގެ ބަދަލުގައި އެހެން އަގުހެޔޮ މަންޒިލްތައް ހުރިކަމަށް ބުނާ ކަމަށާއި، ރާއްޖެއަށް ދާން ބޭނުންވެގެން އަންނަ ފަތުރުވެރިންނަށް ކްރޫޒް ދަތުރުތައް ވިއްކާ ކަމަށާއި، ބައެއް ފަރާތްތައް ރާއްޖޭގެ ބަދަލުގައި ޒަންޒިބާރު ނުވަތަ ސީޝެލްސް އަށް ދާން ނިންމާ ކަމަށް ޖިއްދާގެ ޓްރަވެލް އެޖެންސީއަކާއި ހަވާލާ ދީ އޭނާ ހާމަ ކުރިއެވެ.
ބޭރުގެ އޮޕަރޭޓަރުން ރާއްޖޭގައި އޮފީސް ޤާއިމު ކުރަން އުޅޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަށް ހީވުމަކީ އޭނާގެ ނާޤާބިލުކަން އަމިއްލައަށް ފަޞީހަތް ވާވަރަށް ހާމާކޮށް ދިނުން ނޫން އިތުރު އެއްވެސް ކަމެއް ނޫނެވެ.
ރާއްޖޭގެ ކުދި ޓްރަވެލް އެޖެންސީ އަށް އޮތް ގޮން ޖެހުމަކީ ހުރިހާ ޤައުމެއްގައިވެސް އޮތް ގޮންޖެހުން
ހޮޓެލް އާއި އެކްޓިވިޓީސް ހިމަނައިގެން ރާއްޖޭގެ %99 ޓްރަވަލް އެޖެންސީ ހިންގާ މޮޑެލްއަކީ ނާކާމިޔާބު މޮޑެލްއެކެވެ. މިކަމާއި ގުޅޭ އެތައް ލިޔުމެއް https://skift.com ގައި ޝާއިޢު ކޮށްފައި އެހެރީއެވެ. ޓުއަރިޒަމް މިނިސްޓަރ އަށް މި ލިޔުންތައް ތަރުޖަމާކޮށް ކިޔާދީ ބަލާށެވެ. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން އޮތް ގޮތްކަމާއި، އެ ވިޔަފާރީގައި ކުރިއަށް ދިޔުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ސާފުވާން އެބަ އޮތެވެ. އެއީ ސަރުކާރަކުން ޤާނޫނު ހަދައިގެން ހައްލު ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެން ހައްލު ކުރެވޭ ނަމަ އެކަން އެހެން ޤައުމުތަކުން ވެސް އޮންނާނީ ކޮށްފައެވެ.
ހައްލުތަކަކީ ޤާނޫނެއް ނޫން، ހައްލަކީ ޓްރަވެލް އެޖެންސީތައް ދުނިޔެއަށް ލޯހުޅުވުން!
- ރާއްޖޭގެ ޓްރަވެލް އެޖެންސީތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރިއަށް ދިޔުމަށް ބޭނުންވާ ފައިނޭންސް ނުލިބުމެވެ. އިސްތިހާރު ކޮށް ދުނިޔޭގެ މާކެޓަށް ވަދެވެނީ ވަރަށް ބައިވަރު ޚަރަދު ކޮށްގެން ގިނަ ދުވަހެއްގެ މަސައްކަތުންނެވެ. ބައެއް ފަހަރު އެތައް އަހަރެއްގެ މަސައްކަތުން ނޫނީ ފައިދާއާއި ހަމައަށް ވާސިލް ނުވެވެއެވެ. ރާއްޖޭގެ ގިނަ ޓްރަވަލް އެޖެންސީތައް ބޭނުން ވަނީ އެއްމަހުން ފައިދާ ވާށެވެ.
- ޓްރަވެލް އެޖެންސީތަކުން ބީޓުސީ އަށް ބަރޯސާ ވުން ހުއްޓާލުމަށް ފަހު، ވިޔަފާރީގައި ހުރި އިތުރު ގޮތްތައް ހޯދަން ޖެހެއެވެ.
