ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މިހަފްތާގައި ބެއިޖިންގއަށް ކުރި ދަތުރު ނުނިންމައި މެދުކަނޑާލުމަށް ފަހު ޑާކާއަށް އެނބުރި ވަޑައިގެންފިއެވެ. މިއީ އެ ދަތުރުން ބޭނުންވި މަޤްޞަދު ހާސިލުނުވިކަން ދޭހަކޮށްދޭ ކަމެކެވެ.
ޚަބަރު ތައް ބުނާ ގޮތުން، ހަސީނާއަށް ނުރުހުން އުފެދިފައިވަނީ ޗައިނާއިން މާލީ އެހީތެރިކަން ދިނުމަށް ވެފައިވާ ވަޢުދު ފުރިހަމަނުކުރުމާއި އެކަށީގެންވާ މެހެމާންދާރީ ޖައިނާއިން އަދާ ނުކުރުމުގެ ސަބަބުންނެވެ. މި މައްސަލައާ ގުޅޭގޮތުން ޚަބަރުތަކުގައި ވާގޮތުން ނަމަ ޗައިނާއިން ދަތުރުގެ ކުރިން 5 ބިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ޗައިނާއިން ވަޢުދުވެފައި ވީނަމަވެސް، ދަތުރުގެ ތެރޭގައި ކަށަވަރު ކޮށްދީފައި ވަނީ އެންމެ 700 މިލިއަން ޑޮލަރުގެ ލޯނު ޕެކޭޖެކެވެ.
ހަސީނާ އުންމީދުކުރެއްވީ ރައީސް ޝީ ޖިންޕިންގއާއެކު ދިގު ބައްދަލުވުމެއް ބޭއްވުމަށެވެ. ނަމަވެސް ޗައިނާގެ ރައީސް ބައްދަލުކުރެއްވީ ކުރުކޮށެވެ. ޗައިނާގެ ރައީސް އާއި އެކު ބައްދަލުވުންތައް ދިނުމުގެ ބަދަލުގައި ބައްދަލުވުންތައް ދީފައި ވަނީ ޗައިނާގެ ބޮޑު ވަޒީރު ލީ ގްއާން އާއި އެކީއެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީވެސް ޝެއިޚް ހަސީނާ ބައްދަލެއް ނުކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާގެ ދައުލަތުގެ މީޑިއާއިން ވެސް ހަސީނާގެ ޒިޔާރަތަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވެއެވެ. މިއީ ވަރަށް ދިމާ ނުވާ ކަމެކެވެ. އާއްމުކޮށް ޒިޔާރަތްކުރާ ލީޑަރުންނަށް ރަސްމީ މީޑިއާގައި ފާހަގަކޮށްލެވޭ ވަރަށް ޖާގަ ލިބެއެވެ.
މި ކަންތައްތަކުގެ ސަބަބުން ދަތުރުފުޅަށް ހިޔަނި އެޅި، ހަސީނާ އޭނާގެ ދަރިފުޅުގެ ސިއްހަތަށްޓަކައި ވިދާޅުވެ، އަވަހަށް އެނބުރި ޤައުމަށް ވަޑައިގަތުމަށް ނިންމެވި ކަމަށް ޚަބަރު ތަކުގައި ވެއެވެ. ބުރާސްފަތި ދުވަހު ބެއިޖިންގއިން އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް، ހަސީނާ ދަތުރު އެއް ދުވަހަށް ކުރުކުރައްވައި ބުދަ ދުވަހުގެ ރޭ އެނބުރި ޤައުމަށް ވަނީ ވަޑައިގެންފައެވެ.
ޗައިނާގެ ފަރާތުން ބަންގްލަދޭޝް ބޮޑުވަޒީރު ހަސީނާއަށް ކުރިމަތި ކުރުވި ޕްރެޝަރަށް ނުބަލައި، ބެއިޖިންގއަށް ދަތުރުކުރެއްވުމުގެ ކުރިން ނިއު ދިއްލީއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. މިގޮތުން ޖޫން މަހު ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ޒިޔާރަތް ކުރެއްވި އިރު، ފުރަތަމަ ފަހަރު ޒިޔާރަތް ކުރެއްވީ މޯދީ 3.0 ގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށެވެ. ބެލެވޭ ގޮތުގައި ޗައިނާއިން ހިތްހަމަ ނުޖެހުނީ މިކަމާއި އެވެ.
ބުދަ ދުވަހު ހަސީނާ ބައްދަލުކުރެއްވީ ރައީސް ޝީ އަދި ޗައިނާގެ ބޮޑުވަޒީރު ލީ ޗިއާންގއާ އެވެ. އަދި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ރަނގަޅުކުރުމަށް 21 އެއްބަސްވުމެއްގައި ސޮއިކުރެވައި 7 މަޝްރޫޢެއް އިޢުލާނު ކުރެއްވިއެވެ. އިޢުލާނުކުރެވުނު އައު މަޝްރޫޢުތަކުގެ ތެރޭގައި 'ޗައިނާ-ބަންގްލަދޭޝް މިނިވަން ވިޔަފާރި އެއްބަސްވުމުގެ އެކުއެކީގައި ކުރެވުނު ފީސިބިލިޓީ ދިރާސާ ނިންމުން' އަދި 'ޗައިނާ-ބަންގްލަދޭޝް ދެފަރާތުގެ އިންވެސްޓްމަންޓް މުޢާހަދާ އޮޕްޓިމައިޒް ކުރުމަށް މަޝްވަރާކުރަން ފެށުން' ހިމެނެއެވެ.
ޗައިނާއިން ދަނީ އިންޑިޔާގެ އަވަށްޓެރި ޤައުމުތަކަށް ނުފޫޒު ފޯރުވުމަށް ތަފާތު މަސައްކަތް ކުރަމުންނެވެ. ޗައިނާއިން ފަންޑު ކޮށްގެން އިންޑިޔާ އައުޓް ކެމްޕެއިނެއް ބަންގްލަދޭޝް ގައި ޖައްސާފައިވާއިރު، ރާއްޖޭގައި އެކަން ކުރުމަށް ޗައިނާއިން ފައިސާ ޚަރަދު ކޮށްފައިވާ ކަމަށް ބެލެވެއެވެ.