މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށްގެންދަން ފައިސާއެއް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ.
މުއްތޮލިބް ވިދާޅުވީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިނިސްޓްރީގެ ދަށުން ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 9 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ. އަދި މިއަހަރު ސޮއިކުރި މަޝްރޫއުތައް ހިންގަން ބޭނުންވާނަމަ ވެސް، 7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ލިބިފައިވާ ފައިސާއިން ސޮއިކޮށްފަ ހުރި މަޝްރޫއުއެއްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"ނަމަވެސް ބަޖެޓުގައި އަޅުގަނޑުމެންނަށް ލިބިފައި ހުރީ ގާތްގަނޑަކަށް 5 މިލިއަނާ ގާތްކުރާ އަަދަދަކަށް. އެހެންމަ މިހާރު ސޮއިކޮށްފައި ހުރި މަޝްރޫއުތައް ވެސް ކުރިއަށްގެންދެވޭ ވަރަކަށް ފައިސާއެއް ނެތް" އޭނާ ވިދާޅުވި އެވެ.
ބަޖެޓް ކޮށްފައިވާ ވަރަށް ފައިސާ ހޯދުމަކީ ސަރުކާރުގެ ޒިންމާ އެކެވެ. ކޮންމެ އަހަރަކުވެސް ބަޖެޓް ކުރަނީ އެ ބަޖެޓަށް ވާ ވަރަށް ފައިސާ ލިބޭނެ ކަމަށް ބަލައިގެންނެވެ. ބަޖެޓް ކުރާ އިރު، އެފައިސާ ހުރެގެނެއް ނޫނެވެ. އެހެން ކަމުން، އިޤްތިޞާދު ކުރި އަރުވައި ޓްކެސް އިން ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިދާއާއި، ބޭރުން ލިބޭ އެހީ އާއި، ލޯނުގެ މައްޗަށް މި ބަޖެޓް ބަރޯސާ ވެއެވެ. މުއިއްޒުގެ ވެރިކަމުގެ ޓުއަރިޒަމަށް ކޮށްފައިވާ އަސަރުގެ ސަބަބުން ޓެކްސް އިން އަންދާޒާ ކޮށްފައިވާ ވަރަށް މީރާ އަށް ފައިސާ ވަދެފައި ނުވެއެވެ. އަދި ބޭރުން އެއްވެސް ލޯނެއް، އަދި ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީއެއް މުއިއްޒުގެ ސަރުކާރަކަށް ނުލިބުނެވެ. މީގެ އިތުރުން ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ސިޔާސީ ވަޒީފާތައް އިތުރުވެ، ޕްރޮޖެކްޓްތަކަށް ޚަރަދު ކުރަން ހުރި ފައިސާއިން ސިޔާސީ ފަރާތްތަކަށް މުސާރަ ދޭން ޖެހުމުން ޕްރޮޖެކްޓްތައް ހިންގޭނެ ގޮތެއް ވަނީ ނުވެފައެވެ.
މިނިސްޓަރ މުއްތަލިބު ވެސް ވަނީ މަޖިލީހުގައި މިކަން ފާހަގަ ކުރައްވާފައެވެ. މުއްތަލިބުގެ ވާހަކަފުޅުން މުއިއްޒުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން މަޖިލީހުގައި ކެބިނެޓް މިނިސްޓަރެއްގެ ދޫފުޅުން ހާމަ ވެގެން ދިޔައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ މަޝްރޫއުތައް ހިންގޭނީ ލޯނު ނަގައިިގެން ފައިސާ ހަމަޖެހުމުން ކަމަށެވެ. އަދި އެކަން ކުރެވޭނީ ސަރުކާރަށް އެ ފައިސާ ހޯދިގެން ކަމަށެވެ.
ބަޖެޓުގައި 49 މިލިއަން ރުފިޔާ ފާސްކޮށްފަ އިނަސް، އޭގެ ވަރަށް ބޮޑު ބަޔަކީ ދަރަނި ނަގައިގެން ހަމަޖައްސަން ހުރި އެއްޗެހި. އެހެންމަ ފިނޭންސް މިނިސްޓްރީން އެ ފައިސާ ރެއިޒްކުރެވުނީމަ ނޫނީ އަޅުގަނޑުމެންނަށް ހަރަދެއް ނުކުރެވޭނެ
މިނިސްޓަރު ވިދާޅުވި އެވެ.