- ރޭޓް ޝީޓްތައް ޝެއަރ ކުރުން ހުއްޓާލައި، ބީޓުބީ ޕޯޓަލްތައް ހަދައިގެން، ބީޓުބީ ޓްރެވެލިންގ އަށް ވަންނަންޖެހެއެވެ.
- އޭޕީއައި ބޭނުންކޮށްގެން ވަގުތުން ބުކިންގ ކޮންފާރމް ކޮށް ދިނުމާއި، މެޓަރ ސާރޗް އިންޖީންތަކާއި އެކު މަސައްކަތް ކުރަން ޖެހެއެވެ. އަދި އެގްރިގޭޓަރސް ތަކާއި ގުޅިގެން މުޅި ދުނިޔެއަށް އެޖެންސީގެ ރޭޓްތައް ހުޅުވާލަން ޖެހެއެވެ.
- އެމީޑިޔާ، ޓްރަވަލް ޕޯޓް، ނުވަތަ ސޭބަރ ފަދަ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން ގެސްޓުންނަށް ޓިކެޓާއި އެކު ޕެކޭޖް ވިއްކަން ޖެހެއެވެ.
- ޓްރެވަލް ޓެކްނޮލިޖީގެ ތެރެއަށް ވަދެ، އެޖެންސީގެ ހިންގުން ހަރުދަނާ ކުރަން ޖެހެއެވެ.
- ހަމަ އެކަނި ރާއްޖެ އެއީ މަންޒިލެއް ގޮތުގައި ވިއްކުމުގެ ބަދަލުގައި އެހެން މަންޒިލްތައް ވިއްކަން ފަށަން ޖެހެއެވެ.
ޓްރަވެލް އެޖެންސީތަކަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ދިރާސާ ހަދައި، މިކަން ދެނެގަތުމުގެ ބަދަލުގައި ޤާނޫނެއް ހެދުމަކީ ކީހާބޮޑު ޖޯކެއް ތޯއެވެ. މި ޤައުމުގެ ކިޔަވައިގެން ތިބި މީހުންނަށް ތިކުރަނީ ކޮންފަދަ ބޮޑު މަލާމާތެއް ތޯއެވެ. ރިސޯޓް ތަކުގައި ސޭލްސް އަދި މާކެޓިންގ ގައި ތިބި ޒުވާން ދިވެހި ކިޔަވައިގެން ތިބި ޤާބިލު ފަރާތްތައް އެތިބީ ރޯންވީތޯ ހޭންވީތޯ ނޭނގިފައެވެ. މިއީ ޤައުމެއް ހިންގަން ބަޔަކު އުޅުނަސް ދެން ފުކެއް ބޮޑުވަރެވެ.
އިންޝުއަރަންސް މަޖުބޫރުކުރުމުން، ޕޭކޭޖް އަގު ބޮޑުވޭ! ބޮޑު ގޯހެއް.
ބޭރު ޓްރެވެލް އެޖެންސީތަކުން، އިންޝުއަރަންސް ޚިދުމަތް ދެނީ، ގެސްޓް މީހާ ބޭނުން ވެއްޖެ ހާލަތެއްގައި އެކަންޏެވެ. އެކަން މަޖުބޫރު ކުރުމުން ޕެކޭޖް ތަކުގެ ޚަރަދު އިތުރަށް ބޮޑުވާނެތީއެވެ. ރާއްޖެއިން މަޖުބޫރު ކުރުމުން، ޕެކޭޖްތައް އިތުރަށް އަގުބޮޑު ވުން ނޫން ކަމެއް ނުވެއެވެ. އިންޝުއަރަންސް އަކީ ބޭނުންވާ ގެސްޓުންނަށް އެކަނި ދޭން ޖެހޭ އެއްޗެއް ގޮތުގައި އޮންނަން ޖެހެއެވެ. މިސާލަކަށް، ޔޫކޭ އަކީ އާންމުކޮށް ފްލައިޓް އަދި، ހޮލިޑޭ ޕެކޭޖުގައިވެސް އިންޝުއަރަންސް ހިމަނައިގެން ވިއްކާ ބައެކެވެ. އަދުރޭގެ ނުކިޔަވާ ދަރި، އެތާގެ އޭނާގެ ސްޓޭޓް މިނިސްޓަރަކަށް އުޅޭ ލޯޔަރެއް ލައްވާ، ޓްރަވަލް އެޖެންސީ ތަކަށް އިންޝްއަރެންސް މަޖުބޫރުކޮށް ބިލް ހަދާފައި ވާއިރު، މުއިއްޒަށް ސަރުކާރު ހިންގަން ޑޮލަރު ނުލިބިގެން ޓްރެވަލް ޓެކްސް ބޮޑުކޮށް، ގްރީން ޓެކްސް ބޮޑު ކޮށް، އެއަރޕޯޓް ފީ ބޮޑު ކުރި ކަމެއް ނޭނގޭތޯއެވެ؟ މުއިއްޒު ތި އުޅުއްވަނީ ބަޔަކު އަމިއްލަ އަށް ކޮޅަށް ޖެހި އިންޑަސްޓްރީ އެއްގައި، ތިބި ބަޔަކު ވިޔަފާރި ކުރާތީ ހަސަދަވެރިވެގެން އިނދަ ޖައްސާ ނުލެވިގެންތޯއެވެ؟
ނިންމާލުން
ފޮރިން ޓްރަވެލް އެޖެންސީތައް ނުވަތަ އޮޕަރޭޓަރސް ރާއްޖޭގައި ރަޖިސްޓްރީ ކުރަން ޖެހުމަކީ، ފަތުރުވެރިކަމަށް ލިބޭނެ ގެއްލުމެކެވެ. %99 އެޖެންސީ ތަކުން އެކަން ނުވެސް ކުރާނެއެވެ. އެމީހުން ރާއްޖެ ވިއްކުން ހުއްޓާލާނީއެވެ. އެއިން ގެއްލުން ވާނީ ރާއްޖެއަށްވެ. ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓަލް ތަކަށާއި، ގެސްޓް ހައުސްތަކަށެވެ. އަދުރޭގެ ދަރި ހުންނާނީ 5 އަހަރު ނިމޭއިރު، ރިޝްވަތާއި، ވައްކަމުން މުއްސަނދިވެފައެވެ. ގެއްލި ހަލާކު ވެގެން ދާނީ މި އިންޑަސްޓްރީއެވެ.
އިންޑަސްޓްރީއަށް ނުކަތާވަރަށް ޤާނޫނު ހަދައި، އެއިން މުޅި ސިނާއަތް ހަލާކުވެގެން ދާތަން ބަލަން ތިހެން ހަމަ ތިބެން ވީތޯއެވެ. ނާޤާބިލު މީހުން ތަންތަނަށް އިސްކޮށް، މުއިއްޒު ޤައުމު ހަލާކު ކޮށް ނަގާތަން ހަމަ ބަލަން ތިހެން ނުތިބެ، މިވެރިކަން ޤާނޫނީ ހަމަތަކުން ނިމުމަކަށް ގެނައުމަށް ސިނާއަތުގެ ވިޔަފާރިވެރިން އަޒުމު ކަނޑައަޅަން ޖެހެއެވެ. އެންމެ ކުއަރޓާރއެއްގެ ޓެކްސް ނުދައްކާ، ފަތުރުވެރި ކަމުގެ ސިނާއަތުގައި ތިބި ވިޔަފާރިވެރިން އެންމެ ތިން މަސް ދުވަސް ހިފަހައްޓާލިއަސް މުއިއްޒު ޖެހޭނީ އިސްތިއުފާ ދީފައި ދިމްޔާތަށް ވަންނާށެވެ.
އިއްޔެ މުޅި ރާއްޖެ އޮތީ، އަދުރޭގެ ދަރިއަށް އިނގިރޭސި ނޭނގިގެން ދެއްކި ވާހަކަތައް އަހައި ހޭށެވެ. މިއަދު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގައި ހޭން ތިބި މި ސިނާއަތުގެ މީހުން އަދުރޭގެ ނުކިޔަވާ ދަރި ހަދާ ބިލުން މުޅި އިންޑަސްޓްރީ ފުނޑިގެން ދާނެ މަންޒަރު ފެނި ޣަރުގައި ހިތި ރަހަ ލާނެއެވެ. ތަދުވާނެއެވެ. ހުރިހާ ޝުކުރެއް ހަމަ ތިބޭފުޅުން ގެނައި މުއިއްޒުއަށެވެ.