ޚަބަރު

ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅު ހަދާ މީހުންނަށް ޝުޖާއު އިންޒާރު ދީފި! ރައްޔިތުންގެ އަޑު އެހުމުގެ ބަދަލުގައި ޤައުމު ހިންގަނީ ގޭންގް ސްޓައިލްގައި!

ދިޔަވަރު
ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅު ހަދާ މީހުންނަށް ޝުޖާއު އިންޒާރު ދީފި! ރައްޔިތުންގެ އަޑު އެހުމުގެ ބަދަލުގައި ޤައުމު ހިންގަނީ ގޭންގް ސްޓައިލްގައި!

ވ. ކޮޅުދިއްފުށި ފަޅުގައި އޮންނަ ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅު ހަދާ މީހުންނަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރޭ އިންޒާރު ދެއްވައިފި އެވެ.

ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.

އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ވ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ގިނަ އަދަދެއްގެ މީހުން އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ.

އެ މުޒާހަރާއަށް އިޝާރާތް ކުރައްވައި ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫއުތަކެއް މީގެ ފަހުން މުޒާހަރާކޮށްގެން އެމްޑީޕީއަށް ނުހުއްޓުވޭނެ ކަމަށާއި މާޒީގައި އެފަދަ މަޝްރޫއުތައް ހުއްޓުވުމުން އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

"މިއަދު ވ. އަތޮޅުގެ ބޮޑު ޓުއަރިޒަމްގެ މަޝްރޫއެއް ރައީސް މުއިއްޒުގެ ޒައާމަތުގައި ފެށީމަ، އެމްޑީޕީ ބަޔަކު އެބަ އުޅޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިކަން ހުއްޓާލާށޭ. މި ސަރުކާރުގައި ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލީއާޔަށް ފައިދާ ހުރި މަޝްރޫއުތައް ހިންގަން ހުރަސް އަޅާ މީހުންްނާ ދޭތެރޭ ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނަމޭ،" އޭނާ ވިދާޅުވި އެވެ.

އެ މުޒާހަރާތަކަށް ހިތްވަރުދޭ މީހުންގެ ތެރޭގައި ވެރިކަން ކޮށްފައި ހުރި މީހެއްތޯ ނޫންތޯ ނުބަލައި ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭން ޖެހޭ ހައްގު އަދަބު ދޭން މި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މިފަދަ އިންޒާރެއް ދެއްވި ނަމަވެސް ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަނީ އެ އަތޮޅުގެ ހުރިހާ ރަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެ އަތޮޅުގައި ހިންގަމުންދާ ލޯކަލް ޓޫރިޒަމާއި އެ ސިނާއަތާއި ގުޅިފައިވާ ވިޔަފާރިތަކުންނެވެ.