ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އާރިފް ވިދާޅުވީ ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން މި ދުވަސްކޮޅު ތިރިވެލަންޖެހޭ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ޚަރަދު ތައް ބޮއްސުން ލައިގެން ގޮސްފައި މިވަނީ މި ސަރުކާރަށް ބަޖެޓް ކޮށްފައިވާ ފައިސާ މެނޭޖް ކުރަން ނޭނގުމާއި، ވެރިންގެ ބޭކާރު ދަތުރު ތައް ގިނަވުމާއި، އިސްރާފު އިންތިހާއަށް އިތުރުވުމާއި، 4000 ވުރެ ގިނަ ސިޔާސީ މަގާމު އުފައްދައިގެން އުޅޭތީއެވެ.
މުއިއްޒުގެ ސަރުކާރުން އައްޔަން ކޮށްފައިވާ ސިޔާސީ ފަރާތްތަކުގެ ތެރެއިން %80 މީހުންނަކީ އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫނެވެ. ގިނަ މީހުން ޕްރެޒެންޓް ކަމަށް ވައިބަރ އިން މެސެޖް ކުރުމަށް ފަހު، އޮފީހަކަށް ނުވެސް ނުކުމެއެވެ. ދެން ތިބީ ކާޑު ޖަހާފައި ގެއަށް ދާ ފަރާތްތަކެވެ. ކާޑު ޖަހާފައި ގެއަށް ދާ ފަރާތްތަކަކީ ވެސް އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫނެވެ. މިކަމުގެ ސަބަބުން ޒުވާނުންގެ ޖީލެއް މަސައްކަތް ނުކޮށް، ސިޔާސީ މަންފާގައި ހާލުކުވެގެން ދަނީއެވެ. އިޤްތިޞާދަށް އެމީހުންގެ ފުށުން ލިބެން ޖެހޭ މަސައްކަތް ޕްރައިވެޓް ސެކްޓަރ އިން ވެސް ލިބުމުގެ ފުރުޞަތު ގެއްލި، މަސައްކަތުގެ މާހައުލަށް ބޭނުންވާ އަސާސީ ހުނަރު ހޯދުމުގެ ބޭނުންވެސް ކެނޑިގެން ވަނީ ގޮސްފައެވެ. ސިޔާސީ ގޮތުން ދީފައިވާ %80 ވަޒީފާތަކުން ރައްޔިތުންގެ ފައިސާ އިސްރާފު ވުމުގެ އިތުރަށް، އެމީހުންގެ ފަރާތުން އިޤްތިޞާދު ނެގެހެއްޓުމަށް ބޭނުންވާ މަސައްކަތް ނުލިބޭތީ މުޅި ޤައުމަށް މުއިއްޒުގެ ސަބަބުން ލިބެމުން މިދަނީ ބޮޑު ގެއްލުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުން 80،000ރ މުސާރައަށް ނެގުމަށް ފަހު، ތިއްބެވީ އިތުރު 50،000ރ މުއިއްޒު އަތުންވެސް ނަންގަވައިގެންނެވެ. ކޮރަޕްޝަންގެ ގޮތުގައި ހޯދާ ރައްޔިތުންގެ ފައިސާ އިންނެވެ. ބޭސް ފަރުވާ ކުރަނީ ސިންގަޕޫރުންނާއި، ބެންގްކޮކުންނެވެ. ހަމަ ރައްޔިތުންގެ ފައިސާއިންނެެވެ. މުއިއްޒުގެ މިނިސްޓަރުންވެސް ހަމަ އެހެންނެވެ. އެމްބަސީ ތަކުގައި މަގާމުގައި ތިބި ކޮންމެ މީހަކަށް މަހަކު އެއްލައްކަ ރުފިޔާ ނަގައިގެން ޤައުމަށް ކޮށްދޭ އެއް ކަމެއްވެސް ނެތެވެ. އެމީހުންނަށް އިންޝުއަރެންސް ދެނީ އެ ޤައުމުތަކުގެ އެންމެ ބޮޑެތި ޕެކޭޖް ތަކުންނެވެ. އިންޝުއަރެންސް ކަނޑާލަނީ ދިވެހިންނަށެވެ.
އެސްއޯއީ ތަކުގެ ތިބި މީހުންނައި، ވަޒީރުންނާއި، ސްޓޭޓުންނާއި، ނައިބުން ޗުއްޓީ ކުރަނީ ބޭރުގެ ޤަމުތަކުގެ އަގު ބޮޑެތި ރިސޯޓް ތަކުގައެވެ. އާންމުން ދިޔުމަށް އޮތް ފިނޮޅުވެސް ވިއްކާލާފައެވެ.
ދިވެހިން ދަނީ ހިތި ބޯސް ބޮމުންނެވެ. ނަމަވެސް މިއީ މިހާ ހަޔާތް ކުޑަކޮށް ސިޔާސީ ފަރާތެއް މިފަދަ ވާހަކަ އެއް ބުނި ފުރަތަމަ ފަހަރެވެ. އެވެސް މުއިއްޒުގެ އެދުމަށެވެ. އެއްވެސް ސިޔާސީ ޚަރަދެއް ކުޑަ ނުކޮށް ރައްޔިތުންނަށް މަގޫފަތް ކާން ބުނީމާ މުއިއްޒު ރައްޔިތުންނާއި މެދު އޮތް ކުލުނު ވިސްނާލާށެވެ.