މާލޭގެ އެކި ހިސާބުތަކުގައި މަގުމަތީގައި ނިދާ ކައިބޮއި ހަދާ މީހުން އިތުރުވާން ފަށައިފިއެވެ.
ފޮޓޯއިން އެފެންނަނީ ދަނބުގޯޅީގައި ނިދާފައި އޮތް މީހެކެވެ. މީގެ އިތުރުން ފަރީދީ މަގާއި ފާމްދޭރި މަގުގެ އެކި ފިހާރަތަކުގެ ކުރިމަތީގައިވެސް ބައެއް މީހުން ނިދަން ތިބެއެވެ.
އެކަކު ކާނިވާ ސަރަހައްދުގައި ސަލާމް ޖަހައިގެން ކައިގެން ބޮއިގެން އުޅޭއިރު އޭނާ ނިދާނީ ހުޅުމާލޭ ބަސް ޓާމިނަލްގެ ގޮނޑިބަރީގަ އާއި ކާނިވަލުގެ އެކި ހިސާބުތަކުގައެވެ.
މީގެ އިތުރުންވެސް މާލޭ އެކި ހިސާބުތަކުގައި ނިދާ ކައިބޮއި ހަދާ މީހުން އިތުރުވަމުން އައި ނަމަވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އަދި މިކަމުގެ ސަމާލުކަމަށް އައި ކަމަކަށް ނުބެލެވެއެވެ.
ކުރިންވެސް، މާލޭގެ މަގުމަތީ ކޮންމެވެސް ވަރަކަށް މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް އުޅުނަސް، މިހާރު ގިނަ ބަޔަކު ހާލުގައި ޖެހި، ހަރަދުތައް ދެކޮޅު ޖެއްސޭނޭ ގޮތެއް ނެތިގެން ވަނީ، ވަންނާނެ ގެދޮރު ނެތި މަގުމަތި ވާން ފަށާފައެވެ.
ކުރީ ސަރުކާރަށް ވުރެ، މި ސަރުކާރުގައި ތަކެތީގެ އަގު ބޮޑުވެ، އިޤްތިޞާދީ ހާލަތު ދަނީ އިންތިހާއަށް ގޯސް ވަމުންނެވެ.