ޚަބަރު

ލަންކާ އެމްބަސީއިން ވަޒީފާ ހަމަޖައްސާ, ޑިޕްލޮމެޓިކް ޕާސްޕޯޓު ދީފައިވާ, އަލީ އާރިފްގެ ބަފާބެ ޖޯރޭއަކީ ވައްކަމާއި, ޚިޔާނާތާއި ޓެކުމުގެ މައްސަލަތަކުގެ ތުހުމަތުގައި ހޯދަން އިއުލާން ކޮށްފައިވަނިކޮށް, ކޯޓަށް ފިލައިންގެ ލަންކާގައި ދިރިއުޅެމުންދިޔަ މީހެއް!

ދިޔަވަރު
ލަންކާ އެމްބަސީއިން ވަޒީފާ ހަމަޖައްސާ, ޑިޕްލޮމެޓިކް ޕާސްޕޯޓު ދީފައިވާ, އަލީ އާރިފްގެ ބަފާބެ ޖޯރޭއަކީ ވައްކަމާއި, ޚިޔާނާތާއި ޓެކުމުގެ މައްސަލަތަކުގެ ތުހުމަތުގައި ހޯދަން އިއުލާން ކޮށްފައިވަނިކޮށް, ކޯޓަށް ފިލައިންގެ ލަންކާގައި ދިރިއުޅެމުންދިޔަ މީހެއް!

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ވަޒީފާ ހަމަޖައްސާ, ޑިޕްލޮމެޓިކް ޕާސްޕޯޓު ދީފައިވާ, އަލީ އާރިފްގެ ބަފާބެ ޖޯރޭ (ޖައުފަރު ޝަފީއު)އަކީ ވައްކަމާއި, ޚިޔާނާތާއި ޓެކުމުގެ މައްސަލަތަކުގެ ތުހުމަތުގައި ހޯދަން އިއުލާން ކޮށްފައިވަނިކޮށް, ކޯޓަށް ފިލައިންގެ ލަންކާގައި ދިރިއުޅެމުންދިޔަ މީހެއްކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން އޭނާ ހޯދަން އިއުލާން ކުރިއެވެ.

އޭރު ފުލުހުން ބުނެފައިވަނީ، ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، މއ.ކަޅުފެހިގެ، ޖަޢުފަރު ޝަފީޢު (51އ) ހޯދަމުންދާ ކަމުގައެވެ.

އަދި ސިވިލް ކޯޓުން ވަނީ ޖައުފަރު ބަންދުގައި ބަހައްޓައިގެން 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުގެ 11:00 އަށް އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ޢަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަދި 2022 މާރިޗު 23 ވަނަ ދުވަހުވެސް އޭނާ ސިވިލް ކޯޓަށް ހާޒިރު ނުވެގެން ފުލުހުން އޭނާ ހޯދަން އިއުލާން ކޮށްފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އދ. މަހިބަދޫ މޫސާފުޅު ކިޔާ މީހަކަށް ދައްކަންޖެހޭ 600,000 ރުފިޔާގެ ދަރަންޏެއް އަދިވެސް އޭނާގެ ބޮލުގައި އެޅިފައި އެބައޮތެވެ. އެހެންނަމަވެސް އޭގެ ފަހުންވެސް ކޯޓަށް ފިލައިގެން ގޮސް އޭނާ ދިރިއުޅެމުން ގޮސްފައިވަނީ ސްރީ ލަންކާގައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި, ސްރީ ލަންކާގެ އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމަށް އައްޔަން ކޮށްފައިވާ, އަލީ އާރިފްގެ ބަފާބެ, ޖައުފަރު ޝަފީއުގެ ކިބައިގައި އެމްބަސީއެއްގައި މަސައްކަތް ކުރެވޭވަރަށް ތައުލީމީ ފެންވަރު ނެތެވެ. އެހެންނަމަވެސް އޭނާ މިހާރު ގެންދަނީ ލަންކާ އެމްބަސީއަށް ފޮވުމުގެ ކުރިން މިނިސްޓްރީ ދޭ އެއް ހަފްތާގެ ތަމްރީންގައި ބައިވެރިވަމުންނެވެ. އޭނާ ދަނީ ކޮންމެ ދުވަހަކު ހެނދުނު ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނިކުންނަމުންނެވެ. އަދި އޭނާގެ ތައުލީމީ ފެންވަރު ލީކު ނުކުރުމަށްވެސް ރައީސް އޮފީހުންވަނީ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނަށް އަންގާފައެވެ.

އަލީ އާރިފްގެ ބަފާބެ ކަމުގައިވާ ޖައުފަރު ޝަފީއު އައްޔަން ކޮށްފައިވަނީ ސްރީލަންކާގެ އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމަށެވެ. އެމަގާމުގެ މުސާރައިގެ ގޮތުން ބަފާބެއަށް މަހަކު 80,000 ރުފިޔާ ލިބޭނެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ކިޔައިދީފައިވާ ގޮތުގައި އަލީ އާރިފްގެ ބަފާބެއަކީ އާދަޔާ ޚިލާފަށް ގިނައިން މީހުންނާ އިންނަ މީހެކެވެ.

އޭގެ އިތުރުން އަލީ އާރިފްގެ އަންހެނުންގެ ކޮއްކޮ, މުހައްމަދު މައިސޫން ޖައުފަރުއަށް ވެސް ވަނީ މިސަރުކާރުން ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ދީފައެވެ. އޭނާއަށް ދީފައިވަނީ އެޗްޑީސީގެ އޮޕަރޭޝަން އޮފިސަރ-ގްރޭޑް2 ގެ ވަޒީފާއެވެ. އޭނާގެ މުސާރަ (ސްޓާފް އައިޑީ 13161) އަކީ 30,000 ރުފިޔާއެވެ. އެޗްޑީސީން އަލިއާރިފްގެ ހަނގު އަނބީގެ ބޭބެއަށް ވަޒީފާ ހަމަޖައްސާފައިވަނީ އިއުލާން ކުރުމަކާވެސް ނުލައެވެ. އެނގިފައިވާ ގޮތުގައި މައިސޫން ޖައުފަރުގެ ވަޒީފާ ގެޒެޓްގައި އިއުލާން ކޮށްފައި ނުވަނީ, އިއުލާންކުރާ ވަޒީފާއަކަށް ކުރިމަތިލެވޭ ފެންވަރުގެ ތައުލީމީ ފެންވަރު އޭނާގެ ކިބައިގައި ނެތިގެންނެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކޮމިޝަންތަކާއި ކައުންސިލްތަކުގެ ސައިޒް ކުޑަކޮށް, އަދި މުވައްޒަފުންގެ ޕްރޮމޯޝަންއާއި އިތުރު ގަޑީގެ ފައިސާވެސް ހިފަހައްޓާ, ރައްޔިތުންގެ ލޮލުގައި އެތައް އަދުނެއް އެޅުވުމަށްފަހު, މުއިއްޒު ގެންދަވަނީ ސަރުކާރުގެ ބޮޑުންގެ ބަފައިންނާއި, ޅިޔަނުންނާއި ގާތްތިމާގެ އެތައް ބަޔަކަށް ބޮޑު މުސާރަލިބޭ ސިޔާސީ މަގާމްތައް ހަމަޖައްސަމުންނެވެ.