ޚަބަރު

އިގްތިސާދު މިހާލަތަށް ދިޔައީ ފާއިތުވި ދެ އަހަރު ދިން ލަފާއަށް އަޅާނުލުމުން ކަމަށް ގަވަރުނަރު ވިދާޅުވީ ރައީސް ނަޝީދުގެ އެދިލެއްވުމަށް އެމްޑީޕީގެ އަގު ވައްޓާލުމަށް!

ދިޔަވަރު
އިގްތިސާދު މިހާލަތަށް ދިޔައީ ފާއިތުވި ދެ އަހަރު ދިން ލަފާއަށް އަޅާނުލުމުން ކަމަށް ގަވަރުނަރު ވިދާޅުވީ ރައީސް ނަޝީދުގެ އެދިލެއްވުމަށް އެމްޑީޕީގެ އަގު ވައްޓާލުމަށް!

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާލަތަށް ވެއްޓިގެން ދިޔައީ ފާއިތުވި ދެ އަހަރު ދެއްވި ލަފާއަށް ސަރުކާރުން އެއްވެސް އަހައްމިއްޔަތު ކަމެއް ނުދިނުމުން ކަމަށް ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފައިވާ އިރު، އެ ކޮމިޓީ ބައްދަލުވުމަށް ގަވަރުނަރު ހާޒިރު ކުރާ ގޮތަށް އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. ގަވަރުނަރު ވަނީ މާލިއްޔަތު ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަތުމުގެ ގޮތުން ލިޔުމެއް ފޮނުއްވައިފައެވެ.

"ވޭތުވެދިޔަ ދެ އަހަރުތެރޭގައި އެކަނިވެސް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި މަޝްވަރާތަކުން، އިގްތިސާދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން އިގްތިސާދު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ މި އޮތޯރިޓީން ހިއްސާ ކޮށްފައިވާކަން އެނގިލައްވާނެއެވެ،" ގަވަރުނަރު ލިޔުމުން ދެއްވި ޖަވާބުގައިވެއެވެ. ނަމަވެސް އެމްއެމްއޭއިން އިސް ނަގައިގެން ފިނޭންސް މިނިސްޓްރީއަށް އެފަދަ އެއްވެސް މައުލޫމާތެއް ދީފައި ނުވާކަން ފިނޭންސް މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކުން އެނގެއެވެ.

މިހާރުގެ ގަވަރުނަރު ހާޝިމް އަކީ ރައީސް ނަޝީދުގެ ފަރާތުން އައްޔަން ކުރެވުނު ބޭފުޅެކެވެ. އަދި ސިޔާސީ ގޮތުން ހާޝިމް ތާޢީދު ކުރައްވާ ފަރާތަކީވެސް ރައީސް ނަޝީދެވެ. ރައީސް ނަޝީދު މަސައްކަތް ކުރަމުން ގެންދަނީ މި ސަރުކާރުގައި އަލީ ހާޝިމް އެމްއެމް އޭގެ ގަވަރުނަރަކަށް ބެހެއްޓުމަށެވެ.

މަޖިލީހަށް ހާޒިރުވުމަށް އަލީ ހާޝިމް އަށް އެންގުމުން އެކަމާއި ރައީސް ނަޝީދާއި މަޝްވަރާކޮށް، މަޖިލީހަށް ހާޒިރު ނުވުމަށް ނިންމާފައި ވަނީ ނަޝީދުގެ އިރުޝާދުގެ މަތިންނެވެ. އަދި އެމްޑީޕީ އާއި ދެކޮޅަށް މަޖިލީހަށް ގަވަރުނަރު ލިޔުމުން މައުލޫމާތު ދެއްވީވެސް ނަޝީދުގެ އެދިލެއްވުމަށް ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ސަރުކާރުން ވަގު ފައިސާ ބޭރުން ގެނެސް އެމްއެމްއޭ އަށް ވައްދައި އެފައިސާ ދޮވުމަށް ބޭނުންވާ ކަމުގެ އަޑުތައް ސޯޝަލް މީޑިޔާގައި ވަނީ ގަދަވެފައެވެ. އަދި އެކަން ކުރުމަށް އަލީ ހާޝިމަށް އިތުބާރު ނުކުރެވޭތީ، މުއިއްޒުގެ ބަހަށް އޭނާ ވަކި ކުރުމުގެ ކުރިން، ފަލީހަތް ކުރުމަށް މަޖިލީހަށް ހާޒިރު ކުރަން މުއިއްޒު މަސައްކަތް ކުރަނީ ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ފާހަގަ ކުރަމުންނެވެ.

އިގުތިސާދީ މި ހާލަތުން އަރައިގަތުމަށް މުޅި ދިވެހި ދައުލަތް އެކުގައި ދަތި އަދި އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ހާލަތުގައި އޭނާ އަދި އެމްއެމްއޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ހާޝިމް ވިދާޅުވިއެވެ. މި ޔަގީން ކަން ހާޝިމް ދެއްވި އިރު، ރައީސް ނަޝީދު ހުންނެވީ، މުއިއްޒުގެ ސަރުކާރާއި އެކީއެވެ. އަދި މުއިއްޒުއަށް ވެރިކަން ހޯދަ ދިނުމަށް އެމްޑީޕީ ބައިބައި ކޮށް، ގިނަ މަސައްކަތްތަކެއް ޑިމޮކްރެޓްސް ވަނީ ކޮށްދީފައެވެ.