މޯލްޑިވްސް ފަންޑު މެނޭޖުމެންޓު ކޯޕަރޭޝަންގެ ބޯޑުން, ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކޮއްކޮ ވަކިކޮށްފި އެވެ.
އާމިނަތު ޝީޒާ އަހުމަދު އެމްއެފްއެމްސީގެ ބޯޑަށް އައްޔަން ކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
މި ހަފުތާތެރޭގައި އޭނާ މަގާމުން ވަކިކޮށްފައިވާކަން، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަން ކުރުމާއި ވަކިކުރުން އަދި ކުންފުނިތައް ބަލަހައްޓުމުގެ ޒިންމާ އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.
ރައީސް އޮފީހުން އަންގައިގެން ޝީޒާ ވަކިކުރިއިރު، ރައީސް މުއިއްޒުގެ "ކަނާތުގެ ގޮތުގައި" ކުރިން ހުންނެވި ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައި ހުންނަތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އަދި އޭނާގެ ކުރީގެ އަނބި މީހާ ޖަލަށް ލައި، ފުލުހުން އޭނާ ލައްވައި ރަމީޒާއި ގުޅުވައި ދޮގު ބަޔާން ދިނުމުން ދޫކޮށްލާނެ ކަމަށް ބުނެ ދަނީ ބިރު ދައްކަމުންނެވެ.
މުއިއްޒު ދަނީ ރަމީޒުގެ މީހުންނަކީ ކޮބައިގެން ބަލައި، އެމީހުން ވަޒީފާއިން ވަކި ކުރަމުންނެވެ.