ޚަބަރު

ގަރުދިޔާ އާއި ބަތާއި ކެވޭނީވެސް ދިވެހިންނަށް މަހަށް ފުރިގެން: އަލީ ސާޖިދު

ދިޔަވަރު
ގަރުދިޔާ އާއި ބަތާއި ކެވޭނީވެސް ދިވެހިންނަށް މަހަށް ފުރިގެން: އަލީ ސާޖިދު

ގަރުދިޔާ ބަތާއި ކެވޭނީވެސް ދިވެހިންނަށް މަހަށް ފުރިގެން ކަމަށް ގއ. ވިލިގިއްޔަށް ނިސްބަތްވާ ޒުވާން މަސްވެރިއެއް ކަމަށް ވާ އަލީ ސާޖިދު، ރައީސް އޮފީހުގެ މިނިސްޓަރ އަދި މުއިއްޒުގެ ތިމާގެ ބޭފުޅެއް ކަމަށް ވާ އަލީ އާރިފަށް x ގައި ކުރި ޕޯސްޓެއްގައި ރައްދު ދެއްވައިފިއެވެ.

ސަރުކާރުން މިހާރުވެސް، މަސްވެރިން ބާނާ މަހަށް ފައިސާ ދޫ ކުރަމުން ނުދެއެވެ. މަސްވެރިން ބާނާ މަސް ދަރަންޏަށް ސަރުކާރުން ގަނެ އެތައް މަސްދުވަހެއް ވޭތު ކޮށްފައި ފައިސާ ދޭއިރު، 48 ގަޑި އިރުތެރޭ ޑޮލަރުން ފައިސާ ދޭނެކަމަށް މުއިއްޒު ވަނީ ވެރިކަމަށް އައުމަށް ވައުދު ވެފައެވެ.

އެންމެ ފަހުން ދެ ފަހަރު މަތިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މަސްވެރިން ނުކުމެ މުޒާހަރާ ކުރުމުންނެވެ. މަސްވެރިންނަށް ފިނަ އަދަދެއްގެ ފައިސާ ނުދީ ހުރުމުން، ބިލްތައް ދެއްކުމަށާއި، ކެއިން ބުއިމަށް ބޭނުންވާ ކާބޯތަކެތި ނުގަނެވި ވަނީ 2 ފަހަރު މަތިން ހާލުގައި ޖެހިފައެވެ. ފާއިތުވި 50 އަހަރު ތެރޭގައި މަސްވެރިން ބާނާ މަހަށް މިގޮތަށް ފައިސާ ނުލިބި، މަސްވެރިން ނިކަމެތި ވެފައެއް ނުވެއެވެ.

މިކަން ހިނގާފައި ވަނީ ވެރިންގެ ހައިބަތު ބޮޑުވެ، ޚަރަދުތައް ބޮޑުވެ، އެތައް ހާސް ސިޔާސީ ވަޒީފާތަކެއް އުފައްދައި، ކުންފުނި ތަކަށްވެސް ގެއްލުންވާ މިންވަރަށް ވަޒީފާ ދީގެންނެވެ.

މަސްވެރިންނަށް މަހަށް ގޮސް ބާނާ މަސް ގަތުމަށް ފަހު، އެއަށް ފައިސާ ނުދޭ ނަމަ، މަހަށް ދިއުމުގެ ބޭނުމެއް ނޯންނާނެއެވެ. އަދި ބާނާ މަހުން ދެކޮޅު ޖެއްސޭވަރަށް ވުރެ ކުޑަ އަގެއްގައި މަސް ގަތުމަށް ސަރުކާރުން ނިންމާފައި ވުމުން މަސްވެރިންނަށް ފައިސާ ލިބުނަސް އުޅެން ޖެހިފައިވަނީ ދަތި ހާލުގައެވެ.

ރާއްޖޭގައި ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. މުއިއްޒު ދަނީ ރިޝްވަތު ނަގައިގެން، ޗައިނާއަށް ރާއްޖޭގެ މައި ބަނދަރު ވިއްކާލުމަށް ތައްޔާރު ވަމުންނެވެ. ފިލިޕީންސް ކުންފުންޏެއް މޫނު މައްޗަށް ދެއްކިއަސް އަޑީގައި ވަނީ ޗައިނާގެ ކޮރަޕް ކުންފުންޏެކެވެ. އެހެންކަމުން މިހާރަށް ވުރެ، ތަކެޓީގެ އަގު އިތުރަށް ބޮޑުވެފައިވާއިރު، ޑޮލަރުގެ އަގުވެސް މިހާރު ވަނީ 18.25 އަށް އަރާފައެވެ. މި ބަދަލު ތަކާއި އެކު މަސްވެރިންނަށް ދެކޮޅު ޖެހޭ ވަރުގެ ފައިދާއެއް ވުމަކީ ނާދިރު ކަމެކެވެ.

އެހެން ކަމުން، ގަރުދިޔާ ބަތާވެސް ދިވެހިންނަށް ކެވޭކަށް ނެތެވެ. ބޮޑު ތަދުގައި ދިވެހިން މަގޫފަތް ކެއަސް، މިހާރު ކުރިން ހެދުނުހެން މަގޫ ގަހެއްވެސް ނެހެދެއެވެ. މުއިއްޒުގެ ވެރިކަމުގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެ، ދިވެހި އެތައް އާއިލާއެއް މިހާރުވެސް ދަނީ ފަގީރު ކަމާއި ނިކަމެތިކަން އިހްސާސް ކުރަން ޖެހެމުންނެވެ.