ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަދި، ރައީސް އާއި އާއިލީ ގޮތުން ތިމާގެ، އަލީ އާރިފްގެ ކޮއްކޮ އެމްޕީއެލްގެ އާދައިގެ ވަޒީފާއެއްގައި ހުއްޓާ އެތާ ޖެނެރަލް މެނޭޖަރގެ މަގާމަށް އޭނާ އައްޔަން ކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާއަކީ މިހާރު އެމްޕީއެލްގެ HOD އެކެވެ. ނަމަވެސް އެ ފެންވަރުގެ މަގާމަކަށް ބޭނުންވާ އެއްވެސް ސަނަދެއް އޭނާގެ އަތުގައި ނެތެވެ. އަދި PCPގެ ގްރޭޑިންގް ސްޓްރެކްޗައަށް އޭނާ ނުފެތެއެވެ.
މިފަދަ ބޮޑު މަގާމެއް މުއިއްޒުގެ އާއިލީ ފަރާތަކަށް ދިން އިރު، ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކޮށްގެން ވަޒީފާ ނުލިބި އެތައް ގާބިލު ބައެއް އެބަ ތިއްބެވެ. ނަމަވެސް ސަރުކާރުގެ ހުރިހާ ދިމާލަކުން ފެންނަމުން ދަނީ ނާގާބިލު ވަޒީރުންނާއި، ނެޕޮޓިޒަމްއެވެ. މުޅި ސަރުކާރުގައި އޮތީ ދެތިން އާއިލާއަކާއި އެމީހުންގެ ގާތް މީހުންނެވެ.
އާލީ އާރިފް ވަނީ ރޭގައި، ދިވެހި އާންމު ރައްޔިތުން ގަރުދިޔާ ބަތާއި ކެއުމަށް ބުނެފައެވެ. އަދި ހިތި ބޭސް ބޯން ޖެހޭ ކަމަށް ބުނި އިރު، އަލީ އާރިފަކީ ރައީސް މުއިއްޒު އާއި އެންމެ އަރިސް އާއިލާގެ އެއް މެމްބަރެކެވެ. މިއީ ސީދާ ރައީސް މުއިއްޒުގެ ފަރާތުން އިރުޝާދު ލިބިގެން ނުވަތަ އެފަދައިން ރައީސް އޮފީހުގައި ވާހަކަ ދެކެވިގެން ހިނގާ ކަންކަން ކަމުގައި ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ރޭގެ ވާހަކަ އާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒު ވެފައެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށް އެކަނި 23 މިލިއަން ޚަރަދު ކުރިއިރު، އެރަސްމިއްޔާތުގެ ހައިބަތު ބޮޑުކުރުމަށް ހަވާ އެރުވުމަށް 6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އޭރު ނޫސްތަކުން ހާމަ ކޮށްފައި ވެއެވެ. މީގެ އިތުރުން 49 ގައުމަކުން ރާއްޖެ ވަޑައިގެންނެވި އިއްޒަތްތެރިންގެ ރިސޯޓު ހުރުމާއި، ކެއުމާއި ބުއިމަށް ބޮޑު ހަރަދެއް ފޮރިންގ މިނިސްޓްރީގެ ބަޖެޓުން ކޮށްފައިވާއިރު، ރިޔާސަތާއި ހަވާލުވުމަށް ފަހު ރިސޯޓުގައި އޮތް އުފާ ފާޅުކުރުމުގެ ހަފްލާއަށްވެސް ޚަރަދު ތަކެއް ގޮސްފައިވެއެވެ. މުޅިއަކު، 80- އާއި 100 މިލިއަނާއި ދެމެދު އަދަދެއް ހުވާ ކުރެއްވުމަށް ޚަރަދު ކޮށްފައި ވާއިރު، މިއީ ރާއްޖޭގެ ތާރީހެއްގައި ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެންމެ ބޮޑު އިސްރާފެއް ކުރި ފަރާތެވެ. ރައީސް ސޯލިހްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މުޅިއަކު ހޭދަވެފައިވަނީ 4 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން މުލިއާގެ ހެދުމަށާއި، ލިފްޓް ބެހެއްޓުމަށާއި، ކަރޯކޭ ރޫމެއް ހެދުމަށާއި، ލަގްޒަރީ ބާރތް ޓަބެއް ބެހެއްޓުމަށް ވެސް އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ވަނީ ހޭދަ ކޮށްފައެވެ. އަދި އަލީ އާރިފް ހިމެނޭހެން މިނިސްޓަރުން ދުއްވުމަށް ބޭނުންވާ ކާރުތައް ހުއްޓާ، 22 އާ ކާރު އަގު ބޮޑުކޮށް އެތެރެކޮށް އެތައް މިލިއަނެއް ވެރިކަން ލިބިގެން މަސް ދުވަސް ނުވަނީސް ވަނީ އިސްރާފް ކޮށްފައެވެ. މި ހުރިހާ ކަމެއް ކުރުމަށް ފަހު، ރައްޔިތުން ގާތު ގަރުދިޔާ ބަތާ ކެއުމަށް މުއިއްޒުގެ ފަރާތުން އަލީ އާރިފް އެދުމުން، ރައްޔިތުންގެ ފާޑު ކިޔުން ވަނީ އެކަމަށް އަމާޒު ވެފައެވެ.