ޚަބަރު

އަބުދުއްރަހީމް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ކޮންޓްރޯލް ނެގުމަށް, ޕީއެންސީގެ ޕީޖީއަށް ޚާއްސަ ޕީއާރު އޮފީހެއް ހުޅުވައިފި! މި އޮފީހުން ޕީއާރު ހަރަކާތްތައް ހިންގަމުންދަނީ އަބުދުއްރަހީމް އަންގާ ގޮތައް!

ދިޔަވަރު
އަބުދުއްރަހީމް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ކޮންޓްރޯލް ނެގުމަށް, ޕީއެންސީގެ ޕީޖީއަށް ޚާއްސަ ޕީއާރު އޮފީހެއް ހުޅުވައިފި! މި އޮފީހުން ޕީއާރު ހަރަކާތްތައް ހިންގަމުންދަނީ އަބުދުއްރަހީމް އަންގާ ގޮތައް!

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ފުލް ކޮންޓްރޯލް ނެގުމަށްޓަކާ, އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ޚާއްސަ ޕީއާރު އޮފީހެއް ހުޅުވައިފިއެވެ.

"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮފީސް ހުޅަވާފައިވަނީ, ހެންވޭރުކޮޅު ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓް ތިރީގައި ހުންނަ, ފާއިތުވި ރިޔާސީ އިންތިޚާބުގައި މެޑަމް ފާތުން ކެމްޕޭން ހަރަކާތްތައް ހިންގި ޖަގަހައިގައެވެ.

"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ މި ޖަގަހަ ހިންގުމަށްޓަކާ މުވައްޒަފުންވެސް މިހާރު އައްޔަން ކޮށްފައިވާ ކަމަށާއި, މި އޮފީހުގައި ޕީއާރު މަސައްކަތްތައް ކުރިޔަށް ދަނީ އަބުދުއްރަހީމްގެ އިރުޝަދުގެ ދަށުން ކަމުގައެވެ. އަދި މި މަސައްކަތުގައި އަބުދުއްރަހީމްއަށް އެހީތެރިކަން ފޯރުކޮށްދެނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ.

ޕީއެންސީގެ ޕީޖީ އޮފީސް އުފެއްދުމަށްްފަހު މިހާރުވަނީ ޕީއެންސީގެ ޕީޖީއަށް ޚާއްސަ އެކްސް ހޭންޑްލްއެއްވެސް ހަދާފައެވެ. އަދި އެ ހޭންޑްލްއިންދަނީ ބައެއް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ޕްރޮމޯޓް ކުރަމުންނެވެ. އެހެންނަމަވެސް މި ހޭންޑްލްއިން ޕްރޮމޯޓް ކުރަމުންދަނީ ވަކި މެމްބަރުންތަކެއް ދައްކަވާ ވާހަކަތައްކަން ފާހަގަ ކޮށްލެވެއެވެ.

"ދިވަޔަރު އޮންލައިން"އަށް މައުލޫމާތުދިން ޕީއެންސީގެ އޮފިޝަލް ވިދާޅުވީ އަބުދުއްރަހީމްގެ އިސްނެގުމުގެމަތިން ޕީއެންސީގެ ޕީޖީއަށް ޚާއްސަ އޮފީހެއް ހުޅުވީ, ޕީއެންސީގެ ތެރޭގައި "ބްރޯ"އެއް އުފެދިގެންދިޔަ ނުދިނުމަށް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފެއިލް ކޮށްކުމުގެ ބޭނުމުގައެވެ.

އޭގެ އެއް ސަބަބަކީ ޕީއެންސީގެ އެތެރޭގައި މިހާރުވެސް އޮތް އަބުދުއްރަހީމް ނުފޫޒާއެކުވެސް, ގިނަ މަޖިލިސް މެމްބަރުންނާއި ސީދާ ރައީސް މުއިއްޒު މުއާމަލާތު ކުރައްވަމުން ގެންދިއުމާއެކު, ޕީއެންސީގެ އެތެރޭގައި "ބްރޯ"އެއްގެ ހަގީގީ ދައުރު އަބުދުއްރަހީމްގެ މުށުތެރެއަށް އައިސްފައި ނުވުމުގެ ސަބަބުންކަމަށްވެސް އެނގިފައިވެއެވެ.

"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީގެ ޕީއާރު އޮފީހަށް ޚަރަދު ކުރަމަށްޓަކާ ފައިނޭންސް ރެއިޒް ކުރަމުންދަނީ އަބުދުއްރަހީމްގެ ދަރިފުޅު, މިސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލްއެވެ.