ޓަޖިކިސްތާނުގެ އުތުރުގައި ހުރި އުސް ފަރުބަދަތަކުގެ މެދުގައި، މިލިޓަރީ ބޭހެއް ޗައިނައިން ދަނީ ގާއިމް ކުރަމުންނެވެ. ސެޓެލައިޓް މަންޒަރުތަކުން، ޗައިނާއިން މި ސަރަޙައްދުގައި މިލިޓަރީ ބޭސްއެއް ބިނާކުރަމުންދާކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ. މިކަމަކީ އަފްޣާނިސްތާނުގެ މުސްލިމުންނަށް ހުރި ނުރައްކަލެކެވެ. އަދި އަވަށްޓެރި އިންޑިޔާއަށް ވެސް އޮތް ނުރައްކަލެކެވެ. އަދި މިކަން ކުރުމުގެ މަޤްޞަދަކީ އަފްޤާނިސްތާނުގެ މުސްލިމުންނަށް ބިރު ދެއްކުން ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.
2016 ވަނަ އަހަރު ޗައިނާއާއި ޓަޖިކިސްތާނާ ދެމެދު ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ މެދުގައި އަސްކަރީ ތަމްރީނުތައް ބޭއްވުމާއި، މިލިޓަރީބޭހެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. ނަމަވެސް، މިލިޓަރީ ބޭސް އަޅަމުންދާ ކަމުގެ މައުލޫމާތު ދެ ޤައުމުން ވެސް ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.
ޓަޖިކިސްތާނުގެ ރައީސް އެމޮމަލީ ރަޙްމޯން، ޗައިނާއާ އެކު ގާތް ގުޅުމެއް ބަދަހިކުރަމުން ދިއުމަކީ، އޭނާގެ ވެރިކަމުގެ ބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖޭގައި މުއިއްޒު ޗައިނާއާއި އެކު ދިވެހިންނަށް ގެއްލުންވާހެން ގުޅުން ބަދަހި ކުރަމުންދާ ބީދައިންނެވެ. މި ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ޓަޖިކިސްތާނުން ވަނީ ޗައިނާގެ "ޓެރަރިޒަމާ ދެކޮޅު" ސިޔާސަތުތައް ތަންފީޒުކުރަން ވެސް ފަށާފައެވެ. މީގެ ތެރޭގައި ހިޖާބު ބޭނުންކުރުން މަނާކުރުމާއި، އިސްލާމް ދީނުގެ ހަރަކާތްތަކަށް ހުރަސްއެޅުން ހިމެނެއެވެ.
މީގެ އިތުރުން ޗައިނާގެ އިޤްތިޞާދީ ނުފޫޒު ޓަޖިކިސްތާނުގައި އިތުރުވަމުންދާ މިންވަރު ފާހަގަކުރެވެއެވެ. ޗައިނާއިން ވަނީ ޓަޖިކިސްތާނުގެ އާ ރިޔާސީ ގަނޑުވަރާއި ޕާލިމެންޓް އިމާރާތް އިމާރާތްކޮށްދީފައެވެ. މީގެ އިތުރުން، މަގުތައް ހެދުމާއި، ކަރަންޓުގެ ވިއުގަ ޤާއިމުކުރުމުގެ މަޝްރޫޢުތަކުގައި ވެސް ޗައިނާގެ އިންވެސްޓްމަންޓް ބޮޑެވެ.
ނަމަވެސް، މި ތަރައްޤީއާއެކު ޓަޖިކިސްތާނުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދެމުންދެއެވެ. ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރާއި، މައިނިންގ މަޝްރޫޢުތަކުގެ ސަބަބުން ގިނަ އާބާދީތަކެއް ތަން ދޫކޮށް ދާންޖެހުމަކީ މީގެ ތެރެއިން ފާހަގަކުރެވޭ ބައެއް ކަންކަމެވެ. އަދި ޗައިނާގެ އިޤްތިޞާދީ ނުފޫޒު އިތުރުވުމާއެކު، ސިޔާސީ އަދި އަސްކަރީ ނުފޫޒު ވެސް އިތުރުވެދާނެކަމުގެ ބިރު އެގައުމުގެ ރައްްޔިތުން ދަނީ އިހްސާސް ކުރަމުންނެވެ.
ޓަޖިކިސްތާނަކީ ރަޝިޔާގެ ނުފޫޒު ބޮޑު ޤައުމަކަށް ވީނަމަވެސް، ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ސަމާލުކަން މިފަދަ ކަންކަމަށް ދަށްވަމުންދާ މިންވަރާއެކު، ޓަޖިކިސްތާނުން ވަނީ ޗައިނާއާ ދިމާލަށް އެއްކޮށް ދީލާލާފައެވެ.
ޚުލާޞާކޮށް ބަލާއިރު، ޗައިނާގެ ނުފޫޒު އިތުރުވަމުންދާއިރު، މި ބަދަލުގެ ދިގު މުއްދަތުގެ ނަތީޖާ އިން ސަރަހައްދީ ހަމަ ޖެހުމަށް ހުރަސް އެޅިގެން ދާނެއެވެ.