އިގްތިސާދީގޮތުން ދަތިވެ, ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދުތައް ކުޑަ ކުރުމަށް އިލްތިމާސް ކުރެއްވުމަށް, ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފްގެ ބަފާބެއަށާއި, އޭނާގެ ހަނގު އަނބީގެ ބޭބެ ސަރުކާރުން ބޮޑު މުސާރަލިބޭ ދެމަގާމަކަށް އައްޔަން ކޮށްފިއެވެ.
އެގޮތުން އަލީ އާރިފްގެ ބަފާބެ ކަމުގައިވާ ޖައުފަރު ޝަފީއު އައްޔަން ކޮށްފައިވަނީ ސްރީލަންކާގެ އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމަށެވެ. އެމަގާމުގެ މުސާރައިގެ ގޮތުން ބަފާބެއަށް މަހަކު 80,000 ރުފިޔާ ލިބޭނެއެވެ.
އަދި އޭނާގެ އަންހެނުންގެ ބޭބެ, މުހައްމަދު މައިސޫން ޖައުފަރުއަށް ދީފައިވަނީ އެޗްޑީސީގެ އޮޕަރޭޝަން އޮފިސަރ-ގްރޭޑް2 ގެ ވަޒީފާއެވެ. އޭނާގެ މުސާރަ (ސްޓާފް އައިޑީ 13161) އަކީ 30,000 ރުފިޔާއެވެ. އެޗްޑީސީން އަލިއާރިފްގެ ހަނގު އަނބީގެ ބޭބެއަށް ވަޒީފާ ހަމަޖައްސާފައިވަނީ އިއުލާން ކުރުމަކާވެސް ނުލައެވެ. އެނގިފައިވާ ގޮތުގައި މައިސޫން ޖައުފަރުގެ ވަޒީފާ ގެޒެޓްގައި އިއުލާން ކޮށްފައި ނުވަނީ, އިއުލާންކުރާ ވަޒީފާއަކަށް ކުރިމަތިލެވޭ ފެންވަރުގެ ތައުލީމީ ފެންވަރު އޭނާގެ ކިބައިގައި ނެތިގެންނެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި, ސްރީ ލަންކާގެ އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމަށް އައްޔަން ކޮށްފައިވާ, އަލީ އާރިފްގެ ބަފާބެ, ޖައުފަރު ޝަފީއުގެ ކިބައިގައި އެމްބަސީއެއްގައި މަސައްކަތް ކުރެވޭވަރަށް ތައުލީމީ ފެންވަރު ނެތިގެން, ފޮރިން މިނިސްޓްރީގައި ގެންދަނީ އޭނާގެ ފެންވަރު ވަޒަން ކުރަމުންނެވެ. އަދި އޭނާ ދަނީ ކޮންމެ ދުވަހަކު ހެނދުނު ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނިކުންނަމުންނެވެ. އަދި އޭނާގެ ތައުލީމީ ފެންވަރު ލީކު ނުކުރުމަށްވެސް ރައީސް އޮފީހުންވަނީ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނަށް އަންގާފައެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކޮމިޝަންތަކާއި ކައުންސިލްތަކުގެ ސައިޒް ކުޑަކޮށް, އަދި މުވައްޒަފުންގެ ޕްރޮމޯޝަންއާއި އިތުރު ގަޑީގެ ފައިސާވެސް ހިފަހައްޓާ, ރައްޔިތުންގެ ލޮލުގައި އެތައް އަދުނެއް އެޅުވުމަށްފަހު, މުއިއްޒު ގެންދަވަނީ ސަރުކާރުގެ ބޮޑުންގެ ބަފައިންނާއި, ޅިޔަނުންނާއި ގާތްތިމާގެ އެތައް ބަޔަކަށް ބޮޑު މުސާރަލިބޭ ސިޔާސީ މަގާމްތައް ހަމަޖައްސަމުންނެވެ.