މި ސަރުކާރު ވެރިކަމަށް އައިސް, ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމަށް ރައީސް އޮފީހުން ފެށި ހުރިހާ ޕްރޮގްރާމެއްވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް, ހުވާ ކުރެއްވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ, ޓީވީ ޕްރެސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި, ހޯރަފުށީ ޚަލީލްގެ އިތުރުން ކުރިން ޕީއެސްއެމްގެ ޑީއެމްޑީކަން ކުރެއްވި މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް މުއިއްޒު އިސްތިހާރު ކުރުމަށްޓަކާ އެންމެ އިސް ދެބޭފުޅުންގެ ގޮތުގައި ހަމަޖެއްސެވުމަށެވެ.
އެގޮތުން ޚަލީލް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންއާބެހޭ މިނިސްޓަރަކަށް އައްޔަން ކުރެއްވިއިރު, މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ހަމަޖެއްސެވީ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމަށެވެ.
އެއާއެކު ފެނިގެން ދިޔައީ, ކޮންމެ ދުވަހަކުވެސް ނޫސްތަކުން މުއިއްޒުއާއި ގުޅޭ ހެޑްލައިތައް ހެދުމަށް އަމާޒުކޮށް, "ރައީސްގެ ޖަވާބު"ގެ ނަމުގައާއި, އަދި "އަހާ ފޯރަމް"ގެ ނަމުގައި މުއިއްޒު ޕްރޮމޯޓް ކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ގެނެސްދޭން ފެށި މަންޒަރެވެ.
އެހެންނަމަވެސް 2 މަހެއްހާ ދުވަހުގެ މުއްދަތަށްފަހު މި ޕްރޮގްރާމްތައްވެސް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން މުއިއްޒު ޕްރޮމޯޓް ކުރުމަށް އަމާޒުކޮށް އުފައްދަންފެށި މި ހުރިހާ ޕްރޮގްރާމެއްވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާއިރު, ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް މަތިވެ, ސަރުކާރުގެ އިސްވެރިންގެ އިތުބާރުވަނީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައެވެ.
އަދި އޭގެ އިތުރަށް ސަރުކާރުގެ ބޮޑުންގެ ތިމާގެ އައުލާދުންނަށް ބޮޑު މުސާރަލިބޭ ސިޔާސީ މަގާމްތައް ދެމުންދާއިރު, މިސަރުކާރުންވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ޕްރޮމޯޝަންތަކާއި އިތުރުގަޑީގެ ފައިސާވެސް ހިފައްހައްޓާފައެވެ.
ހަމައެއާއެކު ރައީސް މުއިއްޒުގެ ޕީއާރު ސްޓްރަޓެޖީތައް ރޭވުމުގެ އެންމެ އިސް ދެބޭފުޅުންގެ ގޮތުގައި ތިއްބެވީ, ރަސްމީ އެއްވެސް ތައުލީމެއް ލިބިފައި ނުވާ, ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ދެބޭފުޅުންކަންވެސް ފާހަގަ ކޮށްލެއެވެ.
އެގޮތުން, ރައީސް އޮފީހުގެ ކޮމިނިކޭޝަން މިނިސްޓަރަކަށް ހުންނެވި ޚަލީލްއަކީ, އެއްވެސް ރަސްމީ ތައުލީމެއް ހާސިލްކޮށްފައިވާ ފަރާތެއް ނޫނެވެ. އޭނާއަކީ އެންމެ ފުރަތަމަ ޓީވީ ޑްރާމާ ކުޅުއްވި, އަދި އޭގެ ފަހުން ޕެރެސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތެކެވެ. އޭނާ ޓީވީއެމްގެ އެމްޑީގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު, އަމިއްލަ ޖީބަށް ފައިދާވާގޮތަށް އެތައް ޕްރޮޖެކްޓެއް ހިންގާފައިވާއިރު, އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައި ވެއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ރައީސް މުއިއްޒުގެ އިސްތިހާރުކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ބޮއްސުން ލައިގެން ދިޔައީ, އެއްވެސް ތައުލީމެއް ނެތް, ހަމައެކަނި ކެމެރާ ކޮނޑަށް ލައިގެން އުޅުނު މީހަކާއި ރައީސް އޮފީހުގެ ވަޒީރުކަން ހަވާލުކޮށް, "ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ރޭވުން އޭނާއާއި ހަވާލުކުރުމާއި ގުޅިގެންނެވެ.
އޭގެ އިތުރުން ޚަލީލްގެ ދަށުން މުއިއްޒު އިސްތިހާރު ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އައްޔަން ކޮށްފައިވާ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް އެތައް ވައްކަމެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވާ ފަރާތެކެވެ. އެގޮތުން އޭނާއަކީ އޭނާ މައުހަދުން ކިޔެވިއިރު ވަގު ސެޓިފިކެޓް ހެދިކަން ސާބިތުވެ އަރުވާލި މީހެކެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި އޭނާ ޓީވީއެމްގެ ޑީއެމްޑީގެ މަގާމްގައި ހުރެ, ހިންގި ކޮރަޕްޝަންގެ އެތައް މައްސަލައެއް މިހާރުވެސް އޭސީސީގައި އެބައޮތެވެ.
ރައީސް އޮފީހުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވިދާޅުވާ ގޮތުގައި އިކުރާމްގެ އޮތީ ހަމައެކަނި ދެމަގުސަދެކެވެ. އެއީ ކޮރަޕްޝަންގެ ވަސީލަތުން އަމިއްލަ ޖީބަށް ފައިސާ ލެވޭނެ ގޮތެއް ހޯދުމާއި, އަންހެން ކުދިންނާއި މައްލަވަކޮށް, އެކުދިންނާއި ބެހެވޭނެ ގޮތެއް ހޯދުމެވެ.