ޚަބަރު

ޝަމްނާޒުމެން ގެއިން ގެންދިޔަ ޑޯލްގައި ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި! ހައްޔަރު ކޮށްގެން އުޅެނީ، މުއިއްޒު ބުނެގެން ފޭކް އިންޓެލް ރިޕޯޓެއް ހަދައިގެން! މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް!

ދިޔަވަރު
ޝަމްނާޒުމެން ގެއިން ގެންދިޔަ ޑޯލްގައި ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި! ހައްޔަރު ކޮށްގެން އުޅެނީ، މުއިއްޒު ބުނެގެން ފޭކް އިންޓެލް ރިޕޯޓެއް ހަދައިގެން! މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް!

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ތިމާވެއްޓާ ބެހޭ މިނިސްޓަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒު އާއި އޭނާގެ ކޮއްކޮ، ހައްވާ ސަނާ ސަލީމްގެ ގެއިން ހެކީގެ ގޮތުގައި ފުލުހުން ގެންދިޔަ ތަޅުދަނޑި ފުލު [ވޫލުން ގަތާފައިވާ ޑޯލް] ގައި ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޝަމްނާޒުގެ މައްސަލައާ ގުޅޭ ގޮތުން އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވީ ޝަމްނާޒުއާ ދެކޮޅަށް މިހާތަނަށް ފުލުހުންނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި އެ ގެއިން ގެންދިޔަ ޑޯލްގައި ވެސް ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށެވެ.

"ޝަމްނާޒުމެން ގެއިން ގެންދިޔަ ކަމަށް އެ ބުނާ ފަށު ފުލަކާއި އަނެކައްޗަކާއި އެ ހުރިހާ އެއްޗެއް އިސްލާމިކް މިނިސްޓަރީން ތަހުލީލު ކުރުމަށްފަހު އިސްލާމިކް މިނިސްޓަރީން ރައުޔު ދީފައި އެބައިން އޭގައި ނެތޭ ސިހުރާ ގުޅޭ ނުވަތަ ޝިރުކުގެ އެއްވެސް އެއްޗެއް ނުހިމެނެޔޭ،" ޝާހު ވިދާޅުވި އެވެ.

"ކޯޓުގައި ފުލުހުން ބުނީ އިސްލާމިކް މިނިސްޓަރީން އެގޮތަށް ރައުޔު ދީފައި އެބަ އޮތޭ ޝިރުކުގެ އެއްވެސް އެއްޗެއް އޭގައި ނުހިމެނޭ ކަމަށް."

ޝަމްނާޒުމެންގެ ގެއިން ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި، ޝަމްނާޒު އާއި ސަނާގެ ފޯނުގެ އިތުރުން ސީލްކޮށްފައިވާ ފޯނެއް ކެނޑުމަށް ފަހު އެ ފޯނާއި، އައިއޯއައިޖީ [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] މުބާރާތެއްގައި ބެހި ތަޅުދަނޑިފުލަކާއި، ސަނާގެ ކޮޓަރިން ފެނުނު އިސްތަށިކޮޅަކާއި، ސަމްނާޒުގެ ކޮޓަރިން، ކަރު އަޅާ ފަށެކެވެ.

މިއީ ސިހުރު ހުރިތޯ ބަލަން ގެންދާ ތަކެތި ތޯއެވެ؟ އަންހެނުން ދިރިއުޅޭ ތަންތާގައި އިސްތަށި ހުންނާނެއެވެ. އަމިއްލަ ކަރުގައި އަޅާ ފަށަށް މީހުން ސިހުރު ހަދާތޯއެވެ؟

ފުލުހުން ގެންދިޔަ ތަޅުގަނޑިފުލުލާ އެއްޗަކީ ވޫލުން ވިޔެފައިވާ ޑޯލްއެކެވެ.

މި މައްސަލައިގައި ޝަމްނާޒު ހައްޔަރުކުރީ، އަދި ގެ ބަލައި ފާސްކުރީ ހަމައެކަނި ފޭކް އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒު އާއި ސަނާގެ އިތުރުން ދެން ހައްޔަރު ކުރީ ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު އެވެ. އެކަމަކު ސަމީރު ވަނީ މިހާރު ދޫކޮށްލައިފަ އެވެ.

ޝަމްނާޒު އާއި ސަނާ ހައްޔަރުކުރީ ސަމީރަށް އެކި ފަހަރުމަތިން، ފައިސާ ދީގެން "ދެމަފަރިން ދުރުމުރުމަށާއި ލޯބި ހާސިލްކުރުމަށާއި މީހުންނާ ގާތް ގުޅުން އުފެއްދުމަށް ސިހުރު ހާހޫރާ ހަދަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މީނާގެ ފުށުން މިފަދަ ކުށުގެ އަމަލެއް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި" ކަމަށް ބުނެ އެވެ.

ޝާހު ވިދާޅުވީ ޝަމްނާޒު ހައްޔަރު ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށާއި އޭނާ ހުރީ ފްރޭމް ކޮށްފައި ކަމަށެވެ. ޝަމްނާޒުއާ ދެކޮޅަށް އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކެނީ އެ ސަބަބާ ހުރެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.