ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލު ހިމަނައިގެން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ނުނެރޭތާ ތިން ހަފުތާ ވެއްޖެ އެވެ.
ފިނޭސުން އެ ރިޕޯޓް އެންމެ ފަހުން ނެެރުނީ ޖޫން 20 ގަ އެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ނެރުން މީގެ ކުރިން ވެސް ބައެއް ފަހަރު ލަސްވެފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެ ރިޕޯޓް އާއްމުކުރުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާ ލަސްވެފައެއް ނުވެ އެވެ.
ދައުލަތުގެ މާލީ ހިސާބުތައް އާއްމުނުކުރާތާ ތިން ހަފުތާ ވެފައި ވާއިރު އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން، ޖޫން 20، އާ ހަމައަަށް މި އަހަރު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަަޅައި ބަލާއިރު ބިލިޔަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.
އެ ހިސާބުތަކުން ދެއްކި ގޮތުގައި 2023، އަހަރު، ޖޫން 20، އާ ހަމަައަށް ދައުލަތަށް ލިބުނީ 15.4 ބިލިޔަން ރުފިޔާ އެވެ. މިއަހަރުގެ އެ މުއްދަތުގައި 16.4 ބިލިޔަން ރުފިޔާ ލިބުނެވެ.
ދައުލަތުގެ މާލީ ހިސާބުތައް އާއްމުނުކުރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިއްޔެ ރޭ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގަވާއިދުން ޝާއިއުކުރަމުން ދިޔަ މާލީ ހާލަތާ ގުޅޭ ރިޕޯޓުތައް މިހާރު ސިއްރުކޮށްފައިވާ ކަމަށެވެ.
ވެރިކަމާ ހަވާލުވެ ސަރުކާރުން ކޮށްފައިވާ ބައެއް ހަރަދުތަކަކީ މާލީ ހާލަތާ ނުބައްދަލު ހަރަދުތަކެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވި އެވެ. އޭގެ ތެރޭގައި, ރަސްމާލެ މަޝްރޫއު އާއި ޑްރޯން ގަތުމާއި އަދި ސަރުކާރުން ހަފްލާތަކަށް ކުރި ހަރަދުތައް ޔާމީން ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ މީހުން މަގޫ ފަތް ކެއި ވާހަކަ އަޑު އެހިން. ހަމަ ގައިމު ވެސް މާލޭގައި ތިބޭ ބޮޑުންނެއް މަގޫފަތެއް ނުކައި. ހިތިބޭސް ބޯން މި އަންގަނީ. މާލޭގައި ތިބި ބޮޑުންނެއް ހިތި ބޭހެއް ނުބޯނޭ. ހިތި ބޭސް ބޯންޖެހޭނީ ނިކަމެތި ދިވެހި ރައްޔިތުން," ޔާމީން ވިދާޅުވި އެވެ.
"މި ހުރިހާ ހިތި ބޭހެއް ބޮއެގެން ކޮންއިރަކުންހޭ މާމުއި ކޮޅެއް ބޯލަން ލިބޭނީ. ނެތެއް ނޫންތޯ އެކަން ވާކަށް. މާމުއިކޮޅެއް ބޮވޭނެ ގޮތެއް ނެތޭ."
އެ ހާލަތަށް ނުދިޔުމަށްޓަކައި މިހާރު އޮތް ހާލަތު ބަދަލުކުރަން ޖެހޭ ކަމަށާއި ރައްޔިތުންނާއި ތެދު ބަހުން ވާހަކަ ދައްކައި ހުރިހާ ކަމެއް ހާމަކުރުމަށް ޔާމީން ގޮވާލެއްވި އެވެ.
މާލީ ހިސާބުތައްވެސް ސިއްރު ކުރަން މި ސަރުކާރުން ފަށާފައިވާއިރު, އަދިވެސް ސަރުކާރުން ދަނީ ބޮޑެތި މުސާރަލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ.
އެގޮތުން ފާއިތުވި ހަފްތާގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށްވަނީ 80,000 ރުފިޔާގެ މުސާރައެއްގައި, ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފްގެ ބަފާބެ އައްޔަން ކޮށްފައެވެ. އަދި އަލީ އާރިފްގެ އަންހެނުންގެ ކޮއްކޮއަށް ވަނީ 30,000 ރުފިޔާގެ މުސާރައެއްގައި އެޗްޑީސީން ވަޒީފާ ހަމަޖައްސާފައެވެ. ދެ މީހުންނަކީވެސް ލިޔަންކިޔަން ނުދަންނަ ދެމީހުންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